ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ މި ހާލަތުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަނޑު، އައިއެމްއެފް އިން ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.
އައިއެމްއެފްގެ ބޯޑުން މިގޮތަށް ފާސްކުރިއިރު، ރާއްޖެއަކީ އައިއެމްއެފް އިން ކޮވިޑް 19 އާއިގުޅިގެން އެހީތެރިކަން ދިނުމަށް ނިންމާފައިވާ 30 ވަނަ ގައުމެވެ.
ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފަިއވާއިރު، މިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ދުރާލައި ފިޔަވަޅުތައް އަޅާފައިވާކަން އައިއެމްއެފް އިން ފާހަގަ ކޮށްފައިވެއެވެ. ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމަށްވެސް އެދިފައި ކަމަށް އައިއެމްއެފް އިން ބުނެފައި ވެއެވެ.
ރާއްޖެއަށް ދިނުމަށް ނިންމާފައިވާ 28.9 މިލިއަން ޑޮލަރަކީ އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީ، އާރުއެފްސީން ދިނުމަށް ނިންމާފައިވާ ފައިސާގެ އެހީއެއް ކަމަށް އައިއެމްއެފް އިން ބުނެއެވެ. އަދި މި ފައިސާއަކީ ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ދިން އެހީއެއް ކަމަށް ވެސް އައިއެމްއެފުންބުނެއެވެ.
އައިއެމްއެފުން ރާއްޖެއަށް 28.9 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމި އިރު، ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ޒަރޫރީ ބޭނުންތައް ފުއްދައި، ގައުމުގެ ހިންގުން ނުހުއްޓި ކުރިޔަށް ގެންދިއުމަށް 4.2 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.