ލޮކްޑައުންގެ ހާލަތުގައި ގޭގެއަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތުގައި ޔޫތު، ސްޕޯޓްސް އެން ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހުލޫފް ހަރަކާތްތެރިވެވަޑައިގަންނަވަން ފަށައިފިއެވެ.
މިނިސްޓަރު މަހުލޫފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިހުސާނު ފިހާރަ އަދި ވީބީ މާޓުގެ ޑެލިވަރީގައި އެހީތެރިވެވަޑައިގަންވާފައިވާ ކަމަށެވެ. އޭނާ މަސައްކަތް ކުރަންވަން ފެއްޓެވީ ވޮލަންޓިއަރުންގެ ޓީމަކާ އެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ރޭ ފުރަތަމަ މަސައްކަތް ކުރެއްވީ އިހުސާނު ފިހާރައިގެ ވޮލަންޓިއަރުންނާއެކު ކަމަށާއި ފަހުން ވީބީ މާޓުގެ ވޮލަންޓިއަރުންނާއެކު މަސައްކަތް ކުރައްވަން ފައްޓަވާފައިވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ. މީގެ އިތުރުން ޑެލިވަރީ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފިހާރަތަކުން 7335426 އަށް ގުޅުއްވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
މާލެ ލޮކްޑައުންއަށް ދިޔަފަހުން ކުދި ފިހާރަތަކުން ފެށިގެން ބޮޑެތި މާޓުތަކުން އަންނަނީ ރައްޔިތުން ބެނުންވާ ތަކެތި ފޯރުކޮށްދިނުމަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގައި ފުލުހުންނާއި ސިފައިންވެސް ވަނީ އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.