ކޮވިޑް 19 ގެ ސަބަބުން ކުރިމަތިވެފައިވާ، މި ނާޒުކު ދަނޑިވަޅުގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މެއިޑޭގެ ގޮތުގައި މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
މި ޓުވީޓުގައި ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ލޮޅުންތަކުގެ ސަބަބުން މިދަނޑިވަޅަކީ، މަސައްކަތްތެރިންގެ ހައްގުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަކީ އެހެން ގައުމުތަކަށް ބަރޯސާވުން ބޮޑު ގައުމަކަށްވުމުން އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު އެހެން ގައުމުތަކަށްވުރެ ބޮޑުވާނެ ކަމަށްވެސް ވިދާޅުވިއެވެ. މި ނާޒުކު ދަނޑިވަޅުގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކުރެއްވުމުގައި ދެމިހުންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވި އިރު، ކޮވިޑް 19ގެ ސަބަބުން ވަޒީފާ ގެއްލުނު ފަރާތްތަކާއި، މައްސަލަ ދިމާވެފައިވާ ތަންތަނުން މީހުން ވަޒީފާއިން ވަކިނުކޮށް ހިފެހެއްްޓުމަށް ބާރުއެޅުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ.
އެގޮތުން ވަޒީފާއިން ވަކިކުރާ މީހުންނަށް އެލަވަންސެއް ދޭން ވަނީ ނިންމާފައެވެ. އަދި ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިކަން ކުޑަކުރުމަށް ހާއްސަ ސްޓިމިއުލަސް ޕެކޭޖެއް ވަނީ ތައާރަފުކޮށްފައެވެ.
2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބުނު ރިޒޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދެވޭނެއެވެ. އަދި 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބުނު ވިޔަފާރިތަކަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ލިބޭނެ ގޮތްވެސް ވަނީ ހަމަޖައްސައިފައެވެ.
އަމިއްލަ މަސައްކަތްކުރާ ފަރާތަކަށް ވެސް ސަރުކާރުންވަނީ ގޮތްތްތަކެއް ހަމަޖައްސައިފައެވެ.
އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް އެދެވޭނެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ލޯނުތައް ދޫކުރުމަށް ނިންމާފައިވަނީ %6 އިންޓްރެސްޓް ރޭޓުގައެވެ. މި ލޯންތައް އަނބުރާ ދެއްކުމަށް 3 އަހަރު ލިބޭއިރު، 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެއެވެ.