ރައްޔިތުންގެ މަޖިލިސް

ގައުމު ނޭވާ ހޮޅިއަށް އެޅުމުގެ މަގުމަތީގައި، މަޖިލިސް ރައީސް ސަރުކާރަށް ޖެއްސުން ކުރެއްވުމުގައި؟

އިބްރާހިމް ޒަކީ

2

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ، ދަތިކަމަކީ އެންމެނަށް އެނގެން އޮތް ހަގީގަތެކެވެ.

ރާއްޖޭގެ އިގްތިސޯދުު އެމައްޗަށް ބިނާވެފައިވާ ފަތުރުވެރިކަން ވަނީ އެއްކޮށް ހުއްޓިފައެވެ. އެކްސްޕޯޓް ނުލިބުމުގެ ސަބަބުން މަސްވެރިކަމަށް ޑިމާންޑެއް ނެތެވެ. ވިޔަފާރިތައް އެދަނީ ބަނގަރޫޓުވަމުންނެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި، އެތައްބަޔަކު މަގުމަތިވެ، ރާއްޖޭގެ ހުރިހާ ހިސާބަކަށް މިވަނީ ނިކަމެތިކަން ކުރިމަތިވެފައެވެ.

މިހުރިހައި ކަމެއްގެ ސަބަބުން ގައުމުގެ ހާލަތު މިއޮތީ ނާޒުކު ފައްތަރެއްގައެވެ.

މިއީ މުޅި ގައުމަށް ކުރިމަތިވެފައިވާ ކާރިސާއަކަށް ވެފައި މިއީ ގައުމުގެ މުޅި ރައްޔިތުންނާ ގުޅިފައިވާ ކަމަކަށްވާތީ މިހުރިހާ ކަމެއް ހަމައަކަށް އެޅުވުމުގެ ޒިންމާ މިއޮތީ މުޅި ދިވެހި ދައުލަތުގެ ކޮނޑުގައި އެޅިފަ އެވެ. ގައުމެއް ފުނޑިގެންދާ މިފަދަ ހާލަތެއްގައި އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންތައްތަކަށް ދާންދެން ލިބެމުންދާކަން އެންމެ ފަހު ވަގުތާއި ހަމައަށް ވެސް ކަށަވަރުކުރުމަކީ އެމީހުން ހޮވި ސަރުކާރުގެ، ބޮލުގައި އެޅިފައި އޮތް އެއިން ރެކެވެން ނެތް ޒިންމާއެކެވެ.

ދިވެހި ދައުލަތް ސިފަވަނީ ސަރުކާރަށް އެކަންޏެއް ނޫނެވެ. އެއީ ރައްޔިތުންގެ މަޖިލިސްވެސް ހިމެނޭ ގޮތަށް، ދައުލަތުގެ ހުރިހާ ބާރެއް އޭގައި ހިމެނިގެންނެވެ. ޑިމޮކްރަސީގެ އުސޫލަށް ބެއްޔަސް ދައުލަތުގައި، ހުރިހާ ބާރުތަކެއް ހިމެނި، ތަރުތީބު ކުރުމުގެ މުޅި މަގުސަދަކީވެސް ރައްޔިތުންނަށް ހިދުމަތް ކުރުމެވެ. އެހެންކަމުން މި ދަނޑިވަޅުގައި ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ ހުރިހާ ކަމެއްގައި ދައުލަތުގެ ހުރިހާ މުއައްސަސާތައް ހިމެނޭ ގޮތަށް އެހީތެރިވެދޭން ޖެހެއެވެ.

ދިވެހި ގައުމުގެ ހަޔާތުގައި ދިމާވެފައިވާ އެންމެ ދަތި އަދި އުނދަގޫ މި ހާލަތުގައި އާމްދަނީގެ ގޮތުގައި އެންމެ ރުފިޔާއެއް ދައުލަތަށް ނުލިބުނު ނަމަވެސް، މި ގައުމުގެ ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް ފޯރުކޮށްދީ ގައުމުގެ އިގްތިސޯދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން އަންނަނީ ބުރަ މަސައްކަތްތަކެއް އެކި ގޮތްގޮތުން ކުރަމުންނެވެ.

އެގޮތުން ބޭހާއި ކާޑުގެ ބާވަތްތައް ހުސްނުވާނެ ގޮތްތައް ރޭވުމާއި، ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް، ލޯނު ޕެކޭޖްތައް ތައާރަފްކޮށްފައިވާއިރު، މަގުމަތިވާ ފަރާތްތަކަށް ބޯހިޔާވަހިކަންދީ، ވަޒީފާއިން ވަކިކުރާ މީހުންނަށް އުޖޫރަދޭން ވަނީ ނިންމައިފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، ކޮވިޑް 19 އާ ގުޅުގެން ވަޒީފާ ގެއްލޭ މީހުންނަށް 5000 ރުފިޔާގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި މި ހާލަތުގައި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް އާދިއްތަ ދުވަހުން ފެށިގެން ލޯނު ދޫކުރަން ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، މަގުމަތިވެފައިވާ 100 އަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ކަންތައް ހަމަޖައްސަމުން ގެންދާ ކަމަށެވެ.

މިހާލަތުގައި އާމްދަނީއެއް ނުލިބި ދައުލަތުން ކުރަން ޖެހޭ ހަރަދު އިތުރު ވުމުގެ ސަބަބުން، އެކި ފަރާތްތަކުން އެހީ ހޯދުމުގެ މަސައްކަތްތަކެއް ސަރުކާރުންވަނީ ފަށައިފައެވެ. ނަމަވެސް އެކަމަށް ވަގުތު ނަގާނެތީ، މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން ސަރުކާރުން އިތުރަށް ފައިސާ ނެގުމުގެ ހުއްދައަކަށް އެދި ފިނޭންސް މިނިސްޓަރު މިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ވަނީ މަރުކަޒީ ބޭންކުން ސަރުކާރަށް ނެގޭނެ ފައިުސާގެ މިންވަރު ކަނޑައަޅައި ލިމިޓް ކޮށްފައެވެ.

ގާނޫނުގައި ވާގޮތުން މަރުކަޒީ ބޭންކުން ސަރުކާރަށް ނެގޭނީ ވޭތުވެދިޔަ ތިންއަހަރުގައި ސަރުކާރަށް ލިބުނު ޖުމުލަ އަމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެކެއް އިންސައްތައަށްވުރެ އިތުރު ނުވާ މިންވަރެކެވެ. އެހެންކަމުން މިދަނޑިވަޅުގައި އެމްއެމްއޭއިން ސަރުކާރަށް ނެގޭނީ 200 ވަރަކަށް މިލިޔަން ރުފިޔާއެވެ.

ނަމަވެސް މިއީ އެ ގާނޫނުގައި ބުނާ އިސްތިސްނާ ހާލަތްތަކެއް ކަމަށް ކަނޑައަޅައި އެ ހާލަތްތައް ހިމެނޭ މާއްދާތަކަށް އަމަލުކުރުން މަޑު ޖައްސައިލުމަށް މަޖިލީހުން ފާސްކޮށްފިނަމަ އެއަށްވުރެ އިތުރަށް ސަރުކާރަށް ފައިސާ ނެގޭނެއެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެ މާއްދާތަކަށް އަމަލު ކުރުން ފަސްކޮށްދިނުމަށެވެ. އެކަން ކުރުމަށް މަޖިލީހުގައި ދެންނެވޭނެ ދެ ހާލަތެއްވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެއް ހާލަތީ ކާރިސާގެ ހާލަތެވެ. އަނެއް ހާލަތަކީ އިގްތިސޯދީ ހާލަތެވެ. ކޮވިޑް 19 ގެ މިހާލަތަކީ މި ދެކަންތަކަށް ވެސް ފެތޭ ހާލަތެކެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދަމުން ދިއުމަށް އިތުރު ފައިސާ ބޭނުންވާތީ އެކަމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި ހިސާބުތަކުގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައް ކޮށް، އިގުތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް މަދުވެގެން 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.

އެ ކަމާބެހޭ ލިޔުމުގައި ރައްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ މައްސަލަތަކާއި، ފައިސާ ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި ދައުލަތުުގެ ބަޖެޓުގެ ހަރަދު ކުޑަކުރުމަށް ކުރާ ކަންތައްތަކުގެ ތަފްސީލުވެސް ވަނީ ހިމަނުއްވައިފައެވެ.

މިނިސްޓަރުގެ މި ހުށަހެޅުމަށާއި ގައުމުގެ ހާލަތަށް ބަލައިލިޔަސް މިކަމުގެ ސީރިއަސްކަމާއި މިއީ މަޖިލީހުން އަވަސް ނިންމުމެއް ނިންމަން ޖެހޭ ކަމެއް ކަމާ މެދު ސުވާލެއް ނުއުފެދެއެވެ.

ފިނޭންސް މިނިސްޓަރު މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމާއެކު، މިކަމަށް ހުއްދަ ދިނުމާ ބެހޭ ބަހުސް މިދިޔަ އަންގާރަ ދުވަހު މަޖިލީހުގައި ފަށަން ވާހަކަ ދެއްކި ނަމަވެސް ބަހުސް ފަށާފައި ވަނީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، އެކަމާ ބެހޭގޮތުން މިނިސްޓަރު ފޮނުއްވި ލިޔުންތައް އެދުވަހު މެންބަރުންނަށް ފޮނުއްވާނެ ކަމަށާއި ބަހުސް ފަށާނީ އެލިޔުންތައް ބަލައިލުމަށް މެންބަރުންނަށް ފުރުސަތު ދެއްވުމަށްފަހުގައި ކަމަށެވެ. ނަމަވެސް އެދުވަހުން އެދުވަހަށް އެކަމުގެ ބަހުސް ފެށުމަށްވެސް ބައެއް މެންބަރުން އެދި ވަޑައިގެންނެވިއެވެ.

ބައެއް މެންބަރުން ވިދާޅުވީ އެ ކަމަކީ ހުރިހާ ރައްޔިތުންނާ ގުޅުން ހުރި ކަމަަށްވާތީ އެެއަށްވުރެ މުުހިއްމު ކަމެއް މިވަގުތު ނެތް ކަމަށެވެ. އެއީ މިހާރުން މިހާރަށް މަޖިލީހުން ހުއްދަ ދޭންޖެހޭ ކަމެއް ކަމަށް އެދުވަހުވެސް އަދި އިއްޔެގެ ޖަލްސާގައިވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. ނަމަވެސް އެކަމަށް މޮނިޓަރިން މެކޭނިޒަމެއް ބޭނުންވާ ކަމަށް ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި މަޖިލީހުގެ ރައީސަށް ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތް ނަމަވެސް، މިފަދަ މައްސަލަތަކުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާތަން ފެނެއެވެ.

މިފަދަ ކަންކަމުގައި އެމަނިކުފާނުގެ ވާހަކަފުޅު ބައްޓަން ކުރައްވަނީ ވަރަށް ޑިޕްލޮމެޓިކްކޮށެވެ.

ފިނޭންސް މިނިސްޓަރުގެ ހުށަހެޅުއްވުމަށް ހުއްދަ ދިނުމަށް އިއްޔެ ކުރިއަށް ގެންދިޔަ ބަހުސްގައިވެސް މަޖިލިސް ރައީސް ގިނަ ވާހަކަފުޅުތަކެއް ވަނީ ދައްކަވައިފައެވެ. ނަަމަވެސް އެމަނިކުފާނުގެ ވާހަކަފުޅު ހުރީ ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

އެމަނިކުފާނު ދެއްކެވީ، ސަރުކާރުންކުރާ ހަރަދުތަކާއެކު އާ ބަޖެޓެއް ސަރުކާރުން ހުށަހަޅަން ޖެހޭ ވާހަކައެެވެ. އެފައިސާ ހަރަދު ކުރަން ޖެހޭ ގޮތް މަޖިލީހަށް ސާފުވާން ޖެހޭ ކަމަށެވެ. އެފައިސާ ދައުލަތަށް ބޭނުންވާ މިންވަރު ހިތަށް ގެނެވޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވީ އެހާ ފަސޭހައިން އެކަން ކޮށްދެއްވާ ގޮތަކަށް ނޫނެވެ.

ފިނޭންސް މިނިސްޓަރު 4.2 ބިލިޔަން ހޯއްދަވަން ހުށަހަޅުއްވާފައިވާއިރު، މަޖިލިސް ރައީސް ވިދާޅުވީ އަންނަ ހަފުތާ ނިމުމުގެ ކުރިން އެއިން ކޮންމެވެސް މިންވަރެއް ކޭޝްފްލޯއަށް އިތުރު ކުރުމުުގެ ފުރުސަތު ސަރުކާރަށް ދެއްވަން ޖެހޭ ކަމަށެވެ. ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވި ތަފްސީލުތައް އޮތްއިރުވެސް އެމަނިކުފާނު ވިދާޅުވީ، މިމަހުގެ 29ވަނަ ދުވަހުގެ ކުރިއަށް ސަރުކާރަށް ބޭނުން ވާނީ 800 މިލިޔަން ރުފިޔާ ކަމަށެވެ.

"މި މަހުގެ 29 ވަނަ ދުވަހުގެ ކުރިއަށް ސަރުކާރަށް ބޭނުންވާނީ 800 މިލިޔަން ރުފިޔާ، މިއީ އަޅުގަނޑުގެ އަމިއްލަ އަންދާޒާއެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް ނެގުމަށް މިނިސްޓަރު ހުށަހެޅުއްވި 4.2 ބިލިޔަން ރުފިޔާއަކުން ކާޑެއް ނުގަނެވޭނެ ކަމަށެވެ. އަދި އެފައިސާއަކީ ބޭރު ފައިސާއަށް ބަދަލުވާނެ އެއްޗެއް ކަމަށް ދެކިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު ނިންމަވާފައިވަނީ މިމަހު 29 ގެ ކުރިން އަންނަ އަންގާރަ ދުވަސް (28 އޭޕްރީލް) ގެ އިރު އޮއްސުމުގެ ކުރިން 800 މިލިޔަން ރުފިޔާ ސަރުކާރަށް ހަމަޖައްސަވައިދެއްވުމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި 28 ވަނަދުވަހުގެ އިރުހުއްޓައި މިނިސްޓަރަށް އެލޯނު ފެސިލީޓީގެ ކޮންމެސް މިންވަރެއް ހަމަޖެހެން ޖެހޭ، އަޅުގަނޑު އުއްމީދުކުރަނީ 800 މިލިޔަން ހަމަޖައަސަވައިދެއްވާނެ ކަމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު އަދި ވިދާޅުވީ، ކޮވިޑް 19 އަށް ހަރަދު ކުރާނެ ފައިސާ ސަރުކާރުގައި ހުންނާނެ ކަމަށެވެ.

ގައުމުގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްކަމީ ހަގީގަތެކެވެ. މި ހާލަތުގައި މަޖިލިސް ބައެއް މެންބަރުންގެ ފުށުން، އަދި މަޖިލިސް ރައީސް ގެ ފުށުން ފެންނަނީ އެބޭފުޅުންގެ ނިޔަތާމެދު ސުވާލު އުފެދޭ ފަދަ ކަންތައްތަކެއް ކަމަށް ބައެއް މީހުން ފާހަގަކުރެ އެވެ. ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު މަގުމަތިވެ ހާލުގައި ޖެހިފައިވާ މި ހާލަތުގައި، ގައުމު ހިންގުމަށް ބޭނުންވާ ކަންކަން ދިގު ދަންމައި މި ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ކުރާން އުޅޭ ކަމުގެ ސުވާލު އުފައްދާ ޒާތަކަށް ވާހަކަތައް ހުރުމަކީ ވެސް ހަގީގީ ނިޔަތާ މެދު ޝައްކު އުފެދޭ ކަމެއް ކަމަށް ބައެއް މީހުން ފާހަގަ ކުރެ އެވެ.

މަޖިލީހަށް ހުށަހެޅޭ ކަންކަމުގެ ތެރޭން އަވަހަށް ނިންމަން ޖެހޭ ކަންކަން މަދު ވަގުތުކޮޅެއްގެ ތެރޭގައި ނިންމަމުންދާކަން ނޭނގޭ ބަޔަކު ނެތެވެ. މިހާރު މަޖިލިސް ހިންގަނީ އަދި މަޖިލިސް ޖަލްސާތައް ބާއްވަނީ އެ މެންބަރަކު ހުންނެވި ތަނެއްގައި ހުންނަވައިގެން ޖަލްސާތައް ބޭއްވޭ ގޮތަށް އޮންލައިންކޮށް ކަމަށްވާ އިރު، މި ފަދަ އިމަޖެންސީ ކަމަކަށް މިހާ ވަގުތު ނަގާނެ ގޮތަށް ޖަލްސާތައް ކުރިޔަށް ގެންދެވުމުން ދެން އުފެދޭ ސުވާލުތައް ވަކީން ގިނައެވެ. މިއީ މަޖިލިސް ރައީސް ސަރުކާރަށް ކުރައްވާ ޖެއްސުމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސުފަކުރަމުންނެވެ.