ހަފާލަން ކަދުރުކޮޅަކާއި މަސް ބަނެހެކެވެ. ރޯދަ ވީއްލައިގެން ކާލަން ފޮނި އެއްޗަކަށް ހުރީ ކަރާ ފޮއްޗަކާއި ކުޑަ ޔޯގަޓް ތައްޓެކެވެ. ކަރު ތެއްމާލަން ހުރީ ބެލެވޭ ގޮތުގައި ކިރުސައިތައްޓެކެވެ. މިއީ އަވަށްޓެރި ސްރީލަންކާގައި ކޮވިޑާ ގުޅިގެން ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މުސްލިމުންނަށް އެގައުމުގެ އަސްކަރިއްޔާއިން ރޯދަ ވީއްލަން ދިން ކާއެއްޗިއްސެވެ. އެ ފޮޓޯ ސޯޝަލް މީޑިއާއަށް ހިއްސާކުރި މީހާ ފޮޓޯއާއެކު އަދާކޮށްފައިވަނީ ޝުކުރެވެ. ކުރީ ހަމްދެވެ.
ރާއްޖޭގެ ހާލަތެވެ. ރިސޯޓް ކޮޓަރިތަކުގައި ކަރަންޓީނުގައި ބައިތިއްބާފައި ތިބޭ ބައެއް ދިވެހިންނަށް ރޯދަ ވީއްލަން ޕާރުސަލް ތައްޓެއް ފުރާ ބަތާއި މުގުރިހަ އާއި ކުކުޅުރިހަ ލިބުނީތީ ވީ ޖަލު ކޮއްތަށެވެ. ޖޫސްޕެޓީ ކޮތަޅެއް ފުރާ ޖޫސް ހުރީމަ ކުރީ ޝަކުވާއެވެ. އަރުތެރެއަކަށް ނުދެއެވެ. ލިބުނު ކާއެތިކޮޅު މަދުވެގެން ސޯޝަލް މީޑިއާއަށް ފާޑުކިޔުންތައް ބަންޑުކޮށްލި ދިވެހިން ވެސް ވަކި މަދެއް ނޫނެވެ. ކާނާގެ ބާވަތްތައް މަދުވެގެން، އަދި ތިމާގެ ފޭވަރިޓް ވައްތަރުތައް ނެތިގެން ހިންތަހަމަނުޖެހުން ފާޅުކުރިމީހުން ވެސް މަދެއް ނޫނެވެ.
ހަމަ އެހެންމެ މީގެ އިދިކޮޅުވެސް އެބަ އޮތެވެ. ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ބައެއް މީހުން ވަނީ އެމީހުންނަށް މިހާލަތުގައި ލިބެމުން އަންނަ ހިދުމަތްތަކަށް ޝުކުރުކޮށްފަ އެވެ. އެކަން ބަލައިގަންނަކަން އުފަލާއެކު ފާހަގަކޮށްފަ އެވެ.
ހަގީގަތަކީ މިއަދު މުޅި ދުނިޔެވެސް މި އޮތީ އާންމު ހާލަތެއްގައި ނޫންކަމެވެ. ހާސްކަމާއި ބިރުވެރިކަން ބޮޑުވެފައިވާ މި ހާލަތުގައި ބޮޑެތި އިގްތިސާދުތައް ދަނީ ނިކަމެތިވަމުންނެވެ. ކާބޯތަކެއްޗަށްވެސް ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިކުޑަކުޑަ ރާއްޖޭގެ އިގްތިސޯދު ވެސް މިއޮތީ އަނދަވަޅެއްގައެވެ. އާމްދަނީއެއް ވަންނާނެ އެއްވެސް ގޮތެއް ނެތެވެ. އެހެންކަމުން މި ހާލަތުގައި ވެސް އަހަރެމެންނަށް ލިބެމުން އަންނަ ހިދުމަތްތަކަށް ޝުކުރުވެރިވެ ހަމްދު ކުރަން ނުޖެހޭތޯ އެވެ؟
ދޭ ކެއުމަކަށް އެކަންޏެއް ނޫނެވެ. ބޮޑު ހޯލެއްގައި ސަރާސަރަށް އެނދު ޖަހައި ބޭތިއްބުމުގެ ބަދަލުގައި ދުނިޔޭގެ އެއް ނަންބަރު ރިސޯޓްތަކުގައި ކޮންމެ މީހަކަށް ވަކިން ކޮޓަރިއެއް ދިން ކަމަށްޓަކައެވެ. ވަކި ހިސާބަކަށް ނަމަވެސް ބޭނުންއިރަކު ކޮޓަރިން ނުކުމެ އުޅެވޭތީއެވެ. 24 ގަޑިއިރުގެ ހިލޭ އިންޓަނެޓާއި ކޭބަލް ޓީވީ ލިބޭތީ އެވެ. ހޫނުފެނުން ފެންވެރޭތީ އެވެ. ގަޑިން ގަޑިޔަށް ކާންބޯންދީ ޒަރޫރީ ހިދުމަތްތައް ވެސް ފޯރުކޮށްދޭތީއެވެ. ގައުމުގެ ފެންވަރުގައި ކޮށްދެެވެން ހުރި ކަންކަން މު ހާލަތުގައި ހުރި ދުނިޔޭގެ އެތައް ގައުމަކަށްވުރެ މާ ފުރިހަމަޔަށް ކޮށްދޭތީ އެވެ.
މިހާލަތުގައި ބޭނުންވާހާ މީރު އެއްޗެހި ނުލިބުނަސް ޝަކުވާ ނުކުރާށެވެ! ވިސްނާށެވެ! އެފަދަ ކެއުމެއް ކާން ނުލިބި ދަތި ހާލުގައި ހައިބަނޑާ އުޅެމުންދާ ކިތައް މީހުން އުޅޭނެ ހެއްޔެވެ؟ ކޮންމެ ދުވަހަކު ކިތައް މީހުން ބަނޑަށް މަރުވޭހެއްޔެވެ؟ ކަދުރު އޮށަކާއި ފެންތައްޓެއް ނުވަތަ ފެނުކެއްކި ތަރުކާރީ ކޮޅަކާއި ބަތްކޮޅަށް ހިންދާލައިގެން ރޯދަ އާއި ހާރު ކައިގެން އެތައް ބަޔަކު އެބައުޅެއެވެ. ރިސޯޓްތަކުގައެއް ނޫނެވެ. ބޮލަށް ވެއްޓިފައިވާ އިމާރާތްތަކުގެ ބިންމަތީގައެވެ. ސާފު ފެންފޮދެއް ނުލިބޭ ރެފިއުޖީ ޓެންޓުތަކުގައެވެ.
އަދިވެސް ބައެއް ދިވެހިންގެ އާދައެކެވެ. ކޮވިޑާ ގުޅިގެން މުޅި މާލެ މިއޮތީ ފުރަބަންދުގައެވެ. މާލެއަށް އެރުމާއި ފުރުން މިވަނީ މަނާކޮށްފައެވެ. ގެއިން ނުކުމެ އުޅުން ރައްކާތެރިއެއް ނޫނެވެ. އެހެންކަމުން ޑެލިވަރީގެ ހިދުމަތަށް މުޅި ގައުމު މިއޮތީ ބަރޯސާވާން ޖެހިފައެވެ. ނަމަވެސް މުޅި ރަށުގައި ޑެލިވަރީގެ ހިދުމަތުގައި އުޅެފައި އޯޑަރުދިން މުދާކޮޅު ހިފައިގެން އަންނަ ބިދޭސީ މީހާއަށް ވެސް އިހުތިރާމެއް ނެތެވެ. ހަޑިހުތުރު ބަސްތަކުން ވާހަކަދައްކައި ދަށުދަރަޖައިގެ މީހަކަށް ހަދައިލައެވެ. އެމީހާ ނިކަމެތިކޮށްލައި ދެރަވެގެން ރޮވޭވަރުކޮށްލަ އެވެ.
ނަމަވެސް އަނބިދަރިން ދޫކޮށް ބީރައްޓެހި ގައުމެއްގައި އާމްދަނީ ހޯދަން ރާއްޖެ އައިސް އެއުޅެނީ ވެސް ދިވެހިންގެ ހިދުމަތުގައެވެ. ރެއާ ދުވާލެވެ. އަރާމުކޮށްލާނެ ވަގުތެއް ނުވެއެވެ. ގިނަ ބިދޭސީން ނިދަން ތިބެނީ އެތައް ބައެއްގެ ތެރޭގައެވެ. އެވެސް ތަރަފާލު އަށްޓެކެވެ. ނޫނީ ތަޅުގަނޑެވެ. ގިނަ ފަހަރަަށް ކަނީ ދުވާލަކު އެއްފަހަރު އެވެ. މިރޯދަމަހު ވެސް ދިވެހިން އަރާމުގައި ގޭގައި ތިބޭއިރު އެކިތަންތަނަށް ދުވެ ޑެލިވަރީ ކޮށްދިނުމުގައި އެއުޅެނީ އެމީހުންނެވެ.
ބިދޭސީންގެ އުނދަގޫ ބޮޑުވެގެން އަހަރެމެން އެމީހުންނަށް ބަވައި ނަގާއިރު، އެމީހުނަށް އެހާލު ޖައްސައި މަގުމަތިކޮށް ލާއިންސާނީ އަމަލު ހިންގީ ކޮން ބައެއް ހެއްޔެވެ؟ ކޮންމެ ބިދޭސީއަކަށްވެސް ރާއްޖެ އެތެރެ ވެވެނީ އެމީހާ ބެލުމާއި ހުރިހާ ކަމެއްގެ ޒިންމާއާ އެކު މުސާރަދޭން އެއްބަސްވާ ދިވެއްސެއްގެ ނަމުގަ އެވެ. އެމީހުން ގެނެސް، އޮޅުވާލައި، ރަށު ތެރެއަށް ދޫކޮށްލުން އެއީ ކާކުގެ ކުށެއް ހެއްޔެވެ؟ މިއަދު ރާއްޖޭގައި ކޮވިޑް ފެތުރުމުން، އެމީހުންގެ ސިއްހަތުވެސް ދައުލަތަކުން ރައްކާތެރިކޮށް ބަލަހައްޓަން ޖެހެ އެވެ. އެއީ ވެސް އިންސާނުންނެވެ. އެމީހުންނަކީ ނަޖިހުގެ ގޮތުގައި ދިވެހީންވެސް ދެކިގެން ނުވާނެ އެވެ.
މިހާލަތަކީ އެއްވެސް މީހަކަށް ފަސޭހަ ހާލަތެއް ނޫނެވެ. ދަތި ހާލުގައި ދިރިއުޅޭ ބަންގްލަދޭޝް މީހާއަށް އޮތް ނުތަނަވަސްކަމާއި ބިރުވެރިކަން މާބޮޑެވެ. އެއީ ކޮންމެ ހާލެއްގައި އެމީހުން މިތަނުގައި އުޅުނަސް އެމީހުންނަށް އަޅައިލާން އާއިލާގެ މެންބަރަކު މިތަނުގައި ނެތުމުންނެވެ. މިއަދު އެމީހުންގެ އާއިލާއަކީ ވެސް ދިވެހި ދައުލަތެވެ.
މުޅި ދުނިޔެ ގޮތްހުސްވެ، އެކި ކަންކޮޅުތަކުގައި ރައްޔިތުން ވަރަށް ވެސް ނިކަމެތި ހާލުގައި އުޅެމުންދާ އިރު، ރާއްޖޭގެ ބައެއް މީހުންގެ ފުށުން މިހާލަތުގައި ފެންނަނީ އެންމެ އެދެވޭ ސިފައެއް ނޫނެނެވެ. ޝުކުރުވެރި ނުވުމުގެ ސިފައެވެ. ސުފުރާމަތި މުއްސަނދި ނުވެގެން ކުރާ ޝަކުވާ އެވެ. ފެންނަނީ ވަކި ކަހަލަ ކާއެއްޗެއް ނުލިބިގެން އޭގެ ރުޅިގަނޑު މީސްމީޑިއާގައި ބާލައިލާ މަންޒަރެވެ. އެކަކު އެހެން ބުނެ މީސްމީޑިއާއަށް ފޮޓޯތައް އަޅައިލާއިރު، އެޔަށްވުރެ އެތައް ގުނައެއް ދަށު ފެންވަރުގައި ރާއްޖޭގެ ކިތަންމެ ގެއެއްގައި މިއަދުވެސް މީހުން ކައިބޮއި އެބަ އުޅޭކަން އެނގެން ޖެހެ އެވެ. ރާއްޖޭގެ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ކާންދޭ ފެންވަރާ ގާތަށް ވެސް ކެއިންބުއިމުގެ ކަންކަން ހަމަޖެއްސޭނޭ ފަދަ އަތުގައި ނެތް މީހުން މިއަދު ރާއްޖޭގައި ބައިވަރު އެބަތިބިކަން އަހަރެމެން ދަންނާން ޖެހެ އެވެ. އަދި މާދަމާ މިހާލަތު މިއަށްވުރެވެސް ގޯސްވެދާނެކަން އެނގެން ޖެހެ އެވެ. މުގުރިހަޔާއި ބަތްކޮޅު އަދި ބޯލާނެ ޖޫސްކޮޅެއް، ޖޫސްޕެޓީ ކޮތަޅެއްގައި ނަމަވެސް ލިބުނީތީ މިއަދު އަހަރެމެން ޝުކުރުވެރިވާން ނުޖެހޭތޯ އެވެ؟