ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހޯދި ކުރިއެރުމަށް އެމެރިކާއިން މަރުހަބާ ކިޔައިފިއެވެ.
ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ކޮންމެ އަހަރަކު އެއް ފަހަރު ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ރިޕޯޓުގައި ރާއްޖެ ވަނީ 19 ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.
އެގޮތުން 2018 ގައި ރާއްޖެ 120 ވަނައިގައި އޮތް ނަމަވެސް، މިދިޔަ އަހަރު ރާއްޖެވަނީ 22 ދަރަޖައިގެ ކުރިއެރުމެއް ހޯދައި 98 ވަނައަށް ޖެހިލައިފައެވެ. އަދި މިއަހަރު ރާއްޖެ އޮތީ 79 ވަނައިގައެވެ.
އެކަމާ ގުޅިގެން އެމެރިކާގެ ހާރިޖީ ވުޒާރާ ކަމަށްވާ ސްޓޭޓް ޑިޓާޕްމެންޓްގެ ދެކުނު އޭޝިއާއާ ބެހޭ ބިއުރޯއިން ކުރި ޓުވީޓުގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިިނިވަންކަމުގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާ އިން މަރުހަބާ ކިޔާ ކަމަށެވެ. އަދި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވެސް ރައްޔިތުންނަށް ފަސޭހައިން ތެދު ހަބަރާއި މައުލޫމާތު ލިބޭނެ އިންތިޒާމު ޔަގީންކުރުމަށް ވެސް އެ ޓުވީޓުގައިވެއެވެ.
"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ރިޕޯޓުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާ އިރު، އެންމެ ކުރީގައި އޮތީ ބޫޓާނެވެ. ބޫޓާން އޮތީ ރޭންކިންގެ 67 ވަނައިގައެވެ. ބޫޓާނަށްފަހު ރޭންކިންގައި ދެން އޮތީ ރާއްޖެއެވެ. ނޭޕާލް 112 ވަނައިގައި އޮތް އިރު، ސްރީލަންކާ އޮތީ 127 ވަނައިގައެވެ. އިންޑިއާ އޮތީ 142 ވަނައިގައެވެ. ޕާކިސްތާނު 145 ވަނައިގައި އޮތް އިރު، ބަންގުލަދޭޝް އޮތީ 151 ވަނައިގައެވެ.