Close
ކުއްލި ޚަބަރު

މިދަނޑިވަޅުގައި ފިނޭންސް މިނިސްޓަރު ކްރައިސިސް ބަޖެޓެއް މަޖިލީހަށް ހުށަހަޅަންޖެހޭ: ސަލީމް

އިބްރާހިމް ޒަކީ

މިދަނޑިވަޅުގައި ކޮވިޑް 19 ގެ ކަންތައްތަކަށް ހަރަދު ކުރުމަށް ކްރައިސިސް ބަޖެޓްގެ ގޮތުގައި އާ ބަޖެޓެއްް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އަޑިއަޅާލާފައިވާތީ، ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައް ކޮށް، އިގްތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން އިތުރު ފައިސާ ނެގުމުގެ ހުއްދައަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަަވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑުވެ، އާމްދަނީ ލިބޭނެ ދޮރު ބަންދުވެފައިވާ މި ވަގުތުގައި، ހުށަހަޅާފައިވާ އެހުށަހެޅުން، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ދިނުމަށްޓަކައި ވީ އެންމެ އަވަހަކަސް ފާސްކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް މަޖިލީހުން އެޕްރޫވްކޮށް އެކަމަށް ހުއްދަދޭން ޖެހޭނީ، ފްރީ ޗެކެއްގެ ގޮތުގައި ނޫން ކަމަށާއި، ދައުލަތުގެ ހަރަދަށް ޒިންމާވުމަށް ޝަރުތުކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، އެފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށާއި، އެފައިސާ ދޫކުރަން ޖެހޭނީ އޭގެން ހަރަދުކުރާ ކޮންމެ ސެންޓަކަށް ޒިންމާވާ ގޮތަށް ކަމަށެވެ. އަދި އެއީ މަޖިލީހުގެ ވާޖިބެއް ކަމަށްވެސް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މީ ކްރައިސިސްގެ ހާލަތެއް ކަމަށެވެ. މިހާލަތުގައި ގައުމު ސަލާމަތްކުރަން ފިޔަަވަޅު އަޅަންޖެހޭނެ ކަމަށެވެ.

ސަލީމް ވިދާޅުވީ މި ހިނގާ 2020 އަށް ފާސްކުރި ބަޖެޓަކީ މިހާރު ހަގީގީ ބަޖެޓަކަށް ނުވާނެ ކަމަށެވެ. އެބަޖެޓުގައިވާ އެއްވެސް ކަމެއް މިހާރު ދިމާނުވާނެ ކަމީ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް އާ ބަޖެޓެއް ހުށަހަޅަން ޖެހޭ ކަމަށާއި، އެބަޖެޓް ވާންވާނީ ކުރު މުއްދަތެއްގައި މިހާލަތުން ގައުމު އަރައިގަތުމަށް އެކުވަލާ ހަގީގީ ބަޖެޓަކަށް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.