ޚަބަރު

ހާލުގައި ޖެހިފައިވާ 500 މީހުންނަށް ކޮކާކޯލާ، ބޯޓިން އެސޯސިއޭޝަން އަދި މަޓާޓޯ ގުޅިގެން އެހީވުމަށް ނިންމައިފި

މަރިޔަމް ޝަހުދާ

ހާލުގައި ޖެހިފައިވާ 500 މީހުންނަށް އެހީވުމަށް ކޮކާކޯލާ ކުންފުނި، ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ މި މަސައްކަތަކީ މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަނުން ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގައި ކޮކާކޯލާ ކުންފުނީގެ އިތުރުން ސަލްސާ ރޯޔަލުން އެހީތެރިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

އެގޮތުން ހާލުގައި ޖެހުމުގެ ސަބަބުން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ބިދޭސީންނާއި ދިވެހިންގެ އިތުރުން ކަރަންޓީނުގައި ތިބި މީހުންނަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި މި ހުރިހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި މި އެއްމަސް ދުވަހުގެ ނިޔަލަށް މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ މި މަސައްކަތަކީ ވަކި ރޯދަމަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ނޫން ކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް މަސައްކަތް ކުރާތާ ހަފްތާއެއް ވެފައިވާކަން ސުއޫދު ފާހަގަކުރެއްވިއެވެ. ސުއޫދު ވިދާޅުވީ މަސައްކަތް ލަސްވީ މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން އެހީތެރިކަން ބޭނުންވާ މީހުންނަށް ބޭނުންވާ ކާއެއްޗެހި ފޯރުކޮށްދިނުމަށް އެމީހުންނަށް ކައްކައިދިނުމުގެ މަސައްކަތް ކުރަނީ ސަލްސާ ރޯޔަލުން ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ހުޅުމާލޭގައިވެސް ކެއްކުމުގެ ކަންކަން ކުރުމަށް ސެޓްއަޕްއެއް ހަމަޖައްސާފައިވާކަން ސުއޫދު ފާހަގަ ކުރެއްވިއެވެ. އަދި ކޮކާކޯލާ ކުންފުނިން މި ހުރިހާ ކަމެއް ކުރުމުގައި ވެދޭ އެހީތެރިކަން ސުއޫދު ފާހަގަކުރެއްވިއެވެ.

ސުއޫދު ވިދާޅުވީ އުއްމީދަކީ މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުން ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ އިގުތިސާދީ ހީނަރުކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި އެތައް މީހުންނެއްގެ މުސާރަ ކުޑަވެ، ކުލި ދައްކައިގެން ނޫޅެވޭ ވަރުވެފައިވެއެވެ. މިދުވަސްވަރުގައި ކުލި ނުދެއްކުމުގެ ސަބަބުން މާލޭގެ ބައެއް ގޭގެއިން މީހުން ނެރުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.