(18 އޭޕްރީލްގެ އަދަދާއި ގުޅޭ)
"އާދޭހެވެ. އަޅުގަނޑު މިއައީ حسّان ގެ ފަރާތްޕުޅުން މަނިކުފާނުގެ އަރިހުގައި ދެންނެވުމަށްޓަކައެވެ. މަނިކުފާނު އެނބުރިވަޑައިގެންފިނަމަ މަނިކުފާނުގެ ފުރާނަފުޅާއި ޢިއްޒަތާއި ޙުރުމަތާއި ހުރިހާ މުދަލެއް ޙިމާޔަތްކުރެއްވުމަކީ އޭނާގެ ޒިންމާއެކެވެ. އޭނާ ވަނީވެސް މުސްލިމުންގެ ކޮމާންޑަރ އިން ޗީފްގެ އަރިހުން އެކަމުގެ ލިޔުމެއްވެސް ހޯއްދަވައިފައެވެ. މަނިކުފާނު އަމަންއަމާންކަން ޤާއިމުކުރުމުގައި މުސްލިމުންނަށް އެއްބާރުލެއްވުން ދެއްވާނަމަ، މަނިކުފާނުގެ އަވަށުން ފެށިގެން ވަލަޖާއާއި މަޒާރާ ހަމަޔަށް މުސްލިމުން ފަތަޙަކޮށްފައިވާހައިތަނެއްގެ އިދާރީ ހިންގުމުގެ ހުރިހައިކަމެއް މަނިކުފާނާ ޙަވާލުކުރެވޭނެއެވެ. حسّان މީގެކުރީންވަނީ މަނިކުފާނުގެ ބައްޕާފުޅުގެ ނަންފުޅުގައިވެސް މިފަދަ ފަތްކޮޅެއް ހޯއްދަވައިފައެވެ. حسّان ވަޑައިގަތީ ތިޔަބޭފުޅުންގެ އިޙްސާންތެރިކަމުގެ ބަދަލުދެއްވަން ވެގެންނެވެ. ނަމަވެސް މަނިކުފާނު އޭނާއަކީ ދުޝްމިނެއްކަމުގައި ހިއްތަވައި އޭނާއަށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދެއްވީމުއެވެ. މުސްލިމުންގެ ލަޝްކަރުގެ އިސްކޮމާންޑަރެއްވެސް މިދޭތެރެޔަކުން އަޅުގަނޑުމެންގެ އަވަށްތަކުގައި ބުރުޖެއްސެވިއެވެ. ހިސާބުގަނޑުގެ ހުރިހައި ޢަރަބި އަމީރުންވެސްވަނީ މަނިކުފާނު އަނބުރައިގެނުވަން އޭނާގެ އަރިހުން އެދިފައެވެ. ހުރުމުޒާއި އޭނާގެ މުވައްޒަފުން ޢަރަބި ދަނޑުވެރީންނަށް އަނިޔާކުރެއްވި ދުވަސްވަރު އެބައިމީހުންނަށް ޙިމާޔަތްދެއްވީ މަނިކުފާނުގެ ބައްޕާފުޅު ކަމުގައި ދެންނެވުމުން އޭނާ ވަރަށް އުފާކުރެއްވިއެވެ."
ޒަރުބަޚުތު ތުންފަތްޕުޅު ހައްޕަވަމުން ވިދާޅުވިއެވެ. "حسّان ވަނީ އަހަރެމެން އީރާނަށް ޣަދަރުވެރިކުރުވަން ވަރަށްގިނަ ދަންތުރަތަކެއް ޖައްސަވައިފައެވެ. މަކަރުވެރިކަމުގެ ދާތަކެއް ފަތުރުއްވަވައިފައެވެ. އެކަމަކު حسّان އަކަށް އަހަންނަކަށް ކެއްސެއް ނުދެއްވޭނެއެވެ."
ކާއޫސް ބުންޏެވެ. "حسّان މަނިކުފާނަށް ކެއްސެއްދެއްވަން އުޅުއްވައިފާނެކަމުގެ ހީއެއްވީނަމަވެސް އަޅުގަނޑު އޭނާގެ ޤާސިދެއްގެ ޙައިޘިއްޔަތުން މަނިކުފާނުގެ އަރިހަކަށް ނައީމުހެވެ."
"ކަލޭ އަހަންނަށް އަސްލު މައްސަލަ ފޮރުވަނީއެވެ. ކަލޭ ސާފުކޮށް ނުބުނާން ތިޔައުޅެނީ ކީއްވެގެންހެއްޔެވެ؟ އަހަރެން އެނބުރި ހިނގައްޖެނަމަ حسّان ގެ އެންމެފުރަތަމަ ހުށަހެޅުއްވުމަކަށްވާނީ އަހަރެން މުސްލިމުންގެ ދީން ޤަބޫލުކުރުމެވެ. އެއަށްފަހު އެބައިމީހުންގެ ލަޝްކަރުގައި ބައިވެރިވެ އަހަރެންގެ ޝަހެންޝާހުއާއި އަހަރެންގެ ވަޒަނާ ދެކޮޅަށް ހަނގުރާމަކުރުމެވެ."
ކާއޫސް ބޯހޫރާލައިފައި ޖަވާބު ދިނެވެ. "ނޫނެކެވެ. حسّان މަނިކުފާނުގެ އަރިހަކުން އިސްލާމްވެވަޑައިގަންނަވާކަށެއް އެދިވަޑައެއް ނުގަންނަވާނެއެވެ. މުސްލިމުން ކައިރީން ފެނިވަޑައިގެންފިނަމަ މަނިކުފާނަށް އިސްލާމްދީނާ ދުރަކު ނުހުންނެވޭނެކަން حسّان ޔަޤީންކުރައްވައެވެ. حسّان ގެ އަރިހުގައި އިސްލާމްދީނަކީ ވަކި ޤަބީލާއެއްގެ ވަކި ޤައުމެއްގެ ދީނެއް ނޫނެވެ. އެއީ ސީދާވެގެންވާ ތެދުމަގެކެވެ. އެމަގުގެ ދަތުރުވެރީންގެ މެދުގައި ކުލަޔާއި ނަސްލުގެ ތަފާތެއް ނުހުންނާނެއެވެ. އަޅުގަނޑު ފޮނުއްވަމުން حسّان ވިދާޅުވިއެވެ. ޒަރުބަޚުތުފަދަ ބޭފުޅުން މަދާއިނުގެ ހަތަރު އަނގޮޅިތަކުގައި އިސްލާމްދީނަށް ގޮވައިލައްވާނެ ދުވަސް މާދުރެއް ނޫނެވެ."
ޒަރުބަޚުތުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ ވިދާޅުވިއެވެ. "ކާއޫސެވެ. ކަލެޔަކީ އަހަރެންގެ ބައްޕާފުޅުގެ ޚާދިމެއްކަމުގައި ނުވާނަމަ އަހަރެން ކަލޭ ދިރިހުއްޓައި ވަޅުލައިފީމުހެވެ. ކަލޭ ހަމަމިހާރު އެނބުރިދާށެވެ. އަހަރެމެންގެ ލަޝްކަރު ފަތަޙައިގެ ބެރުޖަހަމުން ކުރިޔަށްދާ ދުވަހަކަށް އިންތިޒާރުކުރާށެވެ. އެދުވަހަކުން އީރާނުގެ ދުޝްމިނުންނާއި ޣަދަރުވެރީންނަކަށް ބޯނިވާކޮށްލާނެ ތަންކޮޅެއް ނުލިބޭނެއެވެ. އަންނާށެވެ. ކަލޭގެ އަސް ކަލެޔަށް އަނބުރައި ލިބޭނެއެވެ."
ޒަރުބަޚުތު ދޮރާދިމާޔަށް ހިންގަވައިގެންނެވިއެވެ. ނަމަވެސް ކާއޫސް ދެންނެވިއެވެ. "މަޑުކުރައްވާށެވެ. އަޅުގަނޑު އަދި އެއްވާހަކަ ދަންނަވަން ބޭނުމެވެ." ޒަރުބަޚުތު މަޑުކޮށްލެއްވިއެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވާން ހިނދުކޮޅަކު ތިއްބެވިއެވެ. އެންމެފަހުން ކާއޫސް ދެންނެވިއެވެ. އަޅުގަނޑުވަނީ حسّان ގެ ކޮއްކޮ ގޮވައިގެން އަންނާންކަމަށް އޭނާގެ އަރިހުގައި ވަޢުދުވެފައެވެ. އޭނާ މަދާއިނުގައި ހުންނެވިކަމުގައިވާނަމަ މަނިކުފާނުގެ އަރިހުގައި އަޅުގަނޑު ގެންދަވާށެވެ."
"ނޫނެކެވެ." ޒަރުބަޚުތު ނިޔާކަނޑައަޅުއްވާ ރާގުގައި ވިދާޅުވިއެވެ. "حسّان ގެ ކޮއްކޮ އެނބުރިވަޑައެއް ނުގަންނަވާނެއެވެ."
ކާއޫސް އާދޭހުގެ ރާގުގައި ދެންނެވިއެވެ. "قبــاد ގެ ދަރިކަލުންނޭވެ! އަޅުގަނޑަކީ މަނިކުފާނުގެ ދުޝްމިނެއް ނޫނީމެވެ. އަޅުގަނޑުގެ ވާހަކަ ވިސްނައިވަޑައިގެން އަޑުއައްސަވާށެވެ. حسّان އަޅުގަނޑުމެންގެ އަވަށުގެ މީހުނާމެދު ބެހެއްޓެވި އިޙްސާންތެރިކަމަށްފަހު މަނިކުފާނު އޭނާގެ ކޮއްކޮ ހައްޔަރުކުރައްވާކަށެއް އަވަށުމީހުން ގަބޫލެއް ނުވާނެއެވެ. އަޅުގަނޑަށް ޔަޤީނެވެ. ماه بانو ވެސް އެކަމަކާ ރުހިވަޑައެއް ނުގަންނަވާނެއެވެ."
"މުސްލިމުންގެ ޖާސޫސަކު އަހަރެންގެ ކޮއްކޮގެ އަރިހަށް ދާކަށެއް އަހަރެން ހުއްދައެއް ނުދޭނަމެވެ. ކަލޭ އެނބުރިގޮސް حسّان ގެ އަރިހުގައި އޭނާގެ ކޮއްކޮ އަވަހާރަވެއްޖެއޭ ދަންނަވާށެވެ. އޭނާ ހޯއްދަވަން މަދާއިނަށް އެހެން ޖާސޫސަކު ފޮނުއްވުމުގެ ބޭނުމެއް ނެތޭވެސް ދަންނަވާށެވެ."
"سُهيل އަވަހާރަވެއްޖެއޭތޯއެވެ؟"
"އާނއެކެވެ. ކަލޭ އަހަރެންގެ ބަސް ޤަބޫލެއް ނުކުރަމުހެއްޔެވެ؟"
"އަޅުގަނޑު މަނިކުފާނުގެ ވާހަކަފުޅު ޤަބޫލުކޮށްފާނަމެވެ. ނަމަވެސް حسّان ގެ ކޮއްކޮ އަވަހާރަވުމުން މަނިކުފާނު حسّان އަށް އެކަން އެންގެވުމުގެ ބޭނުމެއް ނެތްކަމުގައި ބެއްލެވިކަން ޤަބޫލުކުރައްވާކަށެއް حسّان އަށް ފަސޭހަފުޅެއް ނުވާނެއެވެ."
"ކަލޭ އަހަރެންގެ ފަރާތުން އެކަން ހަމަޖައްސައިލާށެވެ! އަހަރެންގެ ވަގުތު ނަގައިނުލާށެވެ!"
ކާއޫސް މޮޅިވެލައިފައި ސުވާލުކުރިއެވެ. "ޙަޤީޤަތުގައިވެސް سُهيل އަވަހާރަވީތޯއެވެ؟"
ޒަރުބަޚުތު ކާއޫސްގެ މުލައްދަނޑީގައި ހިއްޕަވައިގެން ބޭރަށް ނުކުމެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "މޮޔަޔާއެވެ! އަހަރެން އެއްފަހަރު ކަލޭގެ ސުވާލަށް ޖަވާބުދީފީމެވެ. އޭނާ އަސްމަތީން ވެއްޓިވަޑައިގެން އަވަހާރަވީއެވެ."
ކާއޫސް އާރެއްބާރެއް ނެތިފައިވާ ބެލުމަކުން ޒަރުބަޚުތާ ދިމާޔަށް ބަލައިފައި އިސްދަށަށް ޖަހައިލިއެވެ.
އިރުކޮޅެއްގެފަހުން ތިން އަސްވާރުން މުޢަސްކަރުން ނިކުމެވަޑައިގެންފިއެވެ. ޒަރުބަޚުތާއި އާދުމާނާ މިސްރާބު ޖެއްސެވީ މަދާއިނަށެވެ. ކާއޫސް އޭނާގެ އަވަށާ ދިމާޔަށެވެ.
އާދުމާން ކުއްލިޔަކަށް އޭނާގެ އެކުވެރިޔާއާ ސުވާލުކުރެއްވިއެވެ. "އަސްމަތީން ވެއްޓި މަރުވީ ކާކުތޯއެވެ؟"
"މީހަކު މަރެއް ނުވެއެވެ. ޒަރުބަޚުތު މަޑު އަޑުފުޅަކުން ޖަވާބު ދެއްވިއެވެ."
+ + + + +
ޒަރުބަޚުތަށް މަދާއިނަށް ވަޑައިގެންނެވުނީ ރޭދެބައިވާން އުޅެނިކޮށެވެ. މަދާއިނަށް އަރައިވަޑައިގަތުމާއެކު އޭނާއަށް ވަނީ އުރުދުޝޭރު އަވަހާރަވި ޚަބަރާއި ޝަހްރިޔާރު ތަޚްތަށް އިސްވެވަޑައިގެންނެވި ޚަބަރު ލިބިވަޑައިގެންފައެވެ. ހެނދުނު ހެނދުނާ އޭނާ ވަޑައިގަތީ ފުރޭބުރުޒުގެ ގެޔަށެވެ. ދައުލަތުގެ އިސްފުރަދާނައިން ފިޔަވައި އެހެންމީހުނަށް އާއްމުގޮތެއްގައި ފުރޭބުރުޒާ ބައްދަލުވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތީން އޮފީހުންނެވެ. ގެއިން ބައްދަލުވެވޭ މީހަކު ވަރަށް މަދެވެ. އަމިއްލަފުޅު ބޭނުންފުޅުތައް ފުއްދެވުމަށާއި ބާރުހުރި ރަޙުމަތްތެރިޔަކު ހޯއްދެވުމަށްޓަކައި ފުރޭބުރުޒާ ބައްދަލުކުރައްވަން އުޅުއްވާ ވަޒީރުންނާއި އަމީރުންނާ ވީހައިވެސް ދުރެއްގައި އުޅުއްވޭތޯ އޭނާ ގެންދަވަނީ ބައްލަވަމުންނެވެ. މަދާއިނުގައި އެކި ވިލިވިލީގެ ސިޔާސަތާއި ގަނޑުވަރުތެރޭގެ ރޭވުންތަކަށް ޝައުޤުވެރިވާ މީހުން އޭނާއާ އެކަހެރީން ވާހަކަ ދައްކައިލާން ބޭނުންވެގެން ބައްދަލުކޮށްލުމުން އެނގެނީ ޝާހީ ހަށިފާރަވެރީންގެ ލަޝްކަރުގެ ސިފައިން ތަމްރީނުކުރުމާއި ސިފައިންނާއި އޮފިސަރުންގެ މުސާރަޔާ ބެހޭ ކަންކަން ފިޔަވައި އެހެން އެއްވެސްކަމަކާ އެ މުސްކުޅިޔާގެ ޝައުޤުވެރިކަމެއް ނުހުންނަކަމެވެ. ފުރޭބުރުޒުގެ އޮފީސް ހުންނަނީ ދިޖުލަކޯރުގެ އަނެއްފަރާތުގެ އައްސޭރީގައެވެ. ހަށިފާރަވެރީންގެ ލަޝްކަރުގެ މަރުކަޒުގައެވެ. އޭނާ ނޯކަރުންނަށް އަންގަވައިފައިވަނީ ހަމައެކަނި ރަސްމީގޮތުން ބައްދަލުވެލަން އަންނަ މީހުންނަށް އޮފީހަށް ދާނެމަގު އޮޅުންފިލުވައިދިނުމަށެވެ. ނަމަވެސް އެގޭގެ ދޮރު އަބަދުވެސް ހުންނަނީ ޒަރުބަޚުތަށްޓަކައި ހުޅުވިފައެވެ. އާދައިގެ އޮފިސަރެއްގެ ޙައިޘިއްޔަތުން ފާރަވެރީންގެ ލަޝްކަރުގައި ބައިވެރިވެވަޑައިގަންނަވާ އޮފިސަރުންގެ ތެރެއިން މަދާއިނުން ގެ ލިބިވަޑައިގެންނެވުމުގެ ކުރީން މެހުމާނެއްގެ ޙައިޘިއްޔަތުން ފުރޭބުރުޒުގެ ގޭގައި ހުންނެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ހަމައެކަނި އޮފިސަރަކީ ޒަރުބަޚުތެވެ.
މުސްކުޅި ނޯކަރަކާއި އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅު ފިޔަވައި އެހެން އެއްވެސް ނޯކަރަކަށް ފުރޭބުރުޒާ ވާހަކަދައްކައި އުޅޭކަށެއް ނުކެރެއެވެ. އެމުސްކުޅި ނޯކަރުގެ ނަމަކީ ކާފޫރެވެ. ފުރޭބުރުޒަށް ލިބިވަޑައިގަންނަވާ ހުސްވަގުތުތަކުގައި ކާފޫރާއެކު ރާޒުވާ ކުޅުއްވައެވެ. ޚާދިމާގެ ނަމަކީ ފިރުދައުސެވެ. އެމީހުންގެ ދަރިފުޅުގެ ނަމަކީ ނީލޯފަރެވެ. ނީލޯފަރަކީ ކުލައަލި ކުއްޖެކެވެ. ޒަރުބަޚުތު އޭނާގެ ބައްޕާފުޅުގެ ތަޢާރުފުގެ ސިޓީފުޅު ހިއްޕަވައިގެން އެންމެފުރަތަމަ އެގެޔަށް ވަޑައިގެންނެވިއިރު ނީލޯފަރުގެ އުމުރަކީ ގާތްގަނޑަކަށް ސޯޅަވަރަކަށް އަހަރެވެ. އެއީ ޞިއްޙަތު ރަނގަޅު ރީތި ކުއްޖެކެވެ. އޭނާގެ މޫނުމަތީގައި އަބަދުވެސް ނަށަނަށައި ހުންނަނީ ދާއިމީ ހިނިތުންވުމެކެވެ. އެންމެފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ ސިއްރުސިއްރުން ޒަރުބަޚުތާ ދިމާޔަށް ބަލައިފައި ހެމުން ގެންދެއެވެ. ދުވަސްކޮޅެއްގެ ފަހުން އެ ދެމީހުން އައީ މަޑުމަޑުން އެކަކު އަނެކަކާ އޮޅުވަމުންނެވެ. ނަމަވެސް ނަސަބާއި ހަސަބުގެ ތަފާތު އެދެމެދުގައި އަބަދުވެސް އޮންނަނީ ހުރަސްއަޅާ ފާރަކަށް ވެފައެވެ.
އެއްދުވަހެއްގެ ހަވީރު ޒަރުބަޚުތު ގެޔަށް ވަޑައިގެންނެވިއިރު ފިރުދައުސާއި އޭނާގެ ދަރިފުޅާ ދެމައިން ބަގީޗާގެ ތެރޭގައި ހިނގައިލަ ހިނގައިލައި ތިއްބެވެ. ޒަރުބަޚުތު އެއްވެސް ތަމްހީދަކާނުލައި ވިދާޅުވިއެވެ. "އަހަންނަށް ގެއެއް ލިބިއްޖެއެވެ. މާދަމާ އަހަރެން އެގެޔަށް ބަދަލުވަނީއެވެ."
ނީލޯފަރުގެ މޫނުމައްޗަށް ވެރިވެގަތީ ހިތާމައިގެ އަސަރުތަކެވެ.
ޒަރުބަޚުތު ކުޑައިކޮށް މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "ނީލޯފަރުއެވެ. އަހަރެންގެ ކޮއްކޮ މަދާއިނަށް ވަޑައިގެންނެވުމުން އޭނާޔަށް އެކުވެރިޔަކު ބޭނުންވާނެއެވެ."
ނީލޯފަރުގެ މޫނު އުފަލުން ވިދައިގަތެވެ. އޭނާ ބުންޏެވެ. އަޅުގަނޑު ކޮންމެ ދުވަހަކު އޭނާގެ އަރިހަށް ދާނަމެވެ. ފުރޭބުރުޒު ސާހިބާ ހުއްދަ ދެއްވައިފިނަމަ އޭނާ ގޮވައިގެން މުޅި މަދާއިނުގައި ދަތުރު ކުރާނަމެވެ. މަނިކުފާނަށް އެނގިވަޑައިގަންނަވާތޯއެވެ. އަޅުގަނޑުގެ އެކުވެރިޔެއް އަސްފަހާނުގައިވެސް އިންނަވައެވެ. އޭނާ މިތަނަށް ވަޑައިގެން މަނިކުފާނުގެ ކޮއްކޯފުޅާ ބައްދަލުވެވަޑައިގެންނެވުމުން ވަރަށް އުފާފުޅުވާނެއެވެ."
"އެއީ ކާކުހެއްޔެވެ؟"
"އޭނާގެ ނަންފުޅަކީ يـاسمـين އެވެ. ނަމަވެސް އަޅުގަނޑުމެން ކިޔަނީ ޝެހެޒާދީއެވެ. ރަން އިސްތަށިފުޅުގެ ވެރި ޝެހެޒާދީއެވެ."
ފިރުދައުސު ދެންނެވިއެވެ. "يـاسمـين ދަރިފުޅަކީ އަޅުގަނޑުމެންގެ ސާހިބާގެ މާފަދަރިކަނބަލެކެވެ. އޭނާގެ އުމުރުފުޅުން ހަމަސްފުޅު ފުރުނުތަނާ މަންމާފުޅު އަވަހާރަވެއްޖެއެވެ. އޭނާއަށް ކިރުފޮދުއެރުވީ އަޅުގަނޑެވެ. އޭނާ ނީލޯފަރަށްވުރެ ދޮށިފުޅީ އެންމެ ދެމަހެވެ."
ނީލޯފަރު ސުވާލުކުރިއެވެ. "މަނިކުފާނުގެ ކޮއްކޯފުޅު ވަޑައިގަންނަވާނީ ކޮންއިރަކުތޯއެވެ؟"
"ވީހައިވެސް އަވަހަކަށް ގެނެވޭތޯ އަހަރެން މަސައްކަތް ކުރާނަމެވެ."
ޒަރުބަޚުތު ދުވަސްކޮޅެއްގެފަހުން މަދާއިނަށް އެނބުރި ވަޑައިގެންފައި އެމީހުންގާތު ވިދާޅުވީ އޭނާގެ ބައްޕާފުޅު މަދާއިނަށް ވަޑައިގަންނަވާން ގަސްދު ނުކުރައްވާ ވާހަކައެވެ.
قبــاد އަވަހާރަވުމަށްފަހު ޒަރުބަޚުތު އޭނާގެ ކޮއްކޯފުޅު މަދާއިނުގައި ބައިންދަވައިފައި ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވުމުން ނީލޯފަރާއި އޭނާގެ މައިންބަފައިން ކޮންމެ ދެދުވަހަކުން ނުވަތަ ތިންދުވަހަކުން ماه بانو ގެ އަރިހަށް ޒިޔާރަތްކުރެއެވެ. ފުރޭބުރުޒުވެސް ދޭތެރެދޭތެރެއިން ماه بانو އެގެޔަށް ގެންނަވައެވެ. ފުރޭބުރުޒު ماه بانو އާ މުޚާޠަބުކުރައްވަނީ ދަރިފުޅާއެވެ ވިދާޅުވެފައެވެ. ماه بانو ފުރޭބުރުޒަށް ވިދާޅުވަނީ ބައްޕައެވެ.
މިއަދު ޒަރުބަޚުތު އެގެޔަށް އެވަޑައިގަތީ އެތައްމަހެއްވަންދެން މަދާއިނުން ބޭރުގައި އުޅުއްވުމަށްފަހުގައެވެ. އެގެޔަށް ވަޑައިގެންނެވުމުން ޒަރުބަޚުތަށް ހީފުޅުވަނީ އަމިއްލަފުޅު ގެޔަށް ވަޑައިގެންނެވޭހެންނެވެ.
ގޭގެ ބިއްދޮށުގައި އޮންނަ ބަގީޗާގެ ފިނިފެންމާ ގަސްތަކުގެ ކައިރީގައި އަންހެންކުއްޖެއް ވާބިންނާން ހުއްޓެވެ. އެކުއްޖާ ހުރީ ޒަރުބަޚުތު ވަޑައިގެންނެވި ދިމާޔަށް ފުރަގަސްދީގެންނެވެ. ޒަރުބަޚުތު ހުއްޓިވަޑައިގެންފިއެވެ. އޭނާ މަޑުމަޑުން އެކުއްޖާއާ ވަރަށް ކައިރިޔަށް ވަޑައިގެންފައި "ނީލޯފަރު" އެވެ ވިދާޅުވެއްޖެއެވެ.
އަންހެންކުއްޖާ ސިހިގެންގޮސް ފަހަތަށް އެނބުރި ބަލައިލިއެވެ. އޭނާއަށް ހެއްދެވުނީ ގޯހެއްކަން ޒަރުބަޚުތަށް އެނގިވަޑައިގެންފިއެވެ. އެއީ ނީލޯފަރަށްވުރެ ޞިއްޙަތު ރަނގަޅު އޭނާއަށްވުރެ މާރީތި ކުއްޖެކެވެ. އެކުއްޖާގެ މޫނުމަތީގައިހުރީ ރަތްދޮންކުލައެވެ. އިސްތަށިގަނޑުގައިހުރީ ރަންކުލަޔަކަށްދާ ކުލައެކެވެ. އިސްކޮޅުވެސް ތަންކޮޅެއް ދިގެވެ. ޒަރުބަޚުތު ސިހިވަޑައިގެންނެވުމާއެކު ފަހަތަށް ޖެހިވަޑައިގެންފިއެވެ. އޭނާ ދެރަފުޅުވެފައި އިސްދަށަށް ޖައްސަވައިލައްވައިފިއެވެ. އޭނާ ވިދާޅުވިއެވެ. "މާފުކުރައްވާށެވެ. އަޅުގަނޑު ހީކުރީ ނީލޯފަރު ކަމުގައެވެ."
އަންހެންކުއްޖާގެ ނިތްކުރިޔަށް އެރިރޫތައް ކުއްލިޔަކަށް ޣާއިބުވެއްޖެއެވެ. ރުޅިވެރިކަމާއެކު ވަށްކުރި ދެލޯ ހިނިތުންވުމަކުން ދިލިގެން ހިނގައްޖެއެވެ.
"ނީފޯލަރު! ނީލޯފަރު! އޭނާ ވަރަށް ބާރަށް ގޮވައިލިއެވެ. ކޮންމެވެސް މީހެއް ކަލެޔަށް އެބަގޮވައެވެ."
ކުރިމަތީގައިހުރި ފެންޑާއަކުން ނީލޯފަރު ނިކުމެއްޖެއެވެ. އޭނާ ޒަރުބަޚުތާ ދިމާޔަށް ބަލައިލިއެވެ. ލަދުން އޮޅެމުން ކުރިޔަށް އަންނާން ފަށައިފިއެވެ. އޭނާ ބުންޏެވެ. "يـاسمـين އެވެ. މިއީ ޒަރުބަޚުތެވެ. ماه بانو ގެ ބޭބެއެވެ. އޭނާ މިވަޑައިގަތީ ހަނގުރާމައިގެ މައިދާނުންނެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އަހަރެން ކަލޭގެ ސާހިބާގެ ފައިންޕުޅުދެކޭން ބޭނުމެވެ."
"މަނިކުފާނު ވަޑައިގަންނަވާށެވެ. އަޅުގަނޑު ސާހިބާއަށް ދަންނަވާނަމެވެ." ނީލޯފަރު އެހެންބުނެފައި ގެއާދިމާޔަށް ހިނގައިގެންފިއެވެ. ޒަރުބަޚުތުވެސް އޭނާގެ ފަހަތުން ވަޑައިގެންފިއެވެ.
+ + + + +
އިރުކޮޅެއްގެފަހުން ޒަރުބަޚުތު އިންނެވީ އެގޭގެ ބައްދަލުކުރައްވާ ކޮޓަރީގައެވެ. ފުރޭބުރުޒުގެ ކުރިފުޅުމަތީގައެވެ. ފުރޭބުރުޒު އިރުކޮޅެއްވަންދެން ޒަރުބަޚުތާ ދިމާޔަށް ބައްލަވަން މަޑުމަޑުން އިންނެވިއެވެ. އިރުކޮޅަކުން އޭނާ ވިދާޅުވިއެވެ. "ޒަރުބަޚުތެވެ. އަޅުގަނޑަށް ހީވާގޮތުގައި ހަނގުރާމައިގެ މައިދާނުން އެނބުރިވަޑައިގަންނަވާންޖެހުމަކީ ކަލާ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމެއް ނޫނެވެ. ޝައްކެއްނެތެވެ. ސިފައިންގެ މީހެއްގެ ޤާބިލިއްޔަތު ކުރިއަރައިގެންދާނީ ހަނގުރާމައިގެ މައިދާނުގައެވެ. ކަލާ އަޅުގަނޑު މާޔޫސް ނުކުރެއްވީތީ އަޅުގަނޑު އުފާކުރަމެވެ. ނަމަވެސް މިހާރު އަޅުގަނޑު މިތަނަށް ކަލާ ބޭނުމެވެ. މިހާރުގެ ޙާލަތަށް ވިސްނައިވަޑައިގެން ޝަހެންޝާހު އުރުދުޝޭރު ވަނީ ފާރަވެރީންގެ ލަޝްކަރުގެ ޢަދަދު އިތުރުކުރައްވާން ނިންމަވައިފައެވެ. އަޅުގަނޑުމެން ނިންމައިފައިވަނީ ދިހަހާސް ސިފައިން އިތުރުކުރާގޮތަށެވެ. އެމީހުން ތަމްރީނުކުރުމަށްޓަކައި އަޅުގަނޑު ކަލާ ބޭނުމެވެ. މިހާރު އުރުދުޝޭރު އަވަހާރަވެއްޖެއެވެ. ފާރަވެރީންގެ ލަޝްކަރުގެ ޢަދަދު އިތުރުކުރެއްވުމާމެދު އައު ޝަހެންޝާހު ގެންގުޅުއްވަނީ ކޮންކަހަލަ ވިސްނުންފުޅެއްކަމެއް އަދިއެއް ނޭނގެއެވެ. ކޮންމެގޮތެއްގައިވެސް މިއަދަށްފަހު ކަލާ މަސައްކަތް ކުރައްވާނީ މަދާއިނުގައެވެ. އަޅުގަނޑުގެ ނާއިބެއްގެ ޙައިޘިއްޔަތުންނެވެ."
(ނުނިމޭ)