ހދ. ނޮޅިވަރަމުން އެ އަތޮޅު، ކުޅުދުއްފުށީ ސިޓީއަށް ކެނޯއެއްގައި ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ރޭ ބުނީ އެއްރަށުން އަނެއް ރަށަށް އެރުން މަނާކޮށްފައިވަނިކޮށް ހުއްދަ ނުހޯދައި އިއްޔެގެ ވަގުތެއްގައި ހދ. ނޮޅިވަރަމު ހުޅަނގުފަރާތުން ކެނޯއެއްގައި ދެމީހަކު ކުޅުދުށްފުށްޓަށް ދަތުރުކުރަނިކޮށް ކެނޯ ބަންޑުން ޖަހާލިކަމަށް ބުނެ އެމީހުން ކުޅުދުށްފުށްޓަށް އެރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހުން ކުޅުދުއްފުއްޓަށް އަރާފައިވަނީ އެ ސިޓީގެ އެއާޕޯޓް ރަންވޭގެ ހުޅަނގު ކޮޅުން ކަމަށެވެ. ކެނޯއެއްގައި އެ ދެ މީހުން ދަތުރުކޮށްފައިވަނީ އެ ކެނޯގެ ވެރިފަރާތުގެ ހުއްދަ ވެސް ނެތި އެވެ. އަދި ކެނޯ ބަންޑުން ޖަހާލި ނަމަވެސް އެމީހުންނަށް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 23 އަހަރާއި 30 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮވިޑް 19 ފެތުރޭތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާ ކޮށްފަ އެވެ.