"ދައްތާ އަހަރެން ހެނދުނު ދާގޮތަށް މުޅި ހުޅުމާލޭގައި އުޅެނީ ދަން ވަންދެން. ބައިވަރު އޯޑަރު ހުންނަނީ. ސިޑިން އަރަން ޖެހެނީ އެކަމަކު އެމީހުން ހަޅޭއްލަވަނީ. އެއްޗެއް މަދުވީމަ ހަޅޭއްލަވަނީ. އަހަރެން ކީއްކުރަނީ. ބައިވަރު އޯޑަރު ހުންނަނީ. އޭނަ ހަޑި އެއްޗެހި ކިޔަނީ. ކަލޭގައިގަ ނުބައިވަސްދުވަނީ ބުނަނީ، ކަލޭމެން ރަށު މީހުން ކޮވިޑު ފަތުރަނީ ބުނަނީ،"
މިއީ ސޯޝަލް މީޑިއާއިން ފެނުނު ޕޯސްޓެކެވެ. އެ ޕޯސްޓުގައި ކިޔައިދީފައި އެވަނީ ފިހާރައަކުން މުދާ ޑެލިވަރީ ކުރާ ބިދޭސީއެއްގެ ވާހަކައެވެ. ޕޯސްޓު ލިޔެފައިވާ މީހާ ކިޔައިދިން ގޮތުގައި ބިދޭސީ މީހާ ހުރީ މާނޭވާލެވިފައެވެ. ރޮވެން ކައިރިވެފައެވެ.
މިއީ އެންމެ ޕޯސްޓެކެވެ. ރާއްޖޭގައި ކޮވިޑް 19 ފެތުރެން ފެށި ފަހުން މިފަދަ އެތައް ޕޯސްޓެއް ފެނެއެވެ. ބިދޭސީންގެ ފުށުން ބަލި ފެތުރޭނެ ކަމަށް ބުނެ ދައްކާ ވާހަކަަތަކާއި ބިދޭސީންނަކީ ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ބުނެ ދައްކާ ވާހަތަކެވެ. ނަމަވެސް ރާއްޖޭގެ ތަރައްގީގައި އެމީހުން ވަމުން އަންނަ އެހީތެރިކަމުގެ އަގު، އިހާނެތި ބަސްތަކުން ރައްދު ކުރަމުން ދިއުމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ރޭ ސަމާލުކަމަށް ގެންނެވީ ބައްޔާ ގުޅިގެން ބަސް ވިދާޅުވަމުން ގެންދަވާ ޑރ. ނަޒްލާ ރަފީގެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ޕްރެސް ކޮންފަރެންސްގައި ރޭ ވެސް އެއްފަހަރާ ގިނަ އަދަދެއްގެ "ބަންގާޅީންނަށް" ކޮވިޑް 19 ޖެހުމުން ކަންބޮޑުވެ، އެއީ ދިވެހިންނަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑުވާނެ ކަމެއް ކަމަށާއި އެމީހުން ރާއްޖޭން ފޮނުވާނުލެވިގެން އުޅެނީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލުކުރިއެވެ. ނަމަވެސް ސުވާލުގެ މެދުތެރެއިން ޑރ. ނަޒްލާ އެ ނޫސްވެރިޔާ ހުއްޓުވިއެވެ. އަދި ބިދޭސީންނާ ގުޅުވައިގެން ނޫސްވެރިޔާ ބޭނުންކުރި ބަސްމަގުން ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ.
"އެކްސްކިއުޒް މީ އިނގޭތޯ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ސުވާލުކުރާ އިރުގައި ވެސް ހުރިހާ އެންމެންނަކީ ވެސް އިންސާނުން، އެހެންވީމަ އެމީހުންނަށް ދޭން ޖެހޭ ރެސްޕެކްޓާ އެއްކޮށްހެން އަޅުގަނޑުމެން އެންމެންގެ ވެސް ބަހުރުވަ ހުންނަން ވާނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ގާނޫނު ލާޒިމްކުރަނީ ހަމައެކަނި ދިވެހިންގެ ސިއްހަތު ރައްކާތެރިކުރަން ނޫން ކަމަށާއި ބިދޭސީން ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސިއްހަތު ރައްކާތެރިކުރަން ކަމަށެވެ.
އެގޮތުން ދިވެހިންގެ ވިސްނުން ހުންނަ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖޭގައި މިބަލި އާންމުންގެ ތެރޭގައި ފެތުރެން ފެށިއިރު ފުރަތަމަ ބަލި ފެނުނީ ދިވެއްސެއްގެ ގައިން ނޫންތޯ ސުވާލު ކުރެއްވިއެވެ. އަދި ފުރަތަމަ ޕޮޒިޓިވްވި ބަންގުލަދޭޝް މީހާއަކީ ދިވެހި އާއިލާއަކާ ގުޅުން އޮތް ރާއްޖޭގައި ދިރިއުޅޭ މީހެއްކަން ވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ބިދޭސީންނަށް ބަލި ޖެހުނީ ދިވެހިންގެ ފަރާތުން ކަމަށް ބިދޭސީންނަށް ވެސް ބުނެވިދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންގެ ވިސްނުން މި ހުންނަނީ ބޭރު މީހަކަށް ޖެހިއްޖެއްޔާ، އަދި ވަކިން ހާއްސަކޮށް ވަކި ގައުމެއްގެ މީހަކަށް ޖެހިއްޖެއްޔާ ދިވެހިންނަށް ޖެހޭނޭ. ނޫނީ އަޅުގަނޑުމެންގެ ތެރެއަށް ބަލި ފެތުރޭނޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ބިދޭސީންނާމެދު ގެންގުޅޭ ގޯސް ވިސްނުން ދޫކޮށްލަން އެދިވަޑައިގެން ޑރ. ނަޒްލާ އިތުރަށް ވަނީ ބިދޭސީން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަން ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖޭގައި ފެސިލިޓީތައް ހެދިއިރު އެތަނުގައި ވެސް ބަންގްލަދޭޝް މީހުން މަސައްކަތްކުރި ކަމަށާއި ކަރަންޓީން ފެސިލިޓީގައި ޕޮޒިޓިވް މީހުން ތިބޭ ތަންތަން ސާފުކުރާ މީހުންގެ ތެރޭގައި ވެސް ގިނައީ ބިދޭސީން ކަމަށް ނަޒްލާ ފާހަގަކުރެއްވިއެވެ. ފަރުވާ ދިނުމުގައި ވެސް ބޭރުގެ ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރައްވާ ކަމަށާއި އެނޫން ކަންކަމުގައި ވެސް ބިދޭސީން އަމަލީ ގޮތުން އިސް ދައުރެއް އަދާކުރަމުން އަންނަަކަން ވެސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް ހީވަނީ މިއީ، ރަނގަޅު ފުރުސަތެއްހެން ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކުން އަޅުގަނޑުމެންގެ މަސައްކަތުގައި ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށްލަން، އެ ބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން ޖެހެނީ،" ނަޒްލާ ވިދާޅުވި އެވެ.
ބިދޭސީންނާ މެދު އެތައް ބަޔަކު އިހާނެތިކޮށް ހިތައި، ދަށުދަރަޖައިގެ އިންސާނުން ކަމަށް ދެކި ނިކަމެތިކޮށް އަމަލުކުރަމުންދިޔައިރު، އެމީހުންގެ ހައްގުގައި ބަހެއް ބުނެލި މީހަކު ނެތް ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ޑރ. ނަޒްލާގެ މި ބަސްތަކަށްޓަކައި ޝުކުރުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. ދެއްކެވި ނަމޫނާއަށް އެތައް ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.
ހަގީގަތުގައި ޑޮކްޓަރު އެ ހަނދާންކޮށްދެއްވީ ބިދޭސީންނާމެދު އިންސާނިއްޔަތުކަން ބެހެއްޓުމަށެވެ. އެއީ ވެސް އަހަރެމެންނެކޭ އެއްފަދަ އިންސާނުންކަން ހަނދާން ބެހެއްޓުމަށެވެ. އިންސާނުންނެކޭ އެއްފަދައިން އެމީހުންނާ މެދު ސުލޫކު ބެހެއްޓުމަށެވެ.
ދިވެހިންނަށް ދިމާވާ ކޮންމެ މައްސަލައެއް ބިދޭސީންނާ ގުޅުވޭކަށް ނެތް ކަމެވެ. އަނބިދަރިންނާއި ވަތަން ދޫކޮށް ބީރައްޓެހިންގެ ގޮތުގައި ދިވެހިންނަށް ހިދުމަތް ކުރަން އައިސް އެއުޅޭ ނިކަމެތި ހާލާމެދު ވިސްނައިލާން ޖެހެއެވެ. މި ހާލަތުގައި ވެސް ދިވެހިންގެ ހައްގުގައި އެމީހުން އެކުރާ މިންނެތް މަސައްކަތަށް ތައުރީފު ހައްގެވެ.
މިއަދު މުޅި ދިވެހި ގައުމު ކޮވިޑުގެ ނުރައްކަލުގައި ތަޅުލެވިފައި އޮތް އިރު، ދިވެހީންގެ ބަނޑުފުރާނަމުއްތިކުރެވޭނެ ކާތަކެތިކޮޅު ވެސް ގޭގެ ދޮރާއި ހަމަޔަށް ގެންގޮސްދޭން ތިބީ އެ ބުނާ އަގެއް ނެތް ބިދޭސީންނެވެ. އެކާތަކެތި އުފުލާ ބިދޭސީންގެ ތެރޭގައި ގިނައީ ގަވައިދުން މުސާރަ ނުލިބޭ، ތިން ވަގުތު ރަނގަޅަށް ކާން ވެސް ނުލިބޭ މީހުންނެވެ. އެމަސައްކަތްތައް ކުރުމުގެ ހިތްވަރެއް އެ ކެރުންތެރިކަމެއް ވެސް ގިނަ ދިވެހީންގެ ނެތެވެ. އަމިއްލަ ޒަރޫރަތާއި ގުޅިފައިވާ ބައެއް ކަންކަން ކުރުމަކީ ވެސް ބައެއް ދިވެހީންނަށް ލަދުވެތި ނިކަމެތި ދެރަވަރު މަސައްކަތެކެވެ.
މިހުރިހާ ކަމެއް ހުރީ މިހެންނެވެ. ހުރިހާ ދިވެހީންނަށް ފެންނާށެވެ. ހަގީގަތް އެއްވެސް މީހަކަށް ނޯޅެ އެވެ. ޑރ. ނަޒްލާގެ އެ ވާހަކަތަކުން އުފެދެނީ ޝުކުރުގެ ޝުއޫރެކެވެ. ނޫސްވެރިޔާ ކުރި ސުވާލު ބަހުގެ ހަމައިން އެއީ ގޯސްތޯ ރަނގަޅު ބަހެއްތޯ އެއީ އަދި އެހެން ސުވާލެކެވެ. އެކަމުގައި އެއްޗެއް ބުނާކަށް ނެތީމެވެ. އެކަމަކު ބިދޭސީންގެ މައްސަލައިގައި ފާޅުގައި ޑރ. ނަޒްލާ އެ ދެއްކެވި ވާހަކަތަކަށް ދޭން ބޭނުންވަނީ 100 އެވެ. އެ ވާހަކަތަކުން ގިނަ ބަޔަކަށް އެއްޗެއް ވިސްނިއްޖެ އެވެ. ގިނަ ބައެއްގެ ހިތްތަކުގައި އިންސާނިއްޔަތުކަމުގެ ވިންދެއް ޖަހައިފި އެވެ.