ރިޕޯޓް

މިއީ ތިބާގެ ދަރިފުޅު "ކޮވިޑު ސިކް" ވިޔަ ނުދީ ރައްކާތެރިކޮށްދޭން ޖެހޭ ވަގުތު!

އައިދާ އަބްދުލް ހަކީމް

2

ކޮވިޑް 19 އަކީ ފާއިތުވި ގަރުނުގެ ތެރޭގައި މިހާތަނަށް މުޅިދުނިޔެ ދުށް އެންމެ ނުރައްކާތެރި ބައްޔެވެ. މިބަލީގައި އެތައްބަޔަކު ދުނިޔެއާ ވަކިވެގެން ހިނގައްޖެ އެވެ. މިބަލި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސިފަކުރީ މިއީ ދުނިޔެ ދުށް އެންމެ ބޮޑު ވަބާގެ ގޮތުގައެވެ. ނަމަވެސް ދިރިއުޅުމުގައި ހުންނަ ނޭދެވޭ ބައެއް ކަންކަން އިސްލާހު ކުރުމުން މިބަލިން ރައްކާތެރި ވެވޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ކޮންމެއަކަސް މި ބަލީގެ ސަބަބުން މުޅިދުނިޔެ ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ގައުމުތައް ލޮކްޑައުން ކޮށްފައިވާ މިހާލަތުގައި 24 ގަޑިއިރު ޓީވީ އާއި ސޯޝަލް މީޑިއާތަކުން ފެންނަމުން ދަނީ ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ވުރެ މައްޗަށް ދާ ކަމާއި އަދި ބަލީގައި މަރުވާ މީހުގެ އަދަދު އިތުރުވަމުންދާ ވާހަކަ އެވެ. އެތައް ބަޔަކު މަރަށް ތެޅެމުންދާ ވާހަކައެވެ. އަދިވެސް ބަލި މީހުންގެ އަދަދު މައްޗަށް އަރަމުންދާނެ ވާހަކަ އެވެ. އަދިވެސް އެތައް ހާސް ބަޔަކު މަރުވަމުންދާނެ ވާހަކައެވެ.

މި ބޮޑު ވަބާ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރި ރާއްޖޭގެ މުޖުތަމައު ތެރެޔަށް ވެސް މިބަލި ހައްދެއް ނެތް މިންވަރަށް ފެތުރި، ނާޒުކު ފައްތަރެއްގައި ގައުމު އޮތްއިރު ދެންވާނެ ގޮތެއް އަދި މިބަލި ފެތުރިގެންދާނީ ކިހާވަރަކަށް ކަމެއް، ބަލި ޖެހޭނީ ކޮންބަޔަކަށް ކަމެއް ނޭނގެ އެވެ. މަރުވާނީ ކިހާ މީހުންނެއް ކަމެއް ނޭނގެއެވެ. މިހުރިހާ ކަމެއްގެ ކަންބޮޑުވުންތައް އަޅުގަނޑުމެންގެ ތެރޭގައި އެބަހުއްޓެވެ.

އެހެންކަމުން ކޮވިޑް 19 އާ ގުޅިގެން ނަފްސާނީ މައްސަލަތައް އިތުރުވެގެން ގޮސްފައިވާކަން ނަފްސާނީ ބަލިތަކާއި ބެހޭ ޑޮކްޓަރުންނާއި މާހިރުންގެ އިތުރުން ރާއްޖޭގެ ރެޑް ކްރެސެންޓުން ވެސް ވަނީ ފާހަގަ ކޮށްފައެވެ. މިބަލީގެ ވާހަކަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގިނައިން އަޑު އެހުން ރައްކާތެރި ނޫންކަމަށް ޑޮކްޓަރުންނާއި ނަފްސާނީ ބަލިތަކާއި ބެހޭ މާހިރުން އަންނަނީ ކިޔައިދެމުންނެވެ.

ކޮވިޑް 19 އާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އައިޖީއެމްއެޗްގެ ނަފްސާނީ ބަލިތަކުގެ ހާއްސަ ޑރ. އާރިފް މުހައްމަދު ވިދާޅުވީ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކޮވިޑް 19 އާ ގުޅިގެން މިހިނގާ ކަންކަމުގައި ކުޑަކުދިންނަށް އޭގެ އަސަރު ނުކުރާ ކަމަށެވެ. އެކުދިން އެކަންކަމާމެދު ނުވިސްނާނެ ކަމަށެވެ. ނަމަވެސް ރެޔާއި ދުވާލު ކޮވިޑުގެ ތެރޭގައި ބޮޑެތިމީހުން އުޅޭ އިރު ކުޑަ ކުދިންނަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާނެ ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކުދިންގެ ހާސްވުމާއި ކަންބޮޑުވުން ފެންނާނީ އެކި ކުދިންގެ އެކި ގޮތަށް ކަމަށް ޑރ. އާރިފް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުޑަކުދިން އަންނަ ބަދަލުތަކުގެ ތެރޭގައި، ސްކޫލްތައް ބަންދުވެފައި އޮތުމުން އެކުދިންގެ އާންމު ތާވަލަށް ނޫޅެވުމުން ދިމާވާ ބިހޭވިއާ މައްސަލަތަކާއި، ކޮވިޑު ފަދަ ބިރުވެރިކަމެއްގެ ވާހަކަތައް ރެޔާއި ދުވާލު ހުއްޓުމެއް ނެތި އަޑުއިވި، ފެންނަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އެކަންކަމުގެ އަސަރުކޮށް، ނުނިދުން ފަދަ އުނދަގޫތައް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކުދިން މިކަމަށް ހުށަހެޅުން ކުޑަކުރަން ޖެހޭ ކަމަށާއި އެ ކުދިންނާއި ގިނައިން ވާހަކަ ދެއްކުމާއި، ކުދިން ކަންކަމުގައި ބައިވެރިކޮށް އެކުދިންގެ އަޑު އަހަންޖެހޭ ކަން ޑރ ފާހަގަ ކުރެއްވިއެވެ. އަދި ކުދިންނަށް ހިތްވަރުދީ އެކުދީންނަށް ވިސްނޭގޮތަށް މިކަމުގައި ހުރި މުހިންމުކަން ކިޔައިދޭން ޖެހޭ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

އެހެން ކަމުން އެންމެ ފުރަތަމަ މިފަދަ ކަންކަމުން އަރައިގަތުމަށް އަޅުގަނޑުމެން ބޮޑެތި މީހުން މިކަމުގައި ނަމޫނާ ބަޔަކަށް ވާންޖެހެއެވެ. ހާސްވާ ޒާތުގެ ވާހަކަ ތަކުން ދުރުވާން ޖެހެއެވެ. ސޯޝަލް މީޑިއާ އާއި ނޫސްކޮންފަރެންސްގައި އަދި ޓީވީތަކުން ވެސް މިދުވަސް ވަރު އަބަދުމެ ދައްކަނީ ކޮވިޑާއި ގުޅޭ ވާހަކަތަކެވެ. އެހެންކަމުން ހުރިހައި ވަގުތެއް ޓީވީ ބެލުމުގައި ހޭދަކުރާނަމަ އަބަދުވެސް އިވެނީ އެއް ވާހަކަތަކެކެވެ. އަބަދުވެސް ކޭސްތައް ގިނަވާ ވާހަކަ އެވެ. މީހުން ހާލުގައި ޖެހޭ ވާހަކަ އެވެ. ބަނޑަށް ޖެހޭ ވާހަކަ އެވެ. މަރުވާ ވާހަކަ އެވެ. ހާސްކަމުގެ ވާހަކައެވެ. ކެނޑިނޭޅީ މިވާހަކަތައް އަޑު އެހުމަކީ ނޭނގި ނަމަވެސް އަޅުގަނޑުމެންނަށް ބޮޑެތި ބަދަލުތައް އައިސް ނޭދެވޭ އަސަރުތައް ކުރަމުންދާނެ ކަންކަން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ކޮވިޑް 19 އާ ގުޅިގެން ލިބޭ ނަސްފާނީ ގެއްލުންތަކަށް ރައްކާތެރިކަން ހޯދުމަށް ބައިވަރު ފިޔަވަޅުތައް އަޅަން ޖެހެއެވެ. ގޭބަންދުވެފައި ތިބެން ޖެހިފައި ވުމުގެ ސަބަބުން އަޅުގަނޑުމެން ކަންކަމުގައި ރައްކާތެރިކަން ހޯދަން ނުވަތަ ހިތްހަމަ ޖެހުން ހޯދަން އާންމުކޮށް ކުރާ ކަންކަން ކުރެވޭނެ ހާލަތެއް މިހާރަކު ނެތެވެ. ގޭގައި ތިބެން ޖެހުމާއި މިސްކިތްތައް ބަންދުވުމާއި، މިކަހަލަ ކަންކަމާއި ގުޅިގެން ވެސް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އެބަދެއެވެ. އަދި ކުރިމަގަށް ވިސްނާ ނަމަ އިގްތިސާދީ ގޮތުން އަންނާނެ ހީނަރުކަމަކާއި، އެނޫންވެސް ކިތައްމެ ގިނަ ކަންތައްތަކެއް ވުމުގެ ފުރުސަތު އެބައޮތެވެ. ވަޒީފާގެ ރައްކާތެރިކަމާއި ދިރިއުޅުމުގެ ކަންކަމަށް ދެންދާނެ ގޮތެއް ވެސް ނޭނގެ އެވެ. އެހެން ކަމުން މިފަދަ ހުރިހާ ކަމަކީވެސް އެންމެންނަށް އޭގެ އަސަރު ކުރަމުންދާނެ ކަންކަން ކަމެވެ.

އެހެން ނަމަވެސް މިހުރިހާ ކަމަށް އަބަދު ވިސްނައި މީހާ ނަފްސާނީ ގޮތުން ބަލިކަށި ނުވުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އަޅުގަނޑުމެން ހެއްދެވި ފަރާތާއި އޮންނަ ގުޅުން ބަދަހި ކުރަން މީ ވަރަށް ރަނގަޅު މައްސަރެކެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި އަބަދު މާޔޫސްވާ ކަހަލަ ވާހަކަތައް ދެއްކުމުން ދުރުވުމާއި، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އަމަލުކޮށް ދިރިއުޅުން ބައްޓަން ކުރުމާއި، ގޭގައި ބަންދުވެފައި ތިބޭއިރު ވަކި ގަޑިތަކަށް ބަހާލައިގެން ކަންތައްތައް ކުރުމާއި، ނިދުމާއި ހޭލުމާއި ކެއުން ވަކި ގޮތަކަށް ބައްޓަން ކުރުމާއި، ދޭދޭ ގުޅުންތައް ބަދަހިކޮށް އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ހުރިހާކަމެއް އިންތިޒާމުކުރާ އިރު، ގޭތެރޭގައި ތިބި ކުޑަކުދީންނަށް ހާއްސަ ސަމާލުކަމެއް ދީ، އެކުދީން ޝާމިލުވާނެ ކަންކަމުގެ ލިސްޓެއް ހަދާލައި އޭގެ ތެރޭގައި އެކުދީން އުޅޭނެ ގޮތެއް ޔަގީންކުރުމުން މި ހާލަތުގެ ސަބަބުން އެކުދީންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ އެވެ. އެންމެ ފުރަތަމަ ކަމަކަށް ކޮންމެހެން ބަލަން ޖެހޭ މުހިންމު މައުލޫމާތެއް ދައްކާ ގަޑިތަކުގައި އެކަނި ކޮވިޑު މައުލޫމާތު ފެންނަ ގޮތަށް ޓީވީގެ ޗެނަލް ބަދަލުކުރެވިދާނެ އެވެ. އެނޫން ވަގުތުތަކުގައި ސިކުނޑިއަށް އެކި ކަހަލަ ފައިދާ ކުރުވަނިވި، މައުލޫމާތު ލިބޭ އަދި ހެއްވާ މަޖާ ޗެނަލްތައް ވެސް ބެލިދާނެ އެވެ. ސިކުނޑީގެ ތަރައްގީއާ ގުޅޭ ގޭމް ކުޅުވުން، ލިޔުއްވުން، ކުރެއްސުން، މިއީ ކުރެވިދާނެ ކަންކަމެވެ. އަދި ވަކީން ހާއްސަކޮށް ވަގުތުވާ މިންވަރަކުން، މައިންބަފައިންނާއި ބޮޑެތިމީހުން އެކުގައި ތިބެ އާއިލީ ފޯނުކޯލުތައް ކުރުމާއި ގިނަމީހުން އެކީ ބައިވެރިވެ ކުޅެވޭ ޒާތުގެ ކުޅިވަރުތައް ކުދީން ބައިވެރިކޮށް ކުޅުމަށް ވަގުތު ހޭދަކުރުމަކީވެސް އެކުދީންނަށް މިހާލަތުން ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ. ކުދީން ލައްވައި ފޮތުގައި ކުރެވޭ ބައެއް ކަހަލަ މަސައްކަތް ކުރުވައި އެޔަށް ބެލެނިވެރިޔާ މާކްސްދީ، ސްޓާ ދިނުން ފަދަ ކަންކަމުން އެކުދީން ކޮންމެ ދުވަހަކު އެކަން ކުރާހިތްވެސް ވާނެ އެވެ. ސްކޫލަށް ނުދިޔަ ނަމަވެސް، ގޭތެރޭގައި ކޮންމެވެސް މިންވަރެއްގެ ސްކޫލު ތަޖުރިބާއެއް ކުރުވިދާނެ އެވެ. އަދި ހަމަ އެހެންމެ މައިންބަފައިން ބަދިގޭގައި ކެއްކުމުގެ ކަންކަން ކުރާ އިރު، ބައިވެރިކުރުވޭ ވަރުގެ ކުދީން މަސައްކަތުގައި ޝާމިލު ކުރުވުމުން އެއީ އެކުދީންނަށް މިދުވަސްވަރު ހޯދޭނެ އިތުރު ތަޖުރިބާއަކަށް ވާނެ އެވެ. ބައެއް ކަހަލަ ކާތަކެތި އަމިއްލައަށް ހަދަން ވެސް ދަސްވާނެ އެވެ. ހަމަ އެހެންމެ ކޮޓަރި ސާފުކުރުން، ފޮތްތައް އަލުން އެހެން ގޮތަކަށް ކަބަޑުގައި އިންތިޒާމުކޮށްލުން ފަދަ ކިތަންމެ ކަމެއް ކުދީން ލައްވައި ކުރުވިދާނެ އެވެ. މުހިންމީ އެކުދީންގެ ފޯކަސް ހަމަ އެކަނި ކޮވިޑުގެ ބިރުވެރި ވާހަކަތަކާއި އަޑުތަކުގެ ތެރޭން ދުރުކުރުމެވެ.

އައިޖީއެމްއެޗްގެ ނަފްސާނީ ބަލިތަކުގެ ހާއްސަ ޑރ. އާރިފް ވިދާޅުވީ މިދިޔަ މަހު އައިޖީއެމްއެޗުން ބެލި ނަޕްސާނީ ބަލި މީހުންގެ އަދަދު ކުރީ އަހަރުގެ މާޗާ އަޅައި ބަލާއިރު ދެގުނަ އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މި ކުޑަކުޑަ ތަފާސްހިސާބުންވެސް މުޖުތަމައުގައި މިދުވަސްވަރު ނަފުސާނީ މައްސަލަތައް އިތުރުވެފައިވާ މިންވަރު އަދި އޭގެ އަސަރުކުރަމުންދާ ވަރު އެނގޭކަމަށް ޑރ. އާރިފް ފާހަގަ ކުރެއްވިއެވެ.

ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން މިކަހަލަ ކާރިސާތަކާއި ގުޅިގެން ނަފްސާނީ މައްސަލަތައް ކުރިމަތިވާ މީހުންގެ ތެރޭގައި ނިކަމެތި ފަގީރުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ރައްކާތެރިކަމެއް ނެތި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ތިބޭ މީނުންނާއި، ރަނގަޅު ނޫން މާހައުލުގައި ތިބޭ ކުޑަކުދިންނާއި، ބިދޭސީންނާއި އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުން ހިމެނެއެވެ. މިފަދަ މީހުންނަށް މި ހާލަތުގެ އަސަރު ބޮޑެވެ.

ހާލަތު ބަދަލުކުރެވޭނީ ވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްގެންނެވެ. އެންމެން ޝާމިލުވާގޮތުން ފަރުދީ ޒިންމާ ވެސް އަދާކޮށްގެންނެވެ. އެހެން ނަމަވެސް މި ހާލަތު އާދައިގެ ދިރިއުޅުމަކަށް ބަދަލުވުމާއި ހަމަޔަށްވެސް މިކަންކަމަށް އަޅުގަނޑުމެން ސަމާލުވާން ޖެހެ އެވެ. އެހެން ނޫން ނަމަ ކޮވިޑުގެ ހާލަތު ބަދަލުވާއިރު، ހިތާމަ ކުރާން ޖެހޭ ފަދަ އެހެން ހާލަތެއް އަޅުގަނޑުމެންގެ ލޯބިވާ ދަރީންނަށް ކުރިމަތިވެދާނެ އެވެ. ނޭނގި ތިއްބައި ވަގުތު ފާއިތުވެދާނެ އެވެ. ކިތަންމެ ބިޒީ ވިޔަސް، ބުރަޔަސް މިކަންކަމާ މެދު ވިސްނަވާށެވެ! މިއީ ތިބާގެ އާއިލާގެ މީހުންނަށް ނަފުސާނީ މައްސަލަތަކެއް ކުރިމަތިވެދާނެ ހާލަތެކެވެ. އެފަދަ ހާލަތަށް ހުށަހެޅިފައި ތިބޭ މީހުނަށް އެފުރުސަތު ބޮޑުކަން ވެސް ވިސްނަވާށެވެ! އަދި ވަކީން ހާއްސަކޮށް މާދަމާގެ ޒުވާން ޖީލު ކަމަށްވާ މިއަދުގެ ކުޑަކުދީން، "ކޮވިޑް ސިކް" އިން ސަލާމަތްކުރަން ޖެހޭ ވަގުތަކީ ވެސް މިއީކަން ދަނެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާށެވެ!