ކުޅިވަރު

ސްވިމިން އެސޯސިއޭޝަންގެ ހަތަރު ވަނަ އިންތިހާބު ފަސްކޮށްފި

އައިދާ އަބްދުލް ހަކީމް

ސްވިމިން އެސޯސިއޭޝަންގެ ހަތަރު ވަނަ އިންތިހާބުގައި ވޯޓުލުން ބާއްވާ ތާރީހު ފަސްކޮށްފި އެވެ.

އެސޯސިއޭޝަނުން ބުނީ ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީހު ފަސްކޮށްފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ދީފައިވާ ލަފަޔާއި، ސަރުކާރުން އަޅާފައިވާ އަދި މިހާރުވެސް އަޅަމުން އަންނަ ފިޔަވަޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

ދެން އިންތިހާބު ބާއްވާނެ ތާރީހާއި، ގަޑި އަދި ބާއްވާ ތަން ފަހުން އިއުލާނު ކުރާނެ ކަމަށާއި ނަމަވެސް އިންތިހާބާއި ގުޅުންހުރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.