އެއްވެސް ބަހެއްގައި ވަކި ނަސްލެއްގެ ބަޔަކު ދަށްކޮށްލަން ބޭނުންކުރާ ލަފުޒުތަކަކީ ރީތި ލަފުޒުތަކެއް ނޫންކަމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރިގޮތުން އާންމުންގެ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަފުޒެއް ބޭނުން ކުރާ ހާލަތާއި، ބޭނުން ކުރާ ގޮތާއި ރާގުން ވެސް އެ ލަފުޒެއްގެ މާނަ ބަދަލުވާ ކަމަށެވެ. އެހެންކަމުން އެމީހަކު ބޭނުން ކުރާ ލަފުޒުތަކާއި މެދު ވަރަށް ވިސްނަން ޖެހޭނެ ކަމަށެވެ.
ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ރާއްޖޭގައި ތިބި "ބަންގާޅީން"ގެ މެދުގައި ކޮވިޑް19 ފެތުރިއްޖެނަމަ ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށާއި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކަންތައް އޮތީ ކިހިނެއްތޯ ސުވާލުކޮށްފައެވެ.
ނޫސްވެރިޔާގެ ސުވާލު މުޅިން ފުރިހަމަ ނުވަނީސް ޑރ. ނަޒްލާ ވަނީ ނޫސްވެރިޔާ ހުއްޓުވައިފައެވެ. ނޫސްވެރިޔާ ބޭނުންކުރި ބަސްމަގުން ޑރ. ނަޒްލާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. އަދި އެސުވާލަށް ޑރ. ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެޗްޕީއޭއަށް ލާޒިމުވަނީ ހަމައެކަނި ދިވެހިންގެ ސިއްހަތު ރައްކާތެރި ކުރުން ނޫން ކަމަށާއި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސިއްހަތު ރައްކާތެރި ކުރުމަކީ ވެސް އެޗްޕީއޭގެ ޒިންމާ ކަމަށެވެ.