Close
އިބްރާހީމް އަމީރު

މިހާތަނަށް 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި

ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް، މިއަހަރުގެ މިހާތަނަށް 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފިނޭސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުގައެވެ. ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާއާ ހަމައަށް ދިވެހި ރުފިޔާ އިން 1.9 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފަ އެވެ. އަދި ޔޫއެސް ޑޮލަރުން 334 މިލިއަން ރުފިޔާ އަށް ވާ ވަރަށްވެސް ޓީބިލް ވިއްކާފައި ވެއެވެ.

ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޭޕްރީމް މަހާ ހިސާބަށް ސަރުކާރުން ވިއްކާފައި ވަނީ 1.3 ބިލިއަން ރުފިޔާގެ ޓީބިލެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ޓީބިލް ވިއްކި ވަރު ވަނީ ހަތަރު ބިލިއަނަށް އަރައިފަ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރަކީ އެންމެ ގިނައިން ޓީބިލް ވިއްކި އެއް އަހަރެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ހަތަރު މިންގަނޑެއްގައި ޓީބިލު ވިއްކައެވެ.

އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ގޮތަށެވެ. އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ މިންވަރަކަށް އިންޓަރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.

ސަރުކާރުން އެ އަދަދަށް ޓީބިލް ވިއްކާފައިވާއިރު، ކޮވިޑް 19 އާ ގުޅިގެން އެމްއެމްއޭއިން ދިގު މުއްދަތުގެ ލޯނު ނެގުމުގެ ހުއްދައަށް އެދިވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.

ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގުތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މަޖިލީހަށް ހުށަހަޅުއްފައިވައިފައެވެ.