ޕޮލިސް

ގައިދުރުކޮށް ތިބުމަށް ހާއްސަ ފާހަގަތަކެއް މާލޭގެ ބައެއް ފިހާރަތަކުގެ ބޭރުގައި ޖަހަނީ

ގައިދުރުކޮށް ތިބުމަށް ހާއްސަ ފާހަގަތަކެއް މާލޭގެ ބައެއް ފިހާރަތަކުގެ ބޭރުގައި ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާހު ޝަރީފް ވިދާޅުވީ، މި ހާލަތުގައި ފަރުދީ ޒިންމާ އަދާކުރުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ވިިޔަފާރިކުރުމަށް ލިބޭ ހުއްދައިގެ ދަށުން ފިހާރަތަކުގެ ބޭރުގައި ކިއު ހަދާއިރުވެސް ގައިދުރުކަމަށް އިސްކަން ދިނުމާއި މާސްކާއި އަންގި ލައްވައިގެން އުޅުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުންނާ އެއްކޮށް އެބަ މަސައްކަތް ކުރަން މާލޭގެ ބޮޑެތި ފިހާރަތަކުގެ ބޭރުގައި އެކަހަލަ އިންތިޒާމްތަކެއް ފެންނަން ގޮތަށް، ހަދުމަފުޅުކޮށް އެރުވުމަށްޓަކައި އެކަހަލަ ނިޝާންތަކެއް ޖެހުމުގެ މަސައްކަތް ވެސް އެބަ ކުރިއަށްދޭ. ދެ ދުވަހެއްގެ ތެރޭގައި އެކަން ފެންނަން ހުންނާނެ،" ޝާމާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި ޑެލިވަރީއަށް ފުލުހުން ދޫކޮށްފައިވާ ހުރިހާ ހުއްދައެއް ބާތިލްކުރަން ނިންމައި، އަލަށް ދޫކުރާ ހުއްދަތާއެކު ކުރިއަށްވުރެ ބޮޑަށް މަގުތަކަށް ނުކުމެ އުޅޭ މީހުން ބެލެހެއްޓިގެންދާނެ ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލައި، ބާޒާރު މައްޗަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ޓީޖެޓީ އަދި ނޯތު ހާބަރަށް މުދާ ހިފައިގެން އަންނަ މީހުން، މާސްކު އަޅައިގެން ނޫނީ އެ ބަނދަރުތަކަށް ނުވަދެވޭ އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި ފިހާރަތަކުގެ ވިޔަފާރިވެރިން ވެސް އެކަން ކަމަށް ސަމާލުކަންދީ، ތަކެތި ގަންނަން އަންނަ ފަރާތްތަކަށް ވެސް މާސްކު އެޅުމަށް އިލްތިމާސްކުރުމަށް އެދިވަޑައިގަތެވެ.

ސަމީރު ވިދާޅުވީ، ފުލުހުން އަލަށް ދޫކުރާ ހުއްދައިގެ ދަށުން ފިހާރަތަކަށް ބޭނުންވާ މުދާ ގަތުމަށް ބާޒާރަށް ވެސް ދެވޭނީ ވަކި ފާހެއް އޮވެގެން ކަމަށެވެ. އަދި މިފިޔަވަޅުތަކާއެކު ކުރިއަށްއޮތް ތަނުގައި ބާޒާރުމަތިން މީހުން މަދުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.