މިއަދާއި މާދަމާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައެއް އަސާސީ ބޭންކިންގެ ހިދުމަތްތައް ދޭން ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ހިދުމަތްތައް ދޭނީ އޮންލައިންކޮށް ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން ބުނީ 19 އޭޕްރިލް ވާ އާދިއްތަ ދުވަހާއި 20 އޭޕްރިލް ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 12:30 އަށް ބައެއް އަސާސީ ބޭންކިންގެ ހިދުމަތްތައް ދިނުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ގެ ހިދުމަތް ހޯދުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް [email protected] އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ހުށެހެޅޭނެ ކަމަށެވެ.
އޭގެ އިތުރުން ޕޭ ރޯލްގެ ހިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށާއި އެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލު ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/payroll-services މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
މި ދެ ހިދުމަތް ވެސް މި ދެދުވަހުގެ ހެނދުނު 11:30ގެ ކުރިން ހުށަހަޅައިފިނަމަ އެދުވަހަކު ޕްރޮސެސްވާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނީ، އޭޓީއެމް މެދުރިކޮށް ޖަމާކުރާ ކްލިއަރިން ޗެކުތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށާއި ހެނދުނު 11:30ގެ ކުރިން ޖަމާކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސްވާނެ ކަމަށެވެ. އަދި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސްކުރުން ހެނދުނު 10:00 ޖެހުމުގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށް މައުލޫމާތުދެއެވެ.
އަދި މި ދެދުވަހުގެ ހެނދުނު 11:30ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އާރުޓީޖީއެސް ޓްރާންސްފާ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓާއި އީމެއިލް މެދުވެރިކޮށް ލިބޭ އެމްއާރުޓީޖީއެސް ޓްރާންސްފާ ރިކުއެސްޓް ވެސް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ.
ބީއެމްއެލުން ބުނީ، ބުރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ހުއްދަ ލިބިފައިވާ ކަސްޓަމަރުންނަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށާއި މިގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 200،000 ރުފިޔާ އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 50،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.
ބީއެމްއެލުން ބުނީ، އެ ބޭންކުން އެންމެ އިސްކަމެއް ދެނީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ކަމަށެވެ. އެހެންވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ލޮކްޑައުންގެ މުއްދަތުގަައި ގޭގައި ތިބިގެން ބޭންކިން ހިދުމަތް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ބޭންކުގެ ހުރިހާ ބުރާންޗަކާއި ސާވިސް ސެންޓަރުތައް ބަންދުކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.