ކޮވިޑް 19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް ހުއްދަ ނެތި މަގުމަތީގައި އުޅުނު 78 މީހަކު މިއަދު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލެ ލޮކްޑައުންވުމާ ގުޅިގެން އާންމުންނަށް ތަކެތި ޑެލިވަރީ ކުރުމަށް، މިއަދު އެކަނި 279 ހުއްދަ ސްޓިކާ ދޫކޮށްފައިވާ ކަމަށާއި އަދި މިރޭގެ 8:00އާ ހަމައަށް މުޅި ޖުމުލަ 3469 ހުއްދަ ސްޓިކާ ދޫކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ޒަރޫރީ ކަންކަމެއްގައި ބޭރަށް ނުކުންނަން ކޮންމެހެން ޖެހިއްޖެނަމަ ފުލުހުން އަންގާފައިވާ ގޮތަށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިޔުމަށް އެދިފައެވެ. އަދި އެގޮތަށް އަމަލު ނުކުރާމީހުން ޖޫރިމަނާކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.
ލޮކްޑައުންގައި ބޭރުގައި އުޅޭ މީހުންނަށް ދެން ނަސޭހަތްތެރި ނުވާނެ ކަމަށާއި ބޭރުގައި އުޅޭނަމަ ޖޫރިމަނާ ކުރުމަށްފަހު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ. މިގޮތަށް ޖޫރިމަނާ ކުރާ މީހުން ޖޫރިމަނާ ކުރާނީ 1،000 ރުފިޔާ އިން ކަމަށް ފުލުހުން ބުނެއެވެ.
މާލެއިން އިއްޔެ ވެސް 90 އަށްވުރެ ގިނަ މީހުން ފުލުހުން ހިފަހައްޓާފައިވާ އިރު، އޭގެ ކުރީ ދުވަހު ވަނީ 70 އަށްވުރެ ގިނަ މީހުން ވަނީ ހުއްޓުވައިފައެވެ. މީގެ އިތުރުން ފައިރޫޝް ވިދާޅުވީ، ރެއާ ހަމައަށް 39 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް އަރާފައިވާއިރު މާލެއިން ކޮވިޑަށް މީހަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. މިއަދު ވަނީ ހއ. އުލިގަމުން ވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.