ބޮލީވުޑް

ބަތަލު ރިޝީ ކަޕޫރު މަރުވެއްޖެ

ބޮލީވުޑްގެ ސުޕާ ސްޓާ، ރިޝީ ކަޕޫރު މަރުވެއްޖެއެވެ.

ދެއަހަރު ވަންދެން ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދަނިކޮށް ރިޝީ މަރުވީ މުމްބާއީގެ ސަރ އެޗްއެން ރިލައެންސް ފައުންޑޭޝަން ހޮސްޕިޓަލްގައެވެ. މަރުވިއިރު އަންހެނުން އަދި ބަތަލާ ނީތޫ ކަޕޫރުވެސް ގާތުގައި ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

67 އަހަރުގެ ރިޝީ މަރުވި ހަބަރު ވަނީ އޭނާގެ ބޭބެ ރަންދީރު ކަޕޫރު ޔަގީންކޮށްދީފައެވެ. މީގެ އިތުރުން މެގާ ސްޓާ އަމީތާބް ބަޗަންވެސް ވަނީ އެކަން ޓުވީޓުކޮށްފައެވެ.

ބަލި ހާލުބޮޑުވެ ރިޝީ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިއްޔެ ހެނދުނެވެ. އޭނާ ވަނީ 11 މަސްވަންދެން އެމެރިކާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާފައެވެ. ބަލިން ސަލާމަތްވެގެން އެނބުރި މުމްބާއީ އަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ. މިއަހަރު ފެބްރުއަރީގައިވެސް ރިޝީގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. އެފަހަރު އެޑްމިޓް ކޮށްގެން ފަރުވާ ހޯދީ އިންފެކްޝަނަކަށް ކަމަށް ރިޝީ އަމިއްލައަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތްވާ ރިޝީގެ އެއްބަނޑުއެއްބަފާ ތިން ބެއިން ތިބެއެވެ. ރިޝީ ފުރަތަމަ ބޮލީވުޑަށް ނުކުތީ 1973 ގައެވެ. އޭނާވަނީ ފިލްމު ޝްރޯ 420 އަދި މޭރާ ނާމް ޖޯކަރުގައި ކުޑަކުއްޖެއްގެ ރޯލުވެސް އަދާކޮށްފައެވެ.

މަގުބޫލު ގިނަ ފިލްމުތަކެއް ކުޅެފައިވާ ރިޝީ މަރުވިއިރު ދުނިޔޭގައި ދެދަރިންއެބަތިއްބެވެ. އެއީ އެކްޓަރު ރަންބީރު ކަޕޫރާއި އަންހެން ދަރިފުޅު ރިދިމާ ކަޕޫރެވެ.

ބޮލީވުޑަށް އިއްޔެއަކީވެސް ހިތާމަވެރި ދުވަހެކެވެ. އެގޮތުން އިއްޔެ ވަނީ ބަތަލު އިރްފާން ޚާން މަރުވެފައެވެ. މިދެމަރާއެކު ސިނަމާ އިންޑަސްޓްރީގެ ގިނަ މީހުން އަންނަނީ މީސްމީޑިއާ މެދުވެރިކޮށް ހިތާމަ ފާޅުކޮށް އެތަރިންގެ ހަނދާން އާ ކުރަމުންނެވެ. އަދި މި ވަގުތަކީ ކޮވިޑާއި ގުޅިގެން އިންޑިއާގައިވެސް ލޮކްޑައުން އިއުލާނުކޮށްފައިވާ ވަގުތެއްކަމުން، ރިޝީގެ މޫނު ބަލައި ޖަނާޒާގެ އެއްވުން ފަދަ ކަންކަން ކުރުން ވެސް ފަސޭހައެއް ނުވާނެއެވެ.