ކޮވިޑް ޖެހިފައިވާ އިތުރު 13 މީހަކު މިއަދު މާލޭން ފެނި ޖުމުލަ އަދަދު 29 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ޓުވީޓު ކުރި ގޮތުގައި މި 13 މީހުންނަކީވެސް ބަންގްލަދޭޝް މީހުންނެވެ. އަދި މި 13 މީހުންނަކީވެސް ޕޭޝަންޓް 27 އާއި ގުޅުން ހުރި މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މި 13 މީހުންވެސް މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މާލެއިން ކޮވިޑަށް މީހަކު ފުރަތަމަ ޕޮޒިޓިވް ވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވްވި އެ އަންހެން މީހާ (ކޭސް 21)ގެ ތުއްތު ދަރިފުޅު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.