ރާއްޖޭއިން ކޮވިޑް 19 ފެނުމާ ގުޅިގެން ސްކޫލުތަކާއި ކޮލެޖުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވަން ޖެހުމާ ގުޅިގެން ރިމޯޓް އެޑިއުކޭޝަނަށް މަގުފަހިކޮށް ކިޔަވާކުދިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމުގައި ހާއްސަ އެޑިއުކޭޝަން ޒޯނެއް ގާއިމު ކޮށްފިއެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި ދިރާގު ޓީވީގެ މި އެޑިއުކޭޝަން ޒޯނު ގާއިމުކޮށްފައިވަނީ "އެޑިއު ޒޯން"ގެ ނަމުގައެވެ. އަދި މި ޒޯނުގައި ހިމެނޭ ކޮންޓެންޓު ހޯދާފައިވަނީ ރާއްޖޭގެ މަޝްހޫރު އެޑިއުކޭޝަން ކޮންޓެންޓް ޑިވެލޮޕް ކުރާ ބައެއްކަމުގައިވާ ހޮލޯގޯއާ ގުޅިގެން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. ދިރާގުން މައުލޫމާތު ދިން ގޮތުގައި ހޮލޯގޯ ވަނީ ދާދި ފަހުން ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު އެޕެއް ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނިފައެވެ.
އެގޮތުން "އެޑިއު ޒޯން"ގެ ހިދުމަތް މެއި މަސް ނިމެންދެން ހިލޭ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި ދިރާގު ޓީވީގެ އެޑިއު ޒޯންގެ ކޮންޓެންޓްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑު މެދުވެރިކޮށް ބެލޭނެ ކަމަށާއި ގޭގައި ދިރާގު ޓީވީ ނުހުންނަ ކަސްޓަމަރުންނަށް "އެޑިއު ޒޯން"ގެ ހިދުމަތް ދިރާގު ޓީވީގެ މޯބައިލް އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ. އެގޮތުން "އެޑިއު ޒޯން"ގެ ހިދުމަތް ބޭނުންވާ ކަސްޓަމަރުން ދިރާގު ޓީވީގެ މޯބައިލް އެޕަށް ވަދެ ޔޫސާނޭމް އަދި ޕާސްވޯޑެއްގެ ގޮތުގައި “Play” ޖެހުމުން "އެޑިއު ޒޯން"ގެ ކޮންޓެންޓުތައް ބަލައިލެބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ދިރާގު ޓީވީ އެޕް ބޭނުން ކުރުމަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކުން އެއްވެސް ޗާޖެއް ނުނަގާނެ ކަަމަށް ވެސް ދިރާގުން ބުނެއެވެ.
މި ދުވަސްވަރާ ދިމާކޮށް މިފަދަ ހިދުމަތެއް ހިލޭ ފޯރުކޮށްދިނުމަށް ދިރާގުން ނިންމާފައިވަނީ ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫނާރާނެހެން، ބޭނުންތެރި ތައުލީމީ ކޮންޓެންޓް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި ދިރާގުޓީވީ އަކީ މިހާރު ރާއްޖޭގައި ހުރި ހަމައެކަނި "އެޑިއުޓެއިންމެންޓް" ޕެލެޓްފޯމްކަން ދިރާގުން ފާހަގަ ކުރެއެވެ.
އެގޮތުން ދިރާގުގެ އެޑިއުޒޯންގައި އައިޖީސީއެސްއީ ކަރިކިއުލަމްގެ މާއްދާތަކާ ގުޅޭ މުހިންމު ކޮންޓެންޓް ހިމެނޭ ކަމަށާއި، ވީޑިއޯ ފިލާވަޅުތަކުގެ އިތުރުން އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެސްދޭ ބައެއް ފިލާވަޅުތައް ވެސް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ. އަދި އެޑިއު ޒޯންގައި އެކުލެވިގެންވާ ކޮންޓެންޓް އުފައްދާފައިވަނީ ތައުލީމީ ދައިރާގެ ބޭފުޅުންގެ ލަފާގެ މަތިން ގްރޭޑް 6 އިން 10 އަށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ކަމަށް ދިރާގުން ބުނެއެވެ.