ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 ކޮންޓްރޯލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ހެނދުނު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެމަނިކުފާނަށް ފޯނުން ގުޅުއްވައި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ އާއި އިގްތިސޯދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސް ސޯލިހާއެކު މިއަދު ފޯނުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ކޮވިޑް 19އިން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި މޯދީ ވިދާޅުވިއެވެ.
ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާއިން ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ބޯޑަރުތައް ބަންދުކޮށްފައި އޮތުމާ ގުޅިގެން އިންޑިއާގައި ނުގެނެވިފައި ހުރި ބޭސްތައް، އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ގެނެސްދީފައިވެ އެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން ތިން މަހަށް ބޭނުންވާ ޒަރޫރީ ބައެއް ބޭސް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު އެގައުމުން އެކްސްޕޯޓު ކުރުން ހުއްޓާލާފައިވާ ބޭހާއި ބައެއް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް 52 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ ދެ މީހަކުވެސް ހިމެނެ އެވެ.