Close
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

މިކަމުން އަަރައި ގަނެވޭނީ، ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް އެއްބައިވަންތަކަމާއެކީ މަސައްކަތް ކޮށްގެން: މައުމޫނު

އިބްރާހިމް ޒަކީ

ރާއްޖެއަށް ކުރިމަތިވެފައިމިވާ ކޮވިޑް 19 ގެ މި ނުރައްކާތެރި ހާލަތުން އަރައި ގަނެވޭނީ، ދިވެހި ރައްޔިތުން އެއްބައިވަންތަވެ އެކަތިގަނޑެއްގެގޮތައި، ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް ހިތްވަރާއެކު މަސައްކަތްކޮށްގެން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން މިއަދު ވިދާޅުވީ، މިފަދަ ބޮޑެތިކާރިސާތައް ރާއްޖެއަށް ކުރިމަތި ވި، ކޮންމެ ވަގުތެއްގައި އެކަންކަމުން އަރައިގަނެވިފައިވަނީ ހުރިހާ ރައްޔިތުން އެއްރޫހެއްގައި އެއްބާރުލުން ދީގެން ގައުމަށްޓަކައި ކުރި މަަސައްކަތްތަކުން ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ކުރިން ރާއްޖެއަށް ކުރިމަތިވި، ކޮލެރާ އާއި އެމަނިކުފާނުގެ ވެރިކަމުުގައި ކުރިމަތިވި ޝިގެއްލާގެ އިތުރުން ސުނާމީ ކާރިސާގެ ހާލަތުގައި ދިވެހިންގެ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި ގައުމީ ރޫހުގައި ގައުމަށްޓަކައި ދިވެހިން ކޮށްދެއްވި މަސައްކަތް ތަޖުރިބާ ކުރެއްވި ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން އެފަދަ ފިޔަވަޅުތަކެއް ނޭޅިނަމަ މިއަށްވުރެ ބޮޑަށް މިއައްވުރެ ނުރައްކާކޮށް ބަލި ފެތުރިގެން ދިޔައީސް ކަމަށެވެ.

މީގެ އިތުރުން މި ކަމުން ސަލާމަތްވުމަށް އެކުވެރިކަމާއި އެއްބައިވަންތަކަމުގައި، މާތް ﷲއަށް ވަކީލުކޮށް އެކަލާންގެ އެންގެވިގޮތުގައި ހިތްވަރާއެކު ތިއްބެވުމަށް ރައީސް މައުމޫނު ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.