ދުނިޔެ

ނިއުޒިލެންޑްގެ ބޮޑުވަޒީރު އ.ދ އަށް ވަޑައިގަތީ ތުއްތު ދަރިފުޅާއެކު

މުހައްމަދު އައުޒަމް

ނިއުޔޯކްގައި ހުންނަ އ.ދ ގެ ޖެނެރަލް އެސެމްބްލީގައި ޚިތާބު ދެއްވަން ނިއުޒިލޭންޑް ގެ ބޮޑުވަޒީރު ޖަސިންޑާ އާރޑާރން ވަޑައިގަތީ ތުއްތު ދަރިފުޅު ގޮވައިގެންނެވެ. މިއީ މިދިޔައަހަރުގެ އޮކްޓޯބަރު މަހު މަގާމާ ހަވާލުވި އާރޑާރން އ.ދ ގައި ވާހަކަފުޅުދައްކަވާ ފުރަތަމަ ފަހަރެވެ.


އާރޑާރން ތިން މަހުގެ ތުއްތު ތުއްތު ނީވް އުރާލައިގެން އ.ދ ގެ ޖެނެރަލް އެސެމްބްލީ އަށް ވަޑއިގަތުމުން އެތައް ބަޔަކަށް ވަނީ ހައިރާން ލިބިފަ އެވެ. އާރޑާރން ވަނީ އެސެމްބްލީ ގައި ވާހަކަފުޅު ދެއްކެވުމުގެ ކުރިން ނީވް އާ އެކު ސަމާސާކޮށް މަޖާ ކޮށްފައެވެ. އާރޑާރންގެ ބައިވެރިޔާ ވެސް ވަނީ އާރޑާރން އަރިހުގައި ޖެނެރަލް އެސެމްބްލީ ގައި ބައިވެރިވެފައެވެ. އާރޑާރންގެ ބައިވެރިޔާ ގޭފޯރޑް ވަނީ އާރޑާރން ވާހަކަފުޅު ދެއްކެވި ވަގުތު ނީވް އާއި ހަވާލުވެފައެވެ.

އެންޒީ ނިވްސް ހަބްގައި ވާހަކަފުޅުދައްކަވަމުން އާރޑާރން ވަނީ އޭނާ ނިއުޒިލޭންޑްގައި ދިރިއުޅުއްވާ އިރު އޮފީސް ވަގުތުގައި ވެސް އަބަދުވެސް ނީވް އޭނާއާ އެކީގައިވާ ކަމަށް ބުނެފައެވެ. ޖެނެރަލް އެސެމްބްލީގެ ހަ ދުވަހުގެ ދަތުރުފުޅުގައި ނީވްގެ ކަންކަމުގައި އިސްކޮށް އުޅެނީ އާރޑާރން ގެ ބައިވެރިޔާ ގޭފޯރޑްއެވެ.

އ.ދ ގެ ތަރުޖަމާނު ސްޓަފެން ޑުޖަރިކް ރޮއިޓާސް ގައި ވިދާޅުވެފައި ވަނީ އާރޑާރން ދައްކަމުން ގެންދާ މަންޒަރުން އެނގިގެން ދަނީ ޤައުމެއްގެ މަންދޫބެއްގެ ގޮތުގައި މަންމަޔަކު ނިކުތުމަކީ ގާބިލުކަން ފެނިގެންދާ ކަމެއް ކަމުގައެވެ.

ނީވް އަށް އ.ދ އިން ދީފައިވާ ފާހުގައިވެސް ވަނީ ތަފާތު ގޮތަކަށް ތުއްތު ކުއްޖެއްގެ ގޮތުގައި ނަން ލިޔެފައެވެ.