Close
ކުއްލި ޚަބަރު

ލޮކްޑައުންގައި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްތެރިއެއް ނުވާނަން، ޖޫރިމަނާ ކުރުމަށްފަހު ގާނޫނީ ފިޔަވަޅު އަޅާނަން

އަލީ ޔާމިން

ލޮކްޑައުންގައި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްތެރިއެއް ނުވާނެ ކަމަށާއި ބޭރުގައި އުޅޭނަމަ ޖޫރިމަނާ ކުރުމަށްފަހު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، މަގުތަކުގައި އުޅޭ މީހުންނަށް ނަސޭހަތް ނުދޭނެ ކަމަށާއި އޭގެ ބަދަލުގައި ޖޫރިމަނާކޮށް އަދި ދެން ވެސް އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މިގޮތަށް ޖޫރިމަނާ ކުރާ މީހުން ޖޫރިމަނާ ކުރާނީ 1،000 ރުފިޔާ އިން ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

"މިއަދު މި ޕްރެސްއަށް ފަހު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ އަޅުގަނޑުމެން އިތުރަށް އެއްވެސް ފަރާތަކަށް ނަސޭހަތް ދިނުމުގެ މަސައްކަތެއް ނުކުރާނަން. މަގުމަތީގައި އެއްވެސް ފަރާތަކުން މި ލޮކްޑައުންގެ އުސޫލުތަކާ ހިލާފަށް ބޭރުގެ އުޅެންޖެއްޔާމުން ފެށޭނީ ޖޫރިމަނާއިން، އެއަށްފަހު ގާނުނުގެ ޕީނަލް ކޯޑުގެ 533 ތިން ވަނަ މާއްދާގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅާނަން،" ފައިރޫޝް ވިދާޅުވިއެވެ.

މާލެއިން އިއްޔެ ވެސް 90 އަށްވުރެ ގިނަ މީހުން ފުލުހުން ހިފަހައްޓާފައިވާ އިރު، އޭގެ ކުރީ ދުވަހު ވަނީ 70 އަށްވުރެ ގިނަ މީހުން ވަނީ ހުއްޓުވައިފައެވެ. މީގެ އިތުރުން ފައިރޫޝް ވިދާޅުވީ، ރެއާ ހަމައަށް 39 ފަރާތެއް ޖޫރިމަނާ ކޮށްފައިވާނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް 52 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 31 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ.