ޑީޖޭއައިގެ އެންމެ ރައްކާތެރި ޑްރޯން "މެވިކް އެއާ 2" ތައާރަފުކޮށްފި އެވެ.
ދުނިޔޭގައި ޑްރޯން އުފައްދާ އެންމެ ބޮޑު ކުންފުނި ޑީޖޭއައި އިން މިފަހަރު ތައާރަފުކުރި "މެވިކް އެއާ 2" ގައި އަދި މިހާތަނަށް އެއްވެސް ޑްރޯން އެއްގައި ނުހިމެނޭ ސަލާމަތީ ފީޗާއެއް ވަނީ ހިމަނާފައެވެ.
"މެވިކް އެއާ 2" ބޭނުން ކުރާ ވަގުތު ޑްރޯން އާ ކައިރިން އެއްވެސް ފްލައިޓެއް ދަތުރު ކުރާނަމަ ކޮންޓްރޯލް ސްކްރީނަށް ފްލައިޓުގެ ލޮކޭޝަން ދައްކާނެއެވެ. އަދި ޑްރޯން އާ ދިމާއަށް ފްލައިޓް ދަތުރުކުރާނަމަ ޑިސްޕްލޭއަށް ނުރައްކާ މެސެޖުތަކުގެ އިތުރުން ނުރައްކާ ކަމުގެ އަޑާއެކު ކޮންޓްރޯލަރު ވައިބެރޭޓް ކުރާނެއެވެ.
ޑީޖޭއައި އިން ހާމަކުރާ ގޮތުން "މެވިކް އެއާ 2" އިން ސަލާމަތީ އާ ފީޗާ އިން އޮޓޯމެޓިކް ޑިޕެންޑެންޓް ސަވައިލެންސް ބްރޯޑްކާސްޓް ޓެކްނޮލޮޖީގެ އެހީގައި ރޭޑިއޯ އަދި ސެޓެލައިޓް ސިގްނަލް ބޭނުންކޮށް ފްލައިޓު އޮންނަ ލޮކޭޝަން ހޯދާނެއެވެ.
މިފަހަރުގެ ޑްރޯން "މެވިކް އެއާ 2" އަށް ކުރީގެ މޮޑެލްތަކާ ހިލާފަށް 34 މިނެޓު ފްލައި ކުރެވޭނެއެވެ. މިޑްރޯންގެ ކެމެރާގައި ވަރުގަދަ ސެންސަރެއް ހުނައިރު 8ކޭ ރިޒޮލިއުޝަން ގެ ޓައިމްލެޕްސް ފީޗާ ވަނީ ހިމަނާފައެވެ.
"މެވިކް އެއާ 2" ތައާރަފުކޮށްފައި ވާއިރު ސަޕްލައި ކުރުމުގައި ކޮވިޑް-19 އާ ގުޅިގެން ދަތި ތަކެއް ހުރިކަމަށް ޑީޖޭއައި އިން ވަނީ ބުނެފައެވެ. "މެވިކް އެއާ 2" މިވަގުތު ލިބޭނީ ހަމައެކަނި އުތުރު އެމެރިކާ ސަރަހައްދަށް އެކަނި ކަމަށް ވެސް އެކުންފުނިން ބުނެއެވެ. ޗައިނާއިން ވެސް މިހާރު ގަނެވޭނެކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ޑެލިވަރީ ކުރެވެން ފެށޭނީ އަންނަ މަހުގެ މެދުތެރޭކަމަށް ޑީޖޭއައި އިން ބުނެއެވެ.