އަނެއްކާވެސް އިތުރު 3 ދިވެހީން އަދި 4 ބިދޭސީން ޕޮޒޮިޓިވްވެ، މާލޭގައި ބެލި ޖެހުނު އަދަދު 47 އަށް އަރައިފި އެވެ.
މިކަން ކަށަވަރު ކޮށްދެއްވާފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒުއެވެ.
އެގޮތުން މިއަދު މެންދުރުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލެއްވުމުގެ ކުރީން މަބުރޫކު ވިދާޅުވީ އިތުރު ހަތް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއްވައެވެ.
މަބުރޫކު ވިދާޅުވީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަތް މީހުންނާ ގުޅޭ އިތުރު މައުލޫމާތު އާންމު ކުރައްވާނެ ކަމަށެވެ.
އަލަށް މިފެނުނު ހަތް މީހުންނާއެކު ރާއްޖެއިން މިހާތަނަށް ޖުމުލަ 67 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 47 މީހުންނަކީ މާލެ ތެރެއިން ފެނިފައިވާ ކޭސްތަކެކެވެ. އަދި މާލެއިން ހއ. އުލިގަމަށް ދަތުރު ކުރި މީހެއްވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.