ފީޗާރޑް

މަންމައާއި ބައްޕަޔަށް ކޮވިޑުޖެހި ކުޑަކުޑަ ދެކުދީން ކަރަންޓީނު ފެސިލިޓީއެއްގައި އެކަނި ދިރިއުޅޭތާ ހަތަރު ދުވަސް!

25

މިއީ ރާއްޖޭގައި ކޮވިޑު19 ފެތުރެން ފެށި ފަހުން އަޑު އިވުނު އެންމެ ހިތާމަވެރި އަދި ހިތަށް ތަދުވި ވާހަކައެވެ. މިވާހަކަތައް އަޑު އިވުނު ވަގުތު ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ދިރުމެއް ނެތް ކޮޓަރިއެއްގައި އެ ދެކުދީން އުޅޭނެ ގޮތް ހިތަށް އެރުމުން، ހިތެއް އޮތް ކޮންމެ އިންސާނެއްގެ ލޮލުންވެސް ކަރުނަ އަންނާނެއެވެ. ރޮވޭނެ އެވެ. އެކަމަކު މިއީ ކޮވިޑުގެ ހާލަތެވެ.

މަންމަ އާއި ބައްޕަ ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ދެމަފިރީންގެ ކުޑަ ދެދަރީން ކަރަންޓީނު ފެސިލިޓީއެއްގައި އެކަނި ދިރިއުޅެން ޖެހުނީ އެވެ. "ވަން"އަށް ޔަގީންވެފައިވާ ގޮތުގައި ކަރަންޓީނު ފެސިލިޓީގެ ކޮޓަރީގައި އެ ދެކުދީން އެކަނި އުޅޭތާ މިއަދަށް މީ ފަސް ވަނަ ދުވަހެވެ.

ދެމަފިރީންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެކުދީންގެ ބައްޕަ އެވެ. އެހާ ހިސާބުން ބައްޕަ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމަށް ފަހު މަންމައާއި ދެ ކުދީން އަދި ކާފަ ގެންދިޔައީ އެރިޔަދޫ ކަރަންޓީނު ފެސިލިޓީއަށެވެ. މާލޭގައި ނުލާހިކު އުފަލުގައި މުޅި އާއިލާ ދިރިއުޅެމުން އަންނަނިކޮށް ބައްޕަޔަށް ކޮވިޑް ޖެހި އާއިލާއާ ކުއްލިއަކަށް ވަކިވި ވަގުތަކީ އެ ކުދީންނަށް ފުން ހިތާމައެއް ކުރުވި ވަގުތެކެވެ. އެވަގުތު އެދެކުދީންނަށް ހިތްވަރުދީ، ފިރުމައިދޭން މަންމަ ހިތްވަރުކުރި އެވެ. މީގެ ތެރެއިން ހަގަށް ހުރީ އުމުރުން 8 އަހަރު އަންހެން ކުއްޖެކެވެ. ދޮއްޓަށް ހުރި ބޭބެގެ އުމުރަކީ 12 އަހަރެވެ. ދެމަފިރީންނާއި ދެކުދީން އަދި އެކުދީންގެ ކާފަ ދިރިއުޅެމުން އައީ އެއް އެޕާޓްމެންޓެއްގަ އެވެ. ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމަށްފަހު މަންމައާއި ދެކުދީން ބައިތިއްބާފައި ތިބީ އެއް ކޮޓަރިއެއްގައި އަދި ކާފަ ވަކި ކޮޓަރިއެއްގަ އެވެ.

ކަރަންޓީނު ފެސިލިޓީއަށް ގެންދިޔަތާ ދެވަނައަށް ވީ ދުވަހު މަންމަ ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އެކަމަކު އޭނާގެ ލޯބިވާ ދެ ދަރީން ކޮވިޑަށް ޕޮޒިޓިވެއް ނޫނެވެ.

ކުޑަކުޑަ އެ ދެކުދީންގެ މުޅި ދުނިޔެ ބަދަލުވީ އެހާ ހިސާބުންނެވެ. ކޮވިޑުގެ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކަމުން އެ ކުދީން ބައިތިއްބަން ޖެހޭނީ ވަކީންނެވެ. ބަލި ޖެހިފައިވާ މަންމަ ނުވަތަ ބައްޕަ ކައިރިއަކު ނުތިބެވޭނެ އެވެ. އެ ދެކުދީންވެސް ބަލާނީ ހައި ރިސްކު ދެކުދީންގެ ގޮތުގަ އެވެ.

މަންމަގެ ހިތް ފަޅައިގެން ދިޔަ އެވެ. ގިސްލައި ރޮވުނެވެ. އެކަމަކު ކުދީންނަށް ހިތްވަރުދޭން ޖެހެއެވެ. ހިތްވަރުދައްކާން ޖެހެއެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ޖެހުނީ ދެކުދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުދީންނާ ވަކިވާށެވެ. މަންމަ ދިޔައީ ފޯނު އެދެކުދީންގެ އަތަށް ދީފަ އެވެ. ގުޅުންތައް ކެނޑިގެންދިޔަ ނުދިނުމަށްޓަކަ އެވެ.

ކުޑަކުޑަ ދެކުދީންނަށް ހިތާމައިގެ މައްޗަށް ހިތާމަ އެވެ. ފުރަތަމަ ބައްޕަޔަށް ކޮވިޑު ޖެހުމުން ލިބުނު ސިހުމާއި ހިތާމަ އަދި ބިރުވެރި އިހުސާސެވެ. މިހާރު އެކުދީން ބަލަން ކައިރީގައި ހުރި މަންމައަށްވެސް ކޮވިޑު ޖެހިގެން ގެންދިޔައީ އެވެ. އެކަނި އުޅެން ޖެހުމަށްވުރެ މަންމައާއި ބައްޕައަށް ކޮވިޑު ޖެހުމުން އެކުދީންނަށް ލިބޭނެ ހިތާމަ މާބޮޑެވެ. މަންމައާއި ބައްޕައަށް ވާނީ ކިހިނެއްތޯ ހިތަށް އަރާނެ އެވެ.

މިހާހިސާބުން އެ ދެކުދީންނަށް ކުރާނެ ފުން އަސަރު ހިތަށް އެރުވި މީހެއްގެ ހިތަށްވެސް ކެތް ނުވާނެކަން ޔަގީނެވެ. އެ ދުވަހުން ފެށިގެން އެ ދެކުދީން އުޅެމުން އަންނަނީ އެރިޔަދޫ ކަރަންޓީނު ފެސިލިޓީގައި ވަކީން ހުންނަ ކޮޓަރިއެއްގައި އެކަންޏެވެ. ކުޑަ އަންހެން ކޮއްކޮގެ ހުރިހާ ޒިންމާއެއް ނަގައި ބަލަހައްޓަން ހުރީ 12 އަހަރުގެ ބޭބެއެވެ. ކޮއްކޮއަށް ކާންދީ ފެންވަރުވައި ރީތިކޮށް، ހުރިހާ ކަމެއް ކޮށްދޭން ވެސް މިއަދު ހުރީ އަމިއްލަ ޒިންމާވެސް ކިރިޔަކިރިޔާ ނެގޭ ނުނެގޭ އުުމުރުގެ ކުޑަކުޑަ ކުއްޖެކެވެ. ބީރައްޓެހި ތަނެކެވެ. 24 ގަޑި އިރު ދިރިއުޅެން އޮތް މާހައުލަކީ ކޮޓަރިއެވެ. މުނި ފޫހިފިލުވާނެ ވަސީލަތްތަކެއް ނެތެވެ. އާއިލާގެ އެއްވެސް މީހަކު ލޮލަކަށް ނުފެނެ އެވެ.

ކާ ގަޑި ޖެހުމުން އެއޮންނަ އުސޫލުން ކާތަކެތި ކޮޓަރިއަށް ލިބޭނެ އެވެ. ހަމަޖައްސާފައި އޮންނަ މެނޫއެއްގައި ހުންނަ ތަކެއްޗެވެ. މި ދެކުދީންނަށް ވީތީ، ވަކި ވައްތަރެއްގެ ކާއެއްޗެއް ވަކި ވައްތަރެއްގެ ބޯ އެއްޗެއް ނުލިބޭނެ އެވެ. އޮތީ އެ ލިބޭ އެއްޗެއް ކައިގެން ތިބުމެވެ. ކޮއްކޮ ވަކި ކަހަލަ އެއްޗެއް ނުކައިގެން، އެ ކުއްޖާ މަސަލަސްކުރަން އުމުރުން 12 އަހަރުގެ ބޭބެ ކުރާނެ ހިތްވަރު ހިތަށް ގެންނަވާށެވެ! މި ހާލަތުގައި ކަން ކުރާނެ ގޮތަކީ މަންމަ ނުވަތަ ބައްޕަ އެ ކުއްޖާއަށް ގުޅައިގެން ވިސްނައިދީ، "ދަރިފުޅާ ހިތްވަރު ކުރަން ވާނެ، ތީ ބައްޕަގެ ބަސް އަހާ ދަރިފުޅެއްނު، ތީ މަންމަގެ ހިތްވަރުގަދަ ދަރުފުޅެއްނު، ބަސްއަހައިގެން ކާލާ! އޭރުން އަވަހަށް މަންމަޔާ ބައްޕަޔާ ވެސް ބައްދަލުވާނެ!" ފަދަ ބަސްތަކުން ހިތްވަރުދިނުން ކަމަށް ގަބޫލު ކުރެވެ އެވެ.

ކޮވިޑަކީ ހަލުވިކޮށް ފެތުރޭ، ގައިން ގަޔަށް އެހާ ފަސޭހައިން އަރާ ބައްޔެއްކަމުން، ގަދަވެ ސަލާމަތުން ހުރި މީހަކަށް މި ދެކުދީން ކައިރީ ނިދައި ކައިބޮއި ހެދޭނެ އުސޫލެއް ނެތެވެ. މި ދެކުދީންގެ އެންމެހައި ކަންކަން ބަލަހައްޓަމުން އަންނަނީ އެރަށުގައި ތިބޭ ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނާއި ނަރުހުންގެ ބެލުމުގެ ދަށުންނެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، މި ދެކުދީން ގަޑީން ގަޑިޔަށް ކައިތޯ ބަލައި، އެ ކަމުގެ ރިޕޯޓު މަންމައަށް ގަވައިދުން ފޮނުވަ އެވެ. އާންމު އުސޫލެއްގެ ގޮތުން އޮންނަނީ ކޮވިޑަށް ޕޮޒިޓިވް ވާ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުން ކަމަށްވިޔަސް، މި މަންމަ ބާއްވާފައި އޮތީ ހަމަ މިރަށުގެ އެހެން ކޮޓަރިއެއްގައެވެ. އެއީ މަންމަ ޕޮޒިޓިވް ނަމަވެސް ބަލީގެ މާބޮޑު އަލާމާތެއް ނެތުމުންނާއި ކުދީންނާ އެއް ފަސްގަނޑެއްގައި އޮންނަން މަންމަ އެދުމުންނެވެ.

މި ދެކުދީންގެ ކާފަ އަދި މަންމަ ކުދީންނާ އެއްފަސްގަނޑެއްގައި ތިބި ނަމަވެސް، ކޮވިޑުގެ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުންނަ ހަރުދަނާކަމުން، އެކުދީން ތިބޭ ކޮޓަރިޔަށް އައިސްގޮހެއް ނުވެވޭނެ އެވެ. އެކަމަކު އެމީހުން ވެސް އެއްރަށެއްގައި، ކައިރީގައި އެބަތިބި ކަމުގެ އިހުސާސް އެ ކުޑަކުޑަ މައުސޫމް ދެކުދީންނަށް މިހާރު ކުރެވޭނެ އެވެ.

ވަން އިން ހޯދި މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި، މި ދެކުދީންގެ ހާލު ރަނގަޅެވެ. ދެކުދީންވެސް އަންނަނީ މި ދިމާވި ހާލަތުގައި ކެތްތެރިކަން އިސްކޮށް، އަމިއްލައަށް ކައިބޮއި އެހެން ކަންކަން ވެސް އަމިއްލައަށް ކުރަމުންނެވެ. އެހެން ގޮތެއް ނެތްކަން އެކުދީންނަށް އެނގެ އެވެ. މަންމަ ކައިރިޔަށް ނުވަތަ ބައްޕަ ކައިރިޔަށް ދެވެން ނެތްކަން ވެސް އެނގެ އެވެ. މާލެއަށް އާއިލާ ކައިރިޔަށް ވެސް ދެވެން ނެތްކަން އެނގެ އެވެ. ހާލަތު ނިޔާކޮށްފައި މި ވަނީ ކޮޓަރީގައި އެކަނި ތިބެ މަދުވެގެން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންކަން އެކުދީންގެ މައުސޫމް ސިކުނޑިއަށް ވިސްނެ އެވެ. ދެރަވިޔަސް، ރޮވުނަސް ގިސްލެވުނަސް މިއީ މިއަދުގެ ހާލަތު އޮތްގޮތްކަން ހިތްވަރު ގަދަ މި ދެކުދީން ގަބޫލު ކުރެ އެވެ.

މަންމައާއި ބައްޕަ އަދި އާއިލާގެ މީހުންވެސް އެ ދެކުދީންނަށް ގަވައިދުން ގުޅައި ވާހަކަދައްކައި ހިތްވަރު ދެއެވެ. ސަރުކާރުގެ ފަރާތުން އެކުދީން ބަލަހައްޓަން ތިބި މީހުން އެމީހުންގެ ޒިންމާ އަދާކުރެ އެވެ. ގަޑިން ގަޑިޔަށް ކައިތޯ ބަލައި، މަންމައަށް ރިޕޯޓުދެއެވެ. އޮތް ގޮތަކީ މިއީއެވެ. ނުކުރެވޭނެ ކަމަކީ އެކުދީންނަށް އެހީވުމަށް އެކުދީންގެ ކޮޓަރިޔަށް ވަނުމެވެ.

މިއީ ކޮވިޑުގެ ވާހަކަ އެވެ. މި ހާލަތަށް ކޮންމެ އާއިލާއެއްވެސް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެއްވެސް މީހަކު އެމީހެއްގެ ކުޑަ ދަރިފުޅު ވަކީން އެހެން ރަށެއްގައި ހުންނަ ކޮޓަރިއެއްގައި ތަޅުލެވިގެން އެކަނި އެތައް ދުވަހެއް ވާންދެން ދިރިއުޅޭކަށް ބޭނުމެއް ނުވާނެ އެވެ. ހުރިހާ ކުދީންނަށް އެފަދަ ކަމަކަށް ކެތެއްވެސް ނުވާނެ އެވެ. އެފަދަ ހާލަތެއް އައިސްފި ނަމަ، ބައެއް ބެލެނިވެރީންނަށް ވާނެ ގޮތެއްވެސް ނޭނގެ އެވެ. ހިތަށް އަރުވާލިޔަސް ގައިން ހީބިހި ނަގައިގެންދެއެވެ.

އެހެންކަމުން އަޅުގަނޑުމެންނަށް އޮތް އެންމެ ރައްކާތެރި ގޮތަކީ ކަމާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތައް ފުރިހަމަޔަށް އަޑުއަހައި އެޔަށް އަމަލު ކުރުމެވެ. ގޭގައި ތިބުމެވެ. ގައިދުރުކަން އިހުތިޔާރު ކުރުމެވެ. ފަރުދީ ޒިންމާ އަދާކުރުމެވެ. އެހެން ނޫން ނަމަ، މާދަމާ މި ހާލަތުގައި ދަރިފުޅާއި ވަކީން ތިބެން ޖެހޭ ބަޔަކަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވެދާނެ އެވެ.