ކޮވިޑް 19 އާ ގުޅިގެން މިހާލަތުގައި އެކި ދާއިރާތަކުގައި ރައްޔިތުންގެ ހިދުމަތުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ހިދުމަތްތެރީންގެ ވާހަކަތައް މީޑިއާތަކުގައި އަންނަނީ ހިއްސާ ކުރަމުންނެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނާއި ފާމަސިސްޓުންނާއި ސިއްހީ އެހީތެރިންނާއި ފުލުހުންނާއި ސިފައިން އަދި އާންމުންގެ ގޭބިސީތަކުގައި އުފެދޭ ކުނި ރައްކާތެރިކަމާއި އެކު ނައްތާލުމަށް ބުރަ މަސައްކަތްތަކެއް ކުރާ ވެމްކޯގެ މުވައްޒަފުންގެ ވާހަކަ އަކީ މިހާރު ގިނަބަޔަކު ޝުކުރުވެރިކަމާ އެކު ދައްކަމުން އަންނަ ވާހަކަތަކެވެ.
މިއީ ވެސް އެފަދަ ހިދުމަތްތެރިއެއްގެ ވާހަކައެވެ. އެކަމަކު ތަފާތު ދާއިރާއެކެވެ.
ރައްޓެއްސަކު ފޭސްބުކުގައި ޝެއާކުރި ޕޯސްޓެއް ކިޔާލުމުން އާންމުންނާއި ހަމައަށް މިވާހަކަ ވެސް ގެނެސްދިނުމުގެ ޝައުގު އުފެދިގެން ދިޔައެވެ. ސަބަބަކީ ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމުން އެތަކެތި އާންމު މީހާ ހަމައަށް ފޯރުކޮށްދިނުމުގައި މިދަތި ދަނޑިވަޅުގައި ވެސް އާދަޔާ ހިލާފު ހިތްވަރެއް ދައްކަމުން އައި އަދި ތަފާތު މަސައްކަތެއް ކުރާ ކަނބަލެއްގެ ވާހަކައަކަށް ވާތީ އެވެ.
ކޮވިޑް 19 މުޅިދުނިޔެއަށް ފެތުރި އެބަލި ރާއްޖެއިން ފެނުމުންވެސް ރައްޔިތުންގެ ހިދުމަތުގައި ކުރީސަފަށް ނުކުމެ މަސައްކަތް ކުރި މީހުންގެ ލިސްޓުގެ ވެސް ކުރީ ސަފުން ޖާގަ ލިބޭނެ އެކަކަށް ވެގެންދާނީ މި އަންހެނާ އެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގައި މިރޯދަމަހާއި ހަމައަށް މަސައްކަތުގައި ދެމިހުރި ރާއްޖޭގެ ފުރަތަމަ ހެވީ ވެހިކަލް އޮޕަރޭޓަރު ފަރާ އިބްރާހިމް އެވެ.
ފަރާ ތަފާތުވަނީ އޭނާ ކުރާ މަސައްކަތަކީ އާންމުންނަށް މުހިންމު، މިދަނޑިވަޅުގައި ވަކިން ބޮޑަށް ބޭނުންވެފައިވާ އަދި އެމަސައްކަތް ރާއްޖޭގައި ކުރާ ހަމަ އެކަނި އަންހެނަކީ އޭނާ ކަމަށްވީތީ އެވެ. ކޮވިޑް 19 މުޅިދުނިޔޭގައި ފެތުރި، އެބަލި ރާއްޖެއިން ވެސް ފެނި، ބައްޔަށް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވަމުން ދިޔަ އިރުވެސް ބަލީގެ ހައިރިސްކުމީހުންގެ ތެރޭގައި ހިމެނޭ ފަރާ ވަނީ ޖެހިލުމެއް ނެތި އާންމުންގެ ހިދުމަތުގައި މި ރަމަޟާން މަސް ފެށުމާއި ހަމައަށް މަސައްކަތްކޮށްފަ އެވެ.
އެމްޕީއެލްގެ ސީޕޯޓުގައި، ހެވީ ވެހިކަލްސް އޮޕަރޭޓު ކުރުމުގެ ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާގެ މަސައްކަތަކީ ރާއްޖެއިން ބޭރުން ގެންނަ މުދާ ބޯޓުން ބޭލުމުން ފޯކްލިފްޓްގައި ކޮންޓެއިނާތަކުން ނެރެ އެމުދާ ދެން ގެންދަން ޖެހޭ ތަންތަނަށް ގެންދިއުމެވެ. މުސްތަގުބަލުގައި ކެރޭން އާއި ޓްރެއިލާ ދުއްވުމުގެ އުއްމީދުގައި ހުރި ފަރާ އަކީ ކޮވިޑް 19 ގެ ހައިރިސްކް އަންހެނުންގެ ތެރެއިން އެމްޕީއެލް އިން އެންމެ ފަހުން ރިލީސް ނެގި މީހާވެސް މެއެވެ.
ފަރާ ބުނީ އެމްޕީއެލް އަކީ މުވައްޒަފުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން އޭނާ އަކީ ޑައިބެޓިކްގެ އިތުރުން ނޭވާ ހިއްލުމުގެ މައްސަލަވެސް ހުންނަ މީހެއްކަން އޮފީހަށް އެނގުނު ހިސާބުން އޭނާ ގޭގައި ބެހެއްޓުމަށް އެ އޮފީހުން ނިންމި ކަމަށެވެ.
"ނޭވާހިއްލުމާއި ޑައިބެޓިކް ހުންނާތީ އެކަން އެނގުމުން އޮފީހަށްވެސް ވެސް އަދި އަޅުގަނޑަށް ވެސް ވިސްނުނީ މިހާލަތުގައި ކިތައްމެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ހިތްވިޔަސް ގޭގައި ހުންނަން ޖެހޭކަން. އަޅުގަނޑު މަސައްކަތުގައި އުޅެނިކޮށް ނޭވާ ހިއްލައި ކަމެއް ވީމަވެސް މިދުވަސްކޮޅު ދާން ޖެހޭނީ ފްލޫ ކްލިނިކަށް. އެހެންވީމަ މިދުވަސްކޮޅު ކިތައްމެ ބޭނުން ނުވިޔަސް ގޭގަ އޮންނަން މިޖެހެނީ. އެކަމަކު ވެސް އޮފީހުގައި ބުނެފަ އޮންނާނީ ނިކުންނަން ޖެހިއްޖެއްޔާ މިހިރީ ނިކުންނަން ތައްޔާރަށޭ" ފަރާ ބުންޏެވެ.
ފަރާގެ ދެ ދަރިން ދިރި އުޅެމުން އަންނަނީ އޭނާއާ ވަކިން ކަމަށް ވީނަމަވެސް އެކުދިން ސްކޫލަށް ގެންދިއުމާއި އިތުރު ހަރަކާތްކަށް ގެންދިއުމުގެ ޒިންމާ އުފުލަމުން އައި ނަމަވެސް، ކޮވިޑް ބަލި ފެތުރެން ފެށުމާއި އެކު މިދުވަސްކޮޅު އެކުދިން ދެކިލަން ނުދެވުމަކީ ފަރާ އެންމެ ހިތާމަކުރާ ކަންތަކެވެ. ފަރާ މަސައްކަތްކުރާ އެމްޕީއެލްގެ ވިޔަފާރި ބަނދަރަކީ ގިނަ އަދަދެއްގެ އާންމުންނާއި ބޯޓުތަކުން އަންނަ މީހުންނާއި މަޖޫރީން ވެސް މަސައްކަތްކުރާތަނެއް ކަމުން މިދުވަސްކޮޅު ވަޒީފާގެ މަސައްކަތަށްފަހު ކުދިން ގާތަށް ދިއުމަކީ އެކުދީންގެ ރައްކާތެރިކަމަށް ބަލާއިރު ރައްކާތެރި ކަމެއް ނޫންކަމަށް ފަރާ ދެކެއެވެ.
"އަޅުގަނޑަށް ބަލި ޖެހިދާނެތީ ހިދުމަތުން ފަހަތަށް ޖެހޭކަށް ބޭނުމެއް ނޫން. އޮފީހުން ފޮނުވާލީމަ ފަހުންވެސް ބުނިން ނެރެދޭށޭ މަސައްކަތަށް ގޮސްދޭނަމޭ. އެންމެ ފަހުމީހާއާ ހަމަޔަށް ހުރެދޭނަމޭ. ގައުމަށް ކަމެއް ކޮށްދެވޭނީ މިފަދަ ދަނޑިވަޅެއްގައި. ވިޔަފާރިވެރިންގެ މުދާ އާންމުންނާއި ހަމައަށް ގެނެވޭނީ އަޅުގަނޑުމެން ކުރި ހިއްވަރަކުން." ފަރާ ބުންޏެވެ.
ފަރާ އާ ގުޅޭގޮތުން އޭނާ މަސައްކަތް ކުރާ ޑިޕާޓްމަންޓްގެ ސީނިއާ އިކުއިޕްމަންޓް ސްޕަވައިޒަރު މުދުރިކަތު ވިދާޅުވީ މިދުވަސްކޮޅުގަ އެފަދަ މަސައްކަތެއްގައި އުޅެވޭނީ ވަރަށް ހިއްވަރު ހުރެގެން ކަމަށެވެ.
"ބަލިޖެހިދާނެތީ އެއްވެސް ވަރަކަށް ބިރުންނެއް ނޫޅޭ. އެކަމަކު މިދުވަސްކޮޅު ހައިރިސްކް މީހެއްވީމަ ރިލީސް ދީފަ އެހެރީ. މިކަން ހަމަޔަކަށް އެޅުމުން އަނެއްކާވެސް ހަމަ މަސައްކަތައް ނުކުންނާނެ." މުދުރިކަތު ވިދާޅުވިއެވެ.
ވެހިކަލް އޮޕަރޭޓަރުންގެ މަގާމަށް 400 އެއްހާ މީހުން ކުރިމަތިލިއިރު އޭތެރޭގައި ހިމެނޭ ހަމައެކަނި އަންހެނަކީ ފަރާއެވެ. އަދި އެމަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޓްރެއިނިންއަށް 13 ވަރަކަށް މީހުން ހޮވުނު އިރު އޭގެތެރޭގައިވެސް ފަރާވަނީ ހިމެނިފައެވެ. އަންހެނަކަށްވީތީ އެމަސައްކަތުގައި އުޅޭއިރު މީހުންގެ ފަރާތުން ފުރައްސާރަ ކުރިމަތި ނުވާކަމަށް ފަރާ ބުންޏެވެ. އަދި އެންމެންވެސް އޭނާއަށް އެކަމުގައި ހިތްވަރު ދެއެވެ.
މިދަނޑިވަޅުގައި ހުރިހާ ދިވެހީނަށް ފަރާ ދިނީވެސް އަސަރުގަދަ މެސެޖެކެވެ.
"އަޅުގަނޑުމެން އެންމެންނަކީވެސް ރާއްޖޭގެ ރައްޔިތުން. މިގައުމަށް ނިސްބަތްވާ މީހުން. ވިސްނަންވީ ތިމާއަށް ގައުމަށް ޓަކައި މިވަގުތު ކޮށްދެވޭނީ ކޮންކަމެއްތޯ. ކޮންމެ މީހަކަށް ވެސް ގައުމަށް ކޮންމެވެސް ކަމެއް މިހާލަތުގައިވެސް ކޮށްދެވޭނެ. މިހާލަތުގައި ގޭގައި މަޑުކޮށްދިނުމަކީވެސް ގައުމަށް ޓަކައި ކޮށްދެވޭ ވަރަށް ބޮޑު ކަމަކަށް ވާނެ. ހުރިހާ މީހުންވެސް ކަމާ ބެހޭފަރާތްތަކުން ދޭ އިރުޝާދުތަކަށް އެއްބާރުލުން ދޭށޭ ބުނެލަން ބޭނުންވަނީ." ފަރާ ބުންޏެވެ.
ބަލިޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެއްޖެ ނަމަ ފްރަންޓް ލައިނަށް ނިކުންނާނެ މީހުން ވެސް މަދުވާނެ ކަމަށާއި ސިއްހީ އެހީތެރިންނަކީ ރާއްޖޭގެ އާބާދީއަށް ބަލާނަމަ މަދު ބައެއްކަމުން އެމީހުންނަށް ހިދުމަތް ނުދެވޭވަރަށް މީހުން ބަލިވާން ފަށައިފިނަމަ ހިތާމަވެރި ގޮތްތަކެއް މެދުވެރި ވެދާނެ ކަމަށް ފަރާދެކެއެވެ.
ފަރާގެ މެސެޖަކީ އަގުހުރި މެސެޖެކެވެ. ކޮންމެ ވަގުތަކު ގޮވާލިޔަސް ފަރާ އެހުރީ ގައުމީ ހިދުމަތަށް ނުކުންނަން ތައްޔާރަށެވެ. އަމިއްލަ ނަފުސަށްވުރެ ގައުމު ބޮޑެވެ.