ބޮލީވުޑް

ކޮވިޑަށް ފަންޑުހޯދުމަށް ބޮލީވުޑްތަރިން ގޭގައި އެކްޓުކޮށްގެން ކޮންސެޓެއް ބާއްވަނީ، ތަފާތު ހުނަރުތަކެއް ފެންނާނެ

ކޮވިޑް19 އިން ރައްކާތެރިވުމަށް އެހީވެދިނުމަށް ފަންޑުހޯދުމުގެ ގޮތުން ބޮލީވުޑް ތަރިން ހިމެނޭ ގޮތަށް ކޮންސެޓެއް ބާއްވަން ނިންމައިފިއެވެ.

ކަރަން ޖޯހަރު އަދި ޒޯޔާ އަޚްތަރު އިސްނަގައިގެން ބާއްވާ މި ކޮންސެޓުން ލިބޭ ފައިސާ ޖަމާ ކުރަން ނިންމާފައިވަނީ "ގިވް އިންޑިއާ ފައުންޑޭޝަން" އާއި ބަލީގައި ހާލުގައި ޖެހޭ މީހުނަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ކޮންސެޓުގައި ބޮލީވުޑްގެ ސުޕަސްޓާރުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ޝާހުރުކް ޚާން، ރިތިކް ރޯޝަން، އާމިރު ޚާން، އަކްޝޭ ކުމާރު، ކަރީނާ ކަޕޫރު ޚާން، ރަންވީރު ސިންގު، ވަރުން ދަވަން، އާލިއާ ބަޓް، އަރްޖުން ކަޕޫރު، ސިދްއާތު މަލޯތުރާ، ކެޓްރީނާ ކައިފް، ޕްރިޔަންކާ ޗޯޕްރާ އަދި އަނުޝްކާ ޝަރުމާ ހިމެނެއެވެ.

މި މަސައްކަތް ކަރަން އާއި ޒޯޔާ މީގެ ހަފުތާއެއް ކުރިން ފަށާފައިވާއިރު ހަތަރު މިނެޓަށް ވުރެ ދިގު ނުވާނެހެން ހުށަހެޅުމެއް ރިކޯޑުކޮށްފައި ފޮނުވަން ބައިވެރިވާ ތަރިންނަށް ވަނީ އަންގާފައެވެ. ކޮންމެ ތަރިޔަކުވެސް ހުށަހެޅުން ރިކޯޑު ކުރާނީ އަމިއްލަ ގޭގައެވެ. ހުރިހާ ކްލިޕްތައް ލިބުމުން ޒޯޔާ އަދި ކަރަން އެ ކޮމްޕައިލްކޮށް ވީޑިއޯ ތައްޔާރުކުރާނެ އެވެ.

މުޅި ކޮންސެޓްގެ ދިގުމިން ދެގަޑިއިރު ވަރު ވާނެކަމަށް ލަފާކުރެއެވެ. އޭގައި ލަވައާއި ނެށުމާއި ވާހަކަދެއްކުމާއި އެކްޓު ކުރުން ހިމެނޭނެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ރިތިކް ވަނީ ކިޝޯރު ކުމާރުގެ ލަވަ "ޔާރާނާ" ކިޔަން ނިންމާފައެވެ. އަދި އާލިޔާ ވެސް ވަނީ ލަވައެއް ކިޔަން ނިންމާފައެވެ.

ބޮލީވުޑްތަރިންގެ ކޮންސެޓެއް ހަދަން ނިންމާފައިވާއިރު މީގެ ކުރިން ހޮލީވުޑް ލަވަކިޔުންތެރިޔާ ލޭޑީ ގާގާވެސް ވަނީ ގްލޯބަލް ކިޓިޒަން ކެމްޕެއިނެެއްގެ ގޮތުގައި ހޮލީވުޑް އަދި ބޮލީވުޑްގެ ގިނަ ތަރިން ހިމެނޭ ގޮތަށް ކޮންސެޓެއް ބާއްވަން ނިންމައި އެކަން އިއުކާނުކޮށްފައެވެ. "ވަން ވޯލްޑް: ޓުގެދާ އެޓް ހޯމް" ނަމުން ނަންދީފައިވާ މި މަސައްކަތުގައި ޕްރިޔަންކާ ޗޯޕްރާވެސް ބައިވެރިވެއެވެ. މިއީވެސް ފަންޑު ހޯދުމަށާއި އިތުރަށް ހޭލުންތެރިކުރުމަށް ބާއްވާ ކޮންސެޓެކެވެ.