Close
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

މިވަގުތު އުޅެންވީ ކޮންމެ މީހަކީވެސް ކޮވިޑް ޖެހިފައިވާ މީހެއް ކަމަށް ބަލައިގެން: ޑރ. ނަޒްލާ

މިހާރު ހާލަތު މި އޮތް ގޮތަށް ބަލާއިރު ބަލި ހުރީ ކާކުގައިކަން ނޭނގޭނެ ކަމަށާއި މިވަގުތު އުޅެންވީ ކޮންމެ މީހަކީވެސް ކޮވިޑް ޖެހިފައިވާ މީހެއް ކަމަށް ބަލައިގެން ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އެޗްޕީއޭއިން ދެމުންދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ނުކުރާ މީހުން އުޅޭކަން ފާހަގަވާ ކަމަށެވެ. އަދި ބައެއް މީހުން ކޮންމެހެން ބޭނުން ކަންކަން ނޫން ކަންކަމުގައިވެސް ބޭރަށް ނިކުމެ އުޅޭކަން ފާހަގަ ވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިވަގުތު ބަލަން ޖެހޭނީ ކޮންމެމީހަކީވެސް ބަލި ޖެހިފައި ހުރެދާނެ މީހެއް ކަމަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ މީހުންވެސް އަބަދުވެސް ގައިދުރުކަން މަތިން ހަނދާން ނައްތާނުލުމަށް ޑރ. ނަޒްލާ އިރުޝާދު ދެއްވިއެވެ. އަދި ކިއުއެއްގައި ޖެހޭނަމަ ދެން ހުންނަ މީހާއާއި ޖެހިގެން ހުރުން ފަދަ އާދަތައް ދޫކޮށްލައި، އަބަދުވެސް ގައިދުރުކަން އިހުތިޔާރު ކުރުމަށް ޑރ. ނަޒްލާ އިިރުޝާދު ދެއްވިއެވެ.

މާލެތެރެއިން އެންމެ ފުރަތަމަ ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހަކު ފެނިފައިވަނީ ބުދަ ދުވަހުއެވެ. މާލެއިން ފުރަތަމަ ކޭސް ފެނުނު ފަހުން މާލެއިން އިތުރު 30 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، މާލެއިން ފެނުނު ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 31 އަށް އަރާފައެވެ.

މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.