ޚަބަރު

ލަންކާއިން ނުވަ ޓަނުގެ ކާގޯ ހިފައިގެން މޯލްޑިވިއަނުން ރާއްޖެ އަތުވެއްޖެ

އަލީ ޔާމިން

ސްރީލަންކާގެ ވެރިރަށް ކޮލަންބޯއިން ނުވަ ޓަނުގެ ކާގޯ ހިފައިގެން މޯލްޑިވިއަންގެ ފްލައިޓެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވިއަނުން މީގެ އިރުކޮޅެއްކުރިން ކުރި ޓްވީޓެއްގައި ބުނީ، ކޮލަންބޯއިން 8225 ކިލޯ (ނުވަ ޓަނު)ގެ ކާގޯ ހިފައިގެން އެ އެއާލައިންގެ ފްލައިޓެއް ރާއްޖެއަށް ދެންމެ އައިސްފައިވާ ކަމަށެވެ. ނަމަވެސް ފްލައިޓުން ރާއްޖެ ގެނެސްފައިވަނީ ކޮން ކަހަލަ މުދަލެއްކަން މޯލްޑިވިއަނުން ބުނެފައެއް ނުވެއެވެ.

މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މޯލްޑިވިއަނުން ވަނީ ލަންކާއިން މުދާ ރާއްޖެއަށް ގެނެސްފައެވެ. އެފަހަރު މޯލްޑިވިއަނުން ގެނައީ އަވަހަށް ހަލާކުވާ ޒާތުގެ ޕެރިޝަބަލް ތަކެއްޗާއި ބައެއް މެޑިކަލް ތަކެއްޗެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ބައެއް ގައުމުތައް މިހާރު އޮތީ ލޮކްޑައުންގައެވެ. އެހެންކަމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވަނީ ދަތިތަކާ ކުރިމަތި ވެފައެވެ.

މުދާ އެތެރެކުރުމަށް ހުރި ދަތިތައް ނައްތައިލުމަށް މޯލްޑިވިއަނުން ވަނީ ޗާޓަރު ކާގޯ ފްލައިޓުތައް ބާއްވަން ފަށައިފައެވެ.