ކޮލަމް

ވޯޓުގެ ޝަރްޢީ ޙައިޘިއްޔަތު 2

އަބްދުﷲ ފާރޫގް ހަސަން

ތަރުޖަމާ : އަބްދުﷲ ފާރޫގު ޙަސަން

ދުނިޔެއަށް އެދުންވެރިވާ މީހުން ވޯޓާމެދު ދެކެނީ ވޯޓަކީ ރީތި ތަބަކެއްގައި ވަތްކޮށްފައި ކޮންމެވެސް "ގާތްބޭފުޅަކަށް" ވެދުމަށް އަރުވަން އެންމެ ރަނގަޅު ހަދިޔާކަމުގައެވެ. ނުވަތަ ވޯޓަކީ އެންމެ ބޮޑު އަގެއް ހުށައަޅާމީހަކަށް ވިއްކާލަންވީ މުދަލެއްކަމުގައެވެ. ލިބޭން އޮތް އެންމެ މަތީއަގެއްގައި ވޯޓު ވިއްކައިނުލުމަކީ އިންތިހާ ދަރަޖައިގެ ސޭވާކަމެއްކަމުގައެވެ. ނަމަވެސް ދީނީވިސްނުމަކުން ވޯޓާމެދު ވިސްނާލާއިރު ވޯޓުގެ އެންމެ ފުރަތަމަ ޙައިޘިއްޔަތުގައި ވޯޓަކީ ދީނާއި ޤައުމަށްޓަކައި އަދާކުރާން ޖެހޭ ވަރަށް ބޮޑު ވަރަށް ބުރަދަންހުރި އަމާނަތެކެވެ. ޤައުމާއި ދީނުގެ އިޖްތިމާޢީ ފައިދާ އާއި މަސްލަހަތަށް ބެލުމެއްނެތި ތިމާގެ އަމިއްލަ އެދުމަށް އެ އަމާނަތުގެ ބޭނުންކުރުމަކީ އެކަކަށްވެސް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެފަދަ ގޮތަކަށް އަމަލުކޮށްފިނަމަ އެކަން ވާނީ ދީނާއި މިއްލަތަށް ވެވުނު ވަރަށް ބޮޑު ޚިޔާނަތެއް ކަމުގައެވެ.

އަޅުގަނޑުމެންގެ ޠަބީއަތު ނިޔާކުރާގޮތުން މަދު އަދަދެއްގެ ރުފިޔާކޮޅެއްވެސް އަމާނަތެއްގެ ގޮތުން މީހަކާ ހަވާލުކުރާނަމަ ވީހައިވެސް އަމާނަތްތެރި ތެދުވެރިޔަކުފެނޭތޯ އަޅުގަނޑުމެން ބަލައިވިސްނަމުއެވެ. ލޯފުނާއަޅައިގެން ހޯދަމުއެވެ. އަޅުގަނޑުމެން ހޯދަނީ މާތްﷲ އަށް ބިރުވެތިވާ ތަޤްވާވެރިޔެކެވެ. ޙަޤީޤީ މާނައިގައި އަމާންތެރިޔެކެވެ. ނަމަވެސް ވޯޓްފަދަ މުހިންމު ޤައުމީ އަމާނަތެއް މީހަކާ ހަވާލުކުރާންޖެހޭ ހިނދު އެއްވެސް ވަރަކަށް ބަލައިލަންޖެހޭ ކަމަކަށެއް އަޅުގަނޑުމެން ވިސްނައެއް ނުލަމުއެވެ. ނަމަވެސް އަރަހުށި މާތްﷲ ސުބްހާނަހޫ ވަތަޢާލާ ސަރީހު ބަސްފުޅުން ވަޙީކުރައްވަނީ އަމާނަތްތައް އޭގެ އަހްލުވެރީންނާ ހަވާލުކުރުމަށެވެ.

"ހަމަކަށަވަރުން އަމާނަތްތައް އޭގެ އަހްލުވެރީންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ." (ނިސާއު :58).

އެނގިވަޑައިގަންނަވާނެފަދައިން އަމާނަތް މިއީ އެލަފުޒެއްގެ މަފުހޫމު ވަރަށް ތަނަވަސް ލަފުޒެކެވެ. އަމާނަތުގެ މާނައިގައި ހިމެނެނީ ހަމައެކަނި މާއްދީތަކެއްޗެއް ނޫނެވެ. ޝަޚްސިއްޔަތާއި، ދައްކާ ވާހަކަ އާއި، ވިސްނުމާއި ބަހާއި، އަމަލާއި، މިބާވަތުގެ އެހެނިހެން ސިފަތައްވެސް އަމާނަތުގެ މަފްހޫމުގައި ހިމެނެއެވެ. (ޚާއްޞަކޮށް މިއާޔަތުގެ ސަބަބުއް ނުޒޫލަށް ވިސްނައި ވަޑައިގެން މުފައްސިރުން ވިދާޅުވާގޮތުގައި އަމާނަތްތައް އޭގެ އަހްލުވެރީންނަށް އަދާކުރުމަކީ މަޤާމުތައް އެކަމަށް ކުފޫހަމަވާ އެކަމުގެ އަހްލުވެރީންނާ ހަވާލުކުރުމެވެ.)

ހެކިދިނުމެއް އަދި ވަކާލާތުކުރުމެއް

އަމާނަތަކަށްވުން ފިޔަވައި ވޯޓުގެ ދެވަނަ ޙައިޘިއްޔަތުގައި ވޯޓަކީ ހެކިބަސް އަދާކުރުމެކެވެ. ތިބާ އެމީހަކަށް ވޯޓުދެއްވާ މީހަކާ ބެހޭގޮތުން ތިޔަހެކިދެއްވަނީ އެމީހާއަކީ އެވޯޓުދެއްވާ ކަމެއްގެ އަމާނަތް އުފުލުމަށް އެކަށީގެންވާ މީހަކު ކަމުގައެވެ. އެކަމަށް ޤާބިލުމީހެއްކަމުގައެވެ. އެމީހަކީ ވަލިއްޔުލް އަމްރަކަށް ނުވަތަ ރައްޔިތުންގެ މަދޫބަކަށްހެދުންލާއިޤު މީހެއްކަމުގައެވެ. މިގޮތުން ތިބާ ތިޔަދެެއްވާ ހެކިބަހަކީ ތެދުހެއްކެއްކަމުގައިވާނަމަ ތިބާއަކީ މާތްﷲ ގެ ޙަޟުރަތުން އެކަމުގެ ދަރުމަ އާއި ޘަވާބު ލިބިވަޑައިގަތުން ޙައްޤު މީހަކުކަމުގައި ވެވަޑައިގެންނެވުނީއެވެ. މިއާ ޚިލާފަށް ނާގާބިލު ނުބައި ނުލަފާ މީހަކަށް ތިބާ ވޯޓު ދެއްވައިފިނަމަ އެދެއްވުނީ ދޮގުހެއްކެކެވެ. ދޮގުހެކިދިނުމުގެ ހުރި ނުބައިކަމާއި ނުރައްކާތެރިކަމުގެ ބޮޑުކަމުން ކީރިތި ޤުރްއާނުގައި ދޮގުހެކީގެ ވާހަކަ ގެންނަވައިފައިވަނީ ޝަރީކު ކުރުމާގުޅުވައިލައްވައިގެންނެވެ. ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ.

"ފަހެ، (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ. އަދި ދޮގުހެކިބަސް ބުނުމުން ދުރުހެލިވާށެވެ!" (އަލްޙައްޖު: 30)
އާދެ ދޮގުހެކި ދިނުމަކީ ޝަރީކުކުރުމާ އެއްވަރުކަމެކެވެ. ވޯޓުގެ ތިންވަނަ ޙައިޘިއްޔަތުގައި ވޯޓުދިނުމަކީ ވަކީލަކު އައްޔަން ކުރުމެވެ. ތިމާގެފަރާތުން ވަކާލާތުކުރަން މީހަކަށް ހުއްދަދިނުމެވެ. ތިބާ ވޯޓުދެއްވާ ފަރާތް ތިޔަހެއްދެވެނީ ތިބާގެ ވަކީލަކަށެވެ. އޭނާވާނީ ޤައުމީ ކަންކަމުގައްޔާއި ރަށުފެންވަރުގެ މުޢާމަލާތަކުގައި ތިބާގެ ވަކީލަކުކަމުގައެވެ. އާއްމު އުސޫލެކެވެ. މައްސަލައެއްގައި ވަކާލާތުކުރާނެ ވަކީލަކު ހޯދާއިރު އަބަދުވެސް މަސައްކަތް ކުރެވެނީ ވީހައިވެސް ފެންވަރު ރަނގަޅު ޤާބިލުވަކީލަކު ހޯދުމަށެވެ. ކިތަންމެ ފީބޮޑުވިޔަސް ފަރުވާލެއް ނުބަހައްޓަމުއެވެ. އެހެންވީއިރު މުޅިޤައުމާ ގުޅުންހުރި މައްސަލައެއްގައި ފެންވަރެއްނެތް ޤާބިލުކަމެއްނެތް މީހަކު ވަކީލަކަށް ޢައްޔަންކުރުމަކީ މުޅިި ޤައުމާއި މިއްލަތާ ދުޝްމިނުވުމެވެ. އެހެންކަމުން މީހަކަށް ވޯޓުދޭއިރު އެމީހަކީ ތިމާގެ ރައުޔު ފާޅުކުރުމުގެ ޤާބިލިއްޔަތުހުރި މީހެއްތޯ ނިކަންރަނގަޅަށް ބަލާންވާނެއެވެ. އޭނާގެ ވާހަކަ ދެއްކުމުން އެއްވެސް މީހަކު އޭނާއާ އެއްބަސްކުރުވޭފަދަ ދޫހެލޭ، މަންޠިޤީ ހެކިތައް ދެއްކޭ ބުރަދަންހުރި އިލްމީ މީހަކުތޯ ބަލާންވާނެއެވެ. އަޅުގަނޑުމެން ވޯޓުދޭ މީހެއްގެ ކިބައިގައި އެޤާބިލުކަން ނެތްކަމުގައިވާނަމަ އެފަދަ މީހަކު ޤައުމުގެ ވަކީލަކަށް ހެދުމަކީ ގޭގެ ފާރަވެރިޔަކަށް ވަގަކު ބެހެއްޓުންފަދަ ކަމެކެވެ.

ހަތަރުވަނަ ޙައިޘިއްޔަތު

ވޯޓުގެ ހަތަރުވަނަ ޙައިޘިއްޔަތުގައި ވޯޓުދިނުމަކީ ސަކާކުރުމެކެވެ. ތިބާ ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަކީ އެމީހަކު ޤައުމުގެ މަންދޫބަކަށް ނުވަތަ ވަލިއްޔުލްއަމްރަކަށް އިންތިޚާބުކުރުމަށް އެކަށިގެންވާ ކަމުގައި ވިދާޅުވެ އެމީހަކަށް ސަކާ ކުރެއްވުމެވެ. ތިބާއެކުރައްވާ ސަކާޔަކީ ރަނގަޅު މަޤްސަދެއްގައި ކުރެއްވި ހުއްދަ ސަކާއެއް ކަމުގައިވާނަމަ ތިބާ ވޯޓުދެއްވިމީހާ މެންބަރުކަމަށް ހޮވިގެން ކުރާ ކޮންމެ ރަނގަޅުކަމެއް ކުރުމުގައި ތިބާއަށްވެސް ބަރާބަރަށް ބައިވެރިވެވަޑައިގެންނެވުނީއެވެ. މަންދޫބަކަށް ހޮވުނުމީހާ ހުރި މަޤާމުގެ ހުއްދަނޫން މަންފާ ހޯދައި ނުބައިކަންތައް ކޮށްއުޅޭނަމަ، ނުވަތަ މީހުންގެ ޙައްޤުތައް ޣަސްބުން ފޭރޭނަމަ، ނުވަތަ އެފަދަ ކަންކަމަށް އެހީވާނަމަ އެކަންކަމުގެ ޒިންމާ ތިބާ ވެސް އުފުއްލަވާންޖެހިވަޑައިގަންނަވާނެއެވެ. އެހެނީ ތިބާވަނީ ތިބާގެ ވޯޓު އޭނާޔަށް ދެއްވައި އޭނާ ވަލިއްޔުލްއަމުރަކަށް ނުވަތަ ވަކީލަކަށް ހެދުމަށް ސަކާކުރައްވއިފައެވެ. މިކަމާބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަރަށް ސަރީހު ބަސްފުޅެއް އެބައޮތެވެ.
"ހެޔޮ ޝަފާއަތަކުން ޝަފާޢަތްތެރިވާ މީހަކަށް އޭގެ (ދަރުމައިން) ބައެއްވެއެވެ. އަދި ނުބައި ޝަފާޢަތަކުން ޝަފާޢަތްތެރިވާ މީހާއަށް އޭގެ (ފާފައިން) ބައެއްވެއެވެ." (ނިސާއު: 85)

އިމާމު ހުސައިން ރަޟިޔަﷲ އަންހުގެ ނަމޫނާ

ސައްޔިދުނަލް އިމާމު ޙުސައިން ރަޟިޔަﷲ އަންހު ކަރުބަލާގައި އެކަލޭގެފާނުގެ ލޭފޮދުން ލިޔުއްވައިފައިވަނީ ވޯޓުގެ މިދެންނެވި އަހަންމިއްޔަތުގެ ތާރީޚެވެ. ކޮންމެ އަހަރަކުވެސް މުޙައްރަމްމަސް އައުމުން ތިޔަބޭފުޅުންގެ ދޫފުޅުތަކުން ކަރުބަލާގެ ޝަހީދުންނަށް ވަރަށް ބޮޑަށް ތާރީފުކުރައްވަމުއެވެ. އެބޭކަލުންގެ މުސްލިމުން ފަޚުރުވެރިވާފަދަ ހިތްވަރުފުޅުގަދަކަމާއި، ޤުރްބާނީގެ މަތިން ހަނދާން އާކުރައްވަމުއެވެ. ނަމަވެސް ސައްޔިދުނަލް އިމާމު ޙުސައިން ރަޟިޔަﷲ އަންހުގެ މަތިވެރި މަސައްކަތްޕުޅުގެ ޙަޤީޤަތާމެދު އެއްފަހަރުވެސް ވިސްނައިވަޑައިގެންނެވީމު ތޯ އެވެ؟ އެކަލޭގެފާނު ކުރިމަތިލެއްވީ ކޮންމެވެސް ހަރުމުދާތަކެއް ނުބެއްސެވިގެން ހިންގެވި ޤަޟިއްޔާއަކާ ތޯއެވެ؟ ނުވަތަ އެއީ ތާޖާއިތަޚުތު ހޯއްދަވަން ކުރެއްވި ހަނގުރާމައެއްތޯއެވެ.؟ ޚުދު ތިޔަބޭފުޅުން ވިދާޅުވާނޫއެވެ. ނޫނެކެވެ. ފަހަރެއްގައިވެސް އެހެންނަކުން ނޫނެވެ. މުޙައްމަދު މުޞްޠަފާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި، ޢަލީ މުރްތަޟާ ރަޟިޔަﷲ ޢަންހު އާއި، ފާޠިމަތުއް ޒަހްރާ ރަޟިޔަﷲ ޢަންހާ އާއި ޙަސަން މުޖްތަބާ ރަޟިޔަﷲ ޢަންހު ގެ ތަރްބިޔަތު ލިބިވަޑައިގެންފައިވާ އިމާމު ހުސައިން ރަޟިޔަﷲ ދުނިޔޭގެ އެދުންފުޅުގައި ތިޔަފަދަ ދަށު ދަރަޖަޔަކަށް ވެއްޓި ވަޑައެއްނުގަންނަވާނެއެވެ. އެއީ ކަށަވަރުކަމެކެވެ. އެހެންވީއިރު މި ޙާދިޘާ މިގޮތަށް ހިނގައިފައިމިވަނީ ކީއްވެގެންތޯއެވެ؟. ކުރުކޮށް ދަންނަވާނަމަ އޭގެ ސަބަބަކީ މިދަންނަވަނީއެވެ.

ނުރަނގަޅު މީހަކަށް ތާއީދު ކުރައްވައި އެމީހާއަށް ވޯޓުދެއްވާކަށެއް އިމާމު ހުސައިން ރަޟިޔަﷲ ޢަންހު ބޭނުންފުޅެއްނޫނެވެ. ތެދުފުޅެކެވެ. އެޒަމާނަކު ގަވާއިދުން ވޯޓު ވައްޓައިލާކަށެއް ވޯޓުފޮއްޓެއް ނުހުރެއެވެ. ނަމަވެސް ބައިއަތު ހިފުމުގެ އުސޫލު ޤާއިމުވެފައި އޮތްކަމީކަށަވަރު ކަމެކެވެ. ޚަލީފާކަމަށް ބައިއަތުހިފެވޭ ފަރާތެއްގެ އަތަށް ނުވަތަ އޭނާގެ މަންދޫބެއްގެ އަތަށް ތިމާގެ އަތްދިނުމަކީ ނުވަތަ އެފަރާތަކާ އަތާއަތްޖޯޑުކުރުމަކީ ބައިއަތު ހިފުމެވެ. މިޒަމާނުގެ ތަރުބީރުން ދަންނަވާނަމަ ވޯޓް ދިނުމެވެ.

ކަމާއެކަށީގެންނުވާ ނާގާބިލު އަދި ސުލޫކު ރަނގަޅު ނޫން މީހެއްގެ ޙައްޤުގައި އެކަލޭގެފާނުގެ ވޯޓު ބޭނުންކުރައްވާ ކަށެއް އަލްއިމު ޙުސައިން ރަޟިޔަﷲ އަންހު ބޭނުންފުޅެއް ނުވިއެވެ. އޭގެ ނަތީޖާއަކަށްވީ ލޮބުވެތި ރަސޫލާގެ މާފަދަރިކަލުންނާއި އެކަލޭގެފާނުގެ އަހްލުބައިތުންނާއި އެކުވެރީން ނައިނަވާގެ "ސިކާރަގާހުގައި" އެއްވެސް ހިތެއް ފިތެއް ނެތި ކަތިލައިލެވުމެވެ. ޝަހީދުކޮށްލެވުމެވެ. ތާއަބަދަށްޓަކައި މުޙައްމަދީ އުންމަތަށް އަންނަނިވި ފިލާވަޅު ލިބިދެއްވުމެވެ.

"ތިބާގެ ބޯކަނޑައިލެވި އޭނާގެ ލޮންސިއަށް އެބޯ އަމުނައިލެވުނުކަމުގައިވިޔަސް ޔަޒީދީންނަށް ކިޔަމަންވެ ބޯނުލަނބާށެވެ."

(ނުނިމޭ)