ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުުގެ މިހާލަތުގެ ދަށުން، މާލޭ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ، ކުލި ނުދެއްކިގެން އުޅޭތަނުން ނެރެ މަގުމަތިކޮށްލުން މަނާ ކުރުމަށާއި، އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.
އެ ކޮމިޓީން މިގޮތަށް ނިންމީ އޮންލައިންކޮށް އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރުގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާިއރާގެ މެންބަރު ހުސެއިން ޒިޔާދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެ ކަމާބެހޭގޮތުން އެ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބޭއްވި ކަމަށެވެ.
މިއީ ކޮވިޑް 19 އާ ގުޅިގެން ވަޒީފާ ގެއްލުމުން، ނުވަތަ ފައިސާ ލިބުން ދަތިވުމުގެ ސަބަބުން، ކުލި ނުދެއްކިގެން ގެއިން ނުކުތުމަށް ބައެއް ގޭގެ ވެރިން ކުއްޔަށް އުޅޭ ފަރާތްތަކަށް، މަޖުބޫރު ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބިގެން، އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއަކާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
.
ކޮމިޓީގެ މި ބައްދަލުވުމުގައި އެމައްސަލައެއް ގާނޫނަކުން އަވަސް ހައްލެއް ހޯދުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުއާ މަޝްވަރާކުރަން ވަނީ ނިންމައިފައެވެ.