މިހާރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި އިރު ވެސް އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލާފައިވާ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު އަށް މަހަށް އިތުރުކޮށް އެ ގާނޫނުތައް މިއަހަރުގެ ނިޔަލަށް ހަދައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްދީފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްދީފައި މިވަނީ، އެ މައްސަލަ ދިރާސާކޮށް، މަޖިލީހުގެ ގަވާއިދު ކޮމިޓީން އެގޮތަށް ނިންމައި، މަޖިލީހަށް ހުށަހެޅި ކޮމިޓީ ރިޕޯޓް ފާސްކޮށްގެންނެވެ.
މަޖިލީހުން އެ ރިޕޯޓް ފާސްކުރީ މިއަދުގެ އޮންލައިން ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެންމެފަހުން މިގާނޫނަށް މަޖިލީހުން އިތުރުކޮށްދީފައިވާ މުއްދަތު މި އޭޕްރީލް މަހުގެ ނިޔަލަށް ހަމަވާނެއެވެ.
މިގާނޫނުގެ މުއްދަތު އިތުރުކުރަން ފާސްކުރީ ގާނޫނުގެ މުއްދަތު ހަމަވާއިރުވެސް އޭގައި ބުނެފައިވާ ހުރިހާ ގަވާއިދުތަކަށް ގާނުނުތައް ހެދިފައިނުވާތީ، އެކަމަށް އެކަށީގެންވާ ވަގުތެއް ދިނުމަށް އެދިވަޑައިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުމާ ގުޅިގެންނެވެ.
އެކަމަށް އެދި އޭޖީ އޮފީހުން މަޖިލީހުގު ގަވައިދު ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެގަވާއިދުތަކާގުޅިގެން ހަދަން ޖެހޭ ގާނޫނުތަކާބެހޭ ބިލްތަކުގެ މަސައްކަތް ކޮވިޑް 19 އާ ގުޅިގެންނާއި ބައެއްކަހަލަ ދަތިތައް ކުރިިމަތިވުމުގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތަށް ނިންމެން ނެތް ކަމަށެވެ. އެހެންކަމުން އެކަމަށް އެކަށީގެންވާ މުއްދަތެއް އިތުރުކޮށްދިނުމަށް އޭޖީ އޮފީހުން ވަނީ އެދިފައެވެ.
މަޖިލީހުން މި ގާނޫނަށް އަމަލު ކުރުމުގެ މުއްދަތު އިތުރުކޮށްފައި މިވަނީ ކޮމިޓީން ހިމެނި އިތުރުބައެއް ރެކޮމެންޑޭޝަންތަކާ އެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ އެގާނޫނުގައި ހަދަން ބުނެފައިވާ ގާނޫނުތަކުގެ ތަކުގެ މަސައްކަތް ކުރިއަށްދާގޮތް މަހަކު އެއްފަހަރު ކޮމިޓީއަށް އެންގުމަށް، އޭޖީ އޮފީހަށާއި ކަމާބެގޭ މުއައްސަސާތަކަށް އެންގުމަށެވެ.
އާންމު ގަވާއިދުތަކުގެ ގާނޫނުގައި ކުރިން ހިިމެނުނު ގިނަ ގަވާއިދުތަކަށް ގާނޫނުތައް ހަދާފައިވާއިރު، މިހާރު މި ގާނޫނުގަ ހިމެނެނީ 22 ގަވާއިދެކެވެ.
ގަވާއިދު ކޮމިޓީގެ މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ އެ 22 ގަވާއިދަށް 15 ގާނޫނު ހަދަންޖެހޭ ކަމަށާއި، އޭގެ ތެރެއިން 7 ބިލެއް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެބިލެއް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ވާކަމަށްވެސް އާމިރު ވިދާޅުވިއެވެ.
އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ މުއްދަތު 2008 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކު އަންނަނީ އިތުރު ކުރަމުންނެވެ.