Close
މަޖިލީހުގެ ރައީސް

ގާނޫނުގައި ވާގޮތުން އޯވަޑްރާފްޓްގެ ގޮތުގައި ފިނޭންސް މިނިސްޓަރަށް ނެންގެވޭނީ 219 މިލިޔަން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން ދޭ އިސްތިސްނާއެއް ނެތި އޯވަޑްރާފްޓްގެ ގޮތުގައި، ފިނޭންސް މިނިސްޓަރަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ނެގޭނީ 219 މިލިޔަން ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެމްއެމްއޭއިން ދިގު މުއްދަތަށް ސަރުކާރަށް ލޯނު ނެގޭ ގޮތް ހެދުމަށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން އެއް އަހަރަށް ފަސްކޮށްދިނުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި މައްސަލަ މަޖިލީހުގެ ބަހުސަށް ހުށަހަޅުއްވަމުންނެވެ.

އެކަމަށްޓަކައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަަހަރަށް ފަސްކޮށްދިނުމަށެވެ.

މިއީ އެމްއޭއިން އޯވަޑްރާފްޓްގެ ގޮތުގައި ފިނޭންސް މިނިސްޓަރަށް ފައިސާ ނެގޭނެ ލިމިޓާއި، އެއަށްވުރެ އިތުރަށް ފައިސާ ނަގާނަމަ އަމަލުކުރުން އިސްތިސްނާކުރަން ޖެހޭ ބައިތަކާއި، އިސްތިސްނާގެ ހާލަތު ބަޔާންކޮށްފައިވާ މާއްދާއެވެ.

ގާނޫނުގެ 32 ވަނަ މާއްދާގައި އޯވަޑްރާފްޓް ލިމިޓްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ، ވޭތުވެދިޔަ ތިންއަހަރުގައި ސަރުކާރަށް ލިބުނު ޖުމުލަ އަމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެކެއް އިންސައްތައަށްވުރެ އިތުރު ނުވާ މިންވަރެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެ ހިސާބުތަކަށް ބަލާއިރު، އޯވަޑްރާފްޓް ނުވަތަ މަރުކަޒީ ބޭންކުން ދަރަނީގެ ގޮތުގައި ފިނޭންސް މިނިސްޓަރަށް ނެގޭނީ 219 މިލިޔަން ރުފިޔާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ބޭނުންވެވަޑައިގަންނަވާ، 219 ގައިހުރި އޯވަޑްރާފްޓެއް 4.2 ބިލިޔަނަށް ބަދަލު ކުރުމަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ގާނޫނުގައި ބުނެފައިވަނީ ދެ ހާލަތެއް މެދުވެރިވެއްޖެނަމަ އޯވަޑްފާޓް އިތުރު ކުރުމަށް މަޖިލީހުގެ ހުއްދައަށް ފިނޭންސް މިނިސްޓަރަށް އެދެވިދާނެކަމަށެވެ. އެއީ ގުދުރަތީކާރިސާއެއް މެދުވެރިވުމާއި އިގްތިސޯދަށް ބޮޑު ހީނަރުކަމެއް ދިމާވުމެވެ.