ޑެލިވަރީ އަދި ވިޔަފާރި ކުރާ ފަރާތްތަކަށް ކުރިން ދޫކުރި ހުއްދަތަކުގެ މުއްދަތު ކުރިޔަށް އޮތް 24 ގަޑި އިރު ތެރޭ ހަމަވި ނަމަވެސް، ތެލާއި ފެން އަދި ގޭސް ފޯރުކޮށްދޭ ފަރާތްތަކަށް އިތުރު ހުއްދައެއް ބޭނުމެއް ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި ޑެލިވަރީއަށް ދޫކޮށްފައިވާ ހުރިހާ ހުއްދައެއް ބާތިލްކުރަން ނިންމައި، އަލުން އެ ހުއްދަތައް ދޫކުރަން ނިންމި ނަމަވެސް ތެލާއި ފެން އަދި ގޭސް ޑެލިވަރީކުރާ ވެހިކަލްތަކާއި މީހުން އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށެވެ.
"އިތުރު އެއްވެސް ފާހަގަކާ ނުލާ ފެނާއި ގޭހާއި ތެލާ ޑެލިވަރީ ނުވަތަ ބޭނުންވާ އޮޑިދޯނިފަހަރަށް ތެޔޮ އެޅުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ. ހަމަ ފެންވެސް ގޭގެއަށް ސަޕްލައިކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ،" ސަމީރު ވިދާޅުވިއެވެ.
ފުލުހުންގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ވިޔަފާރީގެ އުސޫލުން އެކި ހިދުމަތްތައް ދިނުމަށް ފުލުހުން ދޫކުރި ހުއްދަތައް ބާތިލްކުރުމަށްފަހު މަސައްކަތްތަކަށް ހުއްޓުމެއް އަޔަނުދިނުމައްޓަކައި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އަލުން ފާސް ހެއްދުމަށް އެދެވޭނެ ކަމަށެވެ.
"މި ބަދަލާއެކު މިހާތަނަށް ދޫކުރެވިފައި ހުރި ހުރިހާ ހުއްދަތަކެއް ބާތިލުވެގެންދާނެ 48 ގަޑިއިރަށްފަހު. 48 ގަޑިއިރު އަޅުގަނޑުމެން މިދެނީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން އަލުން އެޕްލައިކޮށްގެން މަސައްކަތަށް ހުއްޓުމެއް ނެތި ރައްޔިތުންނަށް ދެމުންދާ ހިދުމަތް ދެވޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން. މި ހުއްދަތައް ބާތިލުކުރަން އަޅުގަނޑުމެން ފަށާ ގަޑިއަކީ މާދަމާގެ 12:00 އިން ފެށިގެން. އެއަށްފަހު ހުރިހާ ފަރާތްތަކަކަށް ވެސް ލިބިގެންދާނީ 48 ގަޑިއިރު،" ފައިރޫޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަލަށް ދޫކުރާ ފާސްތަކުގެ ސެކިއުރިޓީ ފީޗާސްތައް ވަރުގަދަކުރުމުގެ ގޮތުން ކޮންމެ ފާހެއްގައި ކިއުއާރު ކޯޑެއް ހިމަނާފައިވާނެ ކަމަށެވެ. މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުން އެކޯޑު ސްކޭން ކުރުމުން ހުއްދަ ދޫކޮށްފައިވާ ފަރާތުގެ މައުލޫމާތާއި ހުއްދަ ދޫކޮށްފައިވާ އޮތް ބޭނުމާއި ދެވޭނެ ޒޯނު އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ.