ދުނިޔެ

ކުއީންސްލެންޑުން އުފެއްދި ކޮވިޑް 19 ވެކްސިންގެ ޓެސްޓުގެ ނަތީޖާއިން އުންމީދު އާވެއްޖެ

ކޮވިޑް 19އާ ދެކޮޅަށް އޮސްޓްރޭލިއާގެ ދަ ޔުނިވާސިޓީ އޮފް ކުއީންސްލެންޑުން އުފައްދާ ވެކްސިންގެ ޓެސްޓުތަކުން އުންމީދީ ނަތީޖާތަކެއް ފެނިފައިވާ ކަމަށް އެ ޔުނިވާސިޓީގެ ދިރާސާވެރިން ބުނެފިއެވެ.

ކުއީންސްލެންޑުން އުފައްދާ ކޮވިޑް 19ގެ ވެކްސިންތަކުގެ ޕްރީ ކްލިނިކަލް ޓެސްޓުތަކުގެ ނަތީޖާ އިން ދައްކާ ގޮތުގައި، ވެކްސިންގެ ސަބަބުން ކޮރޯނާވައިރަސްގެ ގެއްލުން ކުޑަކުރެވޭ ވަރަށް ހަށިގަނޑުގައި އެންޓިބޮޑީސް އިތުރުކޮށްދެއެވެ.

އެ ޕްރޮޖެކްޓުގެ ކޯ ލީޑަރު ޕްރޮފެސަރު ޕައުލް ޔަންގު ވިދާޅުވީ ވެކްސިންގެ ނަތީޖާއިން ދެއްކީ އުންމީދުކޮށްގެން ތިބި ނަތީޖާ ކަމަށާއި އެއީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވެ، ބަލިން ރަނގަޅުވެފައިވާ ޕޭޝަންޓުންގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުން ދެއްކި ނަތީޖާއަށްވުރެ ވެކްސިން އިން އުފައްދާ އެންޓިބޮޑީގެ ބާރުގަދަވުމަކީ ލިބުނު އިތުރު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުއީންސްލެންޑުގެ ވެކްސިނުން އުންމީދީ ނަތީޖާތަކެއް ދެއްކި ނަމަވެސް، އެ ވެކްސިން ޓެސްޓުކުރަން ފެށޭނީ ޕްރީ ކުލިނިކަލް ޓެސްޓުތަކުގެ ފައިނަލް ނަތީޖާ ލިބުމުންނެވެ. އެ ނަތީޖާ ލިބޭނެ ކަމަށް ކުއީންސްލެންޑުގެ ދިރާސާވެރިން ބުނަނީ އަންނަ ޖޫން މަހުގެ ކުރީކޮޅު ހިސާބުގައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގައި ފެތުރެންފެށި ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރިފައިވާއިރު 3.1 މިލިއަން މީހުންނަށް އެބަލި މިހާރު ވަނީ ޖެހިފައެވެ. އަދި 218،000 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

ކޮވިޑް 19 މުޖައްރިބު ކަމާއެކު ފަސޭހަ ކުރެވޭނެ ބޭހެއް ވެސް އަދި މިހާތަނަށް ހޯދިފައި ނުވާއިރު، މުޅި ދުނިޔެ ވެސް އުއްމީދުކުރަނީ މި ބައްޔަށް ވެކްސިނެއް ހޯދޭނެ ދުވަހަކަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައި ވަނީ މި ބަލީގެ ދާއިމީ ފަރުވާއަކީ ވެކްސިނެއް ލިބުން ކަމަށެވެ.