ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ފެނަކަ ކޯފަރޭޝަންގެ އިންޓާނަލް ސަސްޕެންޝަންގައި ތިބި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފިއެވެ.
އެކަން ހާމަކޮށްފައިވަނީ އެކުން ފުނިން ކުރި ޓުވީޓެއްގައެވެ.
ފެނަކަ ކޯޕަރޭޝަންގެ ޓުވީޓުގައި ބުނެފައިވަނީ، "ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން މި ކުންފުނީގެ އިންޓާނަލް ސަސްޕެންޝަންގައި ތިބި މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް ދަންނަވަން،" ކަމަށެވެ
ފެނަކައިން އެގޮތަށް ނިންމާފައިވަނީ، ކޮވިޑް 19 ފެތުރެމުން ދިއުމާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އަދިވެސް ބޭއްވޭނެ ގޮތެއް ނެތިގެން ވަކި ތާރީހެއް ނެތް ގޮތަށް ފަސް ކުރުމާ ގުޅިގެންނެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ކައުންސިލް އިންތިހާބާ ގުޅިގެން ސަސްޕެންޑް ކޮށްފައިވަނީ އެ ކުުންފުނީގެ 26 މުވައްޒަފުން ކަމަށެވެ.
އެހުރިހާ މުވައްޒިފުންނަށް އިއްޔެއިން ފެށިގެން، އެހެން މުވައްޒަފުންނެކޭ އެެއްގޮތަށް މިހާރު ކަންކަން ހިނގަމުންދާނެ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމާ ގުޅިގެން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލުމަށްވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަމަވެސް މިހާރު އޮތް ގޮތުން އެފަރާތްތަކުގެ ސަސްޕެންޝަން އުވާލެވޭ ގޮތަށް ހަމަޖެހިފައިވަނީ އިންތިހާބު ފަސްކުރުމާއި، އިންތިިހާބު ނުބޭއްވޭގޮތް ވުމާއި ގުޅިގެން އަންނަ މެއިމަހުގެ ހަތަރަކަށް މުއްދަތު ހަމަވާ ކައުންސިލަރުންގެ މުއްދަތު، އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަންސެޓް ގާނޫނު ފާސް ވެގެންނެވެ.
ކޮވިޑް 19އާ ގުޅިގެން ރައްޔތިުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގޮސް އެ ފަރާތްތަކުގެ ސަސްޕެންޝަން އުވާލުން ލަސްވަމުންދާތީ، އެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ހާއްސަ ބިލު ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށް މިނިވަން މުވައްސާ ކޮމިޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދަންނަވައިފައެވެ.
އެކަން ލަސްވަމުންދާ މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.