ފިނޭންސް މިނިސްޓަރާ އޮންނަ ގާތްކަމުން ބްލޭންކް ޗެކެއް ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ ކުރާނެ ކަމެއްނޫން ކަމަށާއި، އޯވަޑްރާފްޓުގެ ގޮތުގައި މަރުކަޒީ ބޭންކުން އިތުރަށް ފައިސާ ނަގަން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ރައްޔިތުންގެ މަޖިލީހުން ހުއްދަ ދޭން ޖެހޭނީ، ހަރުކަށި މޮނިޓަރިން ސިސްޓަމަކުން ކަމަށް ރައްޔިތުންގެ މަޖިލީހުުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން 4.2 ބިލިޔަން ރުފިޔާ އޯވަޑްރާފްޓް ކުރުމުގެ ހުއްދައަކަށް އެދި މިނިސްޓަރު އޮފް ފިނޭންސް އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ހިމެނޭ އިސްތިސްނާ ހާލަތުގެ ބޭނުން ކުރެއްވުމަށް ކަމަށެވެ.
މިހާލަތުގައި އޯވަޑްރޯކުރަން ބަލާލާއިރު އިސްތިސްނާ މިހާލަތަކީ އެންމެ ބޮޑަށް މަޖިލިހުން ފާރަވެރިވާން ޖެހޭ ހާލަތުކަމަށްވެސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، ފިނޭންސް މިނިސްޓަރަށް މަޖިލީހުން އެ ހުއްދަ ދޭއިރު، އޭގެން ހަރަދު ކުރާނެ ގޮތާއި ހަރަދު ކުޑަ ކުރާނެ ގޮތުގެ ފުރިހަމަ ތަފްސީލީ ރިޕޯޓެއް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހާއި އެމްއެމްއޭގެ ގަވަރުނަރަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީހާގެ މޫނަށް ކަނދުރާއަށް ބަލައިގެން ކަންކުރީ 1980ގެ އަހަރުތަކުގައި ކަމާއި، އެއީ މިހާރު ކަންކުރަން ވިސްނާނޭ ގޮތެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރަކީ އެއް ޕާޓީގެ މީހަކަށް ވީތީ ބްލޭންކް ޗެކެއް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ކަންކުރާނެ ގޮތެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
"މީހާގެ މޫނަށް ކަނދުރާއަށް ބަލައިފަ ކަންކުރި ގޮތް އެއީ އަޅުގަނޑަށް ހީވަނީ 1980ގެ ގޮތެއްހެން. އެއީކީއެއް އަޅުގަނޑުމެން މިހާރު ކަންކުރަން ވިސްނާނޭ ގޮތެއް ނޫން. އަޅުގަނޑާ ފިނޭންސް މިނިސްޓަރާ އޮންނަ ގާތްކަމަކާ، ނުވަތަ އަޅުގަނޑާ ގަވަރުނަރާ އޮންނަ ރަހުމަތްތެރިކަމަކާ، އަޅުގަނޑާ ފިނޭންސް މިނިސްޓަރާ އެއްޕާޓީއަކަށް ވީތީއޭ ކިޔައިފަ އިއްޒަތްތެރި ރައީސް ބްލޭންކް ޗެކެއް ދިނުން އެއީކީއެއް ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންނަށް ކަންކުރަންވޭނެ ގޮތެއްނޫން،" އީވާ ވިދާޅުވިއެވެ.