ޚަބަރު

ކޮވިޑް 19 ޖެހިގެން އާމިނަތު އާދަމު ނިޔާވި މައްސަލަ އެޗްއާރުސީއެމުން ތަހުގީގުކުރަން އިދިކޮޅުން ގޮވާލައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 ޖެހިގެން މިދިޔަ ބުދަ ދުވަހު އާމިނަތު އާދަމް ނިޔާވި މައްސަލައިގައި އިހުމާލެއް ވޭތޯ ބެލުމަށް އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފިއެވެ.

އިދިކޮޅު ފަރާތްތަކުން އޮންލައިންކޮށް ރޭ ބޭއްވި ނިއުސްކޮންފަރެންސްގައި އިދިކޮޅު ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުުގެ މަޑުއްވަރި ދާއިރާ ރައްޔތުންގެ މަޖިލީހުގެ މެންބަރުން އާދަމް ޝަރީފް ވިދާޅުވީ، އާމިނަތު އާދަމް ނިޔާވި މައްސަލައިގައި، ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށެވެ.

ނަމަވެސް އެކަން ސިއްހީ ހިދުމަތްތެރިންގެ ބޮލުގައި އެޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ކޮވިޑް 19 ޖެހިގެން ނިޔާވި މީހާއާ ގުޅިގެން އިހުމާލެއް އޮތްތޯ ބައްލަވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެހެން ވެގެން ކަމަށެވެ.

އެ ކަމުގައި އިހުމާލެއް އޮތްތޯ، ހެލްތު މިނިސްޓްރީން، ނުވަތަ އެޗްޕީއޭއިން ބެލިޔަސް އެޗްޕީއޭއަކީ ހެލްތު މިނިސްޓްރީގެ ބާރުގެ ދަށުގައި އޮތްތަނެއް ކަމުން އެ ތަހުގީގު ރަނގަޅަށް ދާނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން އެމައްސަލަ ރަނގަޅަށް ތަހުގީގުކޮށް، ހަގީގަތް އާއްމުންނަށް ހާމަކޮށްދިނުމަށް ޝަރީފް ވަނީ އެޗްއާރުސީއެމްއަށް ގޮލާއްވައިފައެވެ.

ޝަރީފް ވިދާޅުވީ ކޮވިޑް 19 ހަލުވިކަމާއެކު ރާއްޖޭގެ މުޖުތަމައަށް ފެތުރިގެން ދިއުމުގައި، ސަރުކާރުގެ އިހުމާލު އިންތިހާއަށް އެބައޮތް ކަމަށެވެ.

އެގޮތުން ކޮންމެ ހާލަތަކަށް ތައްޔާރުވެފައިވާ ކަމަށް މާކުރިއްސުރެ ސަރުކާރުން ބުންމުން އައި ނަމަވެސް އެކަށީގެންވާ ވަރަށް ޓެސްޓް ކިޓުތައް ހޯދިފައި ނުވާ ކަމަށާއި، ހައިރިސްކު މީހުންނަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިފައި ނެތް ކަމަށް ވިދާޅުވިއެވެ. އަދި ސަކުކާރުން ކުރަމުންދާ ކަންތައްތައް ވަރަށް ގާތުން ބަލައި ރެކޯޑް ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް ރާއްޖެއަށް ދިމާ ނުވާފަދަ ބިރުވެރިކަމެއް ދިމާވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ކަންތައްތައް ކުރިއަށް ގެންދާގޮތް ހިމަނައިގައިގެން މި ހާލަތާބެހޭ ފޮތެއް ނެރުއްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކޮވިޑް 19 ގެ މިހާލަތުގައި ސިއްހީ އެހީތެރިންނާއި، ދިވެހި ސިފައިންނާއި ފުލުހުން އިސް ސަފުގައި ހިތްވަރާއެކު ކުރާ މަސައްކަތްތައް ފާހަގަކޮށް އެކަަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ނަަމަވެސް ޝަރީފް ވިދާޅުވީ، ސިއްހީ ހިދުމަތްތެރިންގެ ލަފާވެސް ސަރުކަރުން އެދެވޭގޮތުގައި ބޭނުން ނުކުރާ ކަމަށާއި، އެކަންތަކަށްވެސް ސިޔާސީ ނފޫޒު ވަދެފައިވާ ކަމަށެވެ. އަދި އެޗްޕީއޭއަށްވެސް މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.