މޯލްޑިވް ގޭހުގެ ޑެލިވަރީ ގަޑިތައް އެ ކުންފުނިން އާންމު ކޮށްފި އެވެ.
އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި ލޮކްޑައުންގެ ހާލަތުގައި މިއަދުން ފެށިގެން ގޭސް ޑެލިވާ ކޮށްދިނުމަށް ހަމަޖައްސާފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 4:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 8:30ގެ ނިޔަލަށެވެ.
މީގެ އިތުރުން ގޭހަށް އޯޑަރު ކުރަން ބޭނުން ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ކޯލް ސެންޓަރަށް ގުޅައިގެން ގޭހަށް އޯޑަރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މޯލްޑިވް ގޭސްގެ ކޯލް ސެންޓަރުގެ ނަންބަރަކީ 1616އެވެ. އަދި އެ ކުންފުނީގެ ވެބްސައިޓް، www.maldivegas.com/order އިންވެސް ގޭހަށް އޯޑަރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮވިޑް 19އާއި ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެސްއެމްއެސްކޮށްގެން ގޭސް ފުޅިއަށް އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭހުން ވަނީ މީގެ ކުރިން ހަމަޖައްސައިފައެވެ. އަދި މޯލްޑިވް ގޭހުގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް އެ ކުންފުނީގެ ވެބްސައިޓު maldivegas.com/order މެދުވެރިކޮށް ވަނީ ހަމަޖައްސައިފައެވެ.