Close
ކުއްލި ޚަބަރު

އޯވަޑްރާފްޓްގެ ގޮތުގައި 800 މިލިޔަން ނެގޭނެ ގޮތް އަންގާރަ ދުވަހަށް ހަމަޖެހޭނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް ބޭނުންވާ ފައިސާ، އޯވަޑްރާފްޓްގެ ގޮތުގައި މަރުކަޒީ ބޭންކުން ނެގުމުގެ ހުއްދައަކަށް، ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާއިރު، އަންނަ އަންގާރަ ދުވަހަށް އޯވަޑްރާފްޓްގެ ގޮތުގައި 800 މިލިޔަން ރުފިޔާ ނެގޭނެގޮތް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސާނެ ކަމަށް ރައްިޔތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން 4.2 ބިލިޔަން ރުފިޔާ އޯވަޑްރާފްޓް ކުރުމުގެ ހުއްދައަކަށް އެދި މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މިއަދު ވިދާޅުވީ، މމަހުގެ 28 ވަނަދުވަހުގެ އިރުހުއްޓައި ފިނޭންސް މިނިސްޓަރަށް އެ ލޯންފެސިލީޓިގެ ކޮންމެސް މިންވަރެއް ހަމަޖެހޭނެ ކަމަށެވެ.

މަޖިލިސް ރައީސް ވިދާލުވީ، "މި 800 މިލިޔަން ނުވަތަ 4.2 ބިލިޔަންރުފިޔާ އަކުންނެއް ކާޑެއް ނުގަނެވޭނެ، އެއީ ޑޮލަރުންކުރާކަމެއް، މީ އެތެރޭގަ އަޅުގަނޑުމެން ހިންގާންހުންނަ އެއްޗެއް، އެހެންވީމަ އަޅުގަނޑުމެން މިދޭ ފައިސާއަކީ ބޭރުފައިސާއަށް ބަދަލުވާނެ އެއްޗެއްކަމަށް އަޅުގަޑުމެން ދެކިގެން ނުވާނެ، އެގޮތަށް އެކަންވާނީ އަޅުގަނޑުމެންގެ ޓޫރިޒަމްގެ ސިނާއަތް އަނެއްކާ އަލުން އަނބުރާ ހިނގައިގަނެގެން،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުއްދަ ދޭނެ ކަމަށާއި ނަމަވެސް އެކަން ކުރާނީ މަޖިލީހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.