ޚަބަރު

ބޭރަށް ނިކުތުމަށް ދޫކޮށްފައިވާ ހުއްދައިގެ ގަޑިތަކަށް މިއަދުން ފެށިގެން ބަދަލު އަންނާނެ: ފުލުހުން

މަރިޔަމް ޝަހުދާ

މާލެ ލޮކްޑައުންގެ ހާލަތުގައި ވާއިރު، ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ދޫކޮށްފައިވާ ހުއްދައިގެ ވަގުތުތަކަށް މިއަދުން ފެށިގެން ބަދަލުތަކެއް އަންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ބުނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން (މިއަދުން) ފެށިގެން ޕާމިޓްތަކުގެ ގަޑިތަކަށް ބަދަލު އަންނާނެ ކަމަށެވެ.

އެގޮތުން ގެއަށް ބޭނުންވާ ޒަރޫޒީ އެއްޗެހި ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ދޫކޮށްފައިވާ ޕާމިޓުތައް ރިވިއުކޮށް، އަލުން ފޮނުވާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މާލެއިން ކޮވިޑް 19 ފެނި، ކުއްލި ގޮތަކަށް މާލެ ލޮކްޑައުން ކުރުމާއެކު ގިނަ ބަޔަކު ވަނީ ބޭނުންވާ ސާމާނު ނެތި ގޭ ބަންދުވެފައެވެ. އަދި ޑެލިވަރީ ކުރުމަށް ބައެއް ދަތިތައް ހުރުމުން، ވަކި ހާއްސަ ހުއްދައެއް ނަގައިގެން ޒަރޫރީ ބޭނުންތަކަށް ނިކުމެ އުޅެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ. މި ހުއްދަ ދޫކުރަނީ ފުލުހުންނެވެ.