(13 އޭޕްރީލް ގެ އަދަދާއި ގުޅޭ)
އީރާނުގެ ތާރީޚުގެ އެދައުރަކީ ކޮންމެ ރަސްކަލަކު އަވަހާރަވުމަކީ އައު އިންޤިލާބެއްގެ ފެށުންކަމުގައިވެފައިވާ ދުވަސްވަރެވެ. އެދުވަސްވަރު ދައުލަތުގެ ބޮޑުން ޤައުމު ރައްކާތެރިކުރެއްވުމަށްވުރެ ބޮޑަށް ވިސްނައިވަޑައިގަންނަވަމުން ގެންދެވީ ޚުދު އެބޭފުޅެއްގެ މުސްތަޤްބަލާ މެދުގައެވެ. އެހެންކަމުން ބަހްމަން މަދާއިނުގައި މަޑުކޮށްލެއްވިއެވެ. އޭނާ ލަޝްކަރާ ޙަވާލުކުރައްވައިފައިވާ ޖާބާނަށް އަންގަވައިފައިވަނީ އޭނާގެ އަމުރުފުޅަކާނުލައި އުއްލައިސަށްވުރެ ކުރިޔަށް ވަޑައިނުގެންނެވުމަށެވެ. އެތައްދުވަހެއް ވީއިރުވެސް މަދާއިނުން ޚަބަރެއް ނައުމުންވެސް ޖާބާނު ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. އެހެނީ ކްރިސްޓިޔަން ވޮލަންޓިޔަރުންގެ ޢަދަދު އައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަނެއްކޮޅުން މުސްލިމުން އެންމެބޮޑަށް ސަމާލުކަން ދެމުންގެންދިޔައީ ފަތަޙަކުރެވިފައިހުރި ތަންތާނގެ އިދާރީ ހިންގުން އިޞްލާޙުކުރުމަށެވެ. ބަހުމަން މަދާއިނުން ވަރަށްބޮޑު ލަޝްކަރަކާއިގެން ވަޑައިގަންނަވާނެކަމާމެދު ޖާބާން ޝައްކެއް ނުކުރައްވައެވެ. ނަމަވެސް އެއްދުވަހެއްގެ ހަވީރު އޭނާއަށް ޚަބަރު ލިބިވަޑައިގެންނެވީ خــالــد بــن الـوليـد رضـى اللّـه عنـــه ވަލަޖާގައި އީރާނުގެ ލަޝްކަރަށް އިންތިޒާރުކުރެއްވުމުގެ ބަދަލުގައި އުއްލައިސަށް އެބަވަޑައިގަންނަވާ ކަމުގައެވެ. ވިދިގެންއައި ދުވަހުގެ މެންދުރު ނުވަނީސް އުއްލައިސުގެ މައިދާނުގައި އީރާނީ ދިދަ މުސްލިމް ޣާޒީންގެ ފައިދަށުވެ ފުނޑުފުނޑުވެއްޖެއެވެ. ޖާބާނާއި އޭނާގެ ކްރިސްޓިއަން ޙަލީފުން ފިލައިގެން ހިނގައްޖެއެވެ. މަރުވެފައިވާ އެތައްބަޔެއްގެ ހަށިތައް ފުނިފުންޏަށް މައިދާނަށް ދޫކޮށްފައެވެ. އުއްލައިސުގައިވެސް އީރާނު ލަޝްކަރު ބުރަބުރައިގެންގޮސް ވިއްސިވިހާލިވި ޚަބަރު ލިބިވަޑައިގެންނެވުމާއެކު އާލާސްކަންފުޅާ އެނދުދާންކޮޅުގައި އޮންނެވި ޝަހެންޝާހު އޭނާގެ އެންމެފަހު ނޭވާފުޅު ދޫކޮށްލައްވައިފިއެވެ.
އުއްލައިސުގެ ހަނގުރާމަޔަށްފަހު ޖާބާން ފުރާތުކޯރާ ތަންކޮޅެއް ފޭއަށް ފަހަތަށް ޖެހިވަޑައިގެން ކޯރެއްގެ އައްސޭރީގައި މުޢަސްކަރު ހައްދަވައިފިއެވެ. އީރާނުގެ ފިލައިގެންދިޔަ ސިފައިން އެތަނަށް ޖަމާވާން ފަށައިފިއެވެ. އެބައިމީހުން އިންތިޒާރުކުރަމުން ގެންދިޔައީ ބަހުމަން ޖާދުވިއްޔާގެ ފަރާތްޕުޅުން އަންނަ އައު އަމުރުފުޅަކަށެވެ.
އުއްލައިސުގެ ހަނގުރާމަޔަކީ ޒަރުބަޚުތު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ތިންވަނަ ހަނގުރާމައެވެ. ޖާބާން ވަނީ ޒަރުބަޚުތުގެ ހިތްވަރުފުޅު ގަދަކަމާއި، ކެރިވަޑައިގަތުމާއި ޢަސްކަރީ ވިސްނުންފުޅު ތޫނުކަމަށް އިޢުތިރާފުވެވަޑައިގެންފައެވެ. އޭނާ މަގާމުގެ ކުރިއެރުން ދެއްވަން ސަކާކުރެއްވި ޒުވާން އޮފިސަރުންގެ ލިސްޓުގެ އެންމެ ކުރީގައިވަނީ ޒަރުބަޚުތުގެ ނަންފުޅެވެ. ޖާބާން ވަނީ ޒަރުބަޚުތަށް އެކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ.
އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ސިފައިންގެ މީހެއް ޒަރުބަޚުތުގެ ފޭލިގެކޮޅަށް އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. ޖާބާން މަނިކުފާނަށް އެބަވިދާޅުވެއެވެ. ޒަރުބަޚުތު އަވަސްއަވަހަށް ތެދުވެވަޑައިގެން ޖާބާނުގެ ފޭލިގެކޮޅާ ދިމާޔަށް ވަޑައިގެންފިއެވެ. އޭރު ސިފައިންގެ އެންމެމަތީ ވެރިޔާގެ ޤާއިމްމަޤާމު ޖާބާން އޭނާގެ ތަނަވަސް ފޭލިގެކޮޅުގައި އިންނެވިއެވެ. އޭނާގެ ކުރިފުޅުމަތީގައި ޒުވާނެއް ކޮޅަށް ހުންނެވިއެވެ. ޒަރުބަޚުތު އެފޭލިގެކޮޅަށް ވެދެވަޑައިގެންނެވުމާއެކު އެޒުވާނާއަކީ ކާކުކަން އެނގިވަޑައިގެންފިއެވެ. އޭނާގެ ނަންފުޅަކީ އާދުމާނެވެ. އޭނާވަނީ ކިސްރާގެ ހަށިފާރަވެރީންގެ ލަޝްކަރުގައި ޒަރުބަޚުތުގެ ދަށުން މަސައްކަތްކުރައްވައިފައެވެ.
ޒަމާންވީ ދެ ރަޙުމަތްތެރީން އަތްޕުޅުގެ އިޝާރާތުންނާއި ލޯފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް މަރުޙަބާ ވިދާޅުވިއެވެ.
ޖާބާން ސުވާލުކުރެއްވިއެވެ. "ތިޔަބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކު ދެނެވަޑައިގަންނަވަމުތޯއެވެ؟"
އާދުމާން ޖަވާބު ދެއްވިއެވެ. "އާދޭހެވެ. ސާހިބާއެވެ! ޒަރުބަޚުތަކީ ޝާހީ އަސްވާރުންގެ ސްކޮޑްރަންގައި އަޅުގަނޑުގެ އޮފިސަރެވެ."
ޖާބާން ޒަރުބަޚުތާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ފުރޭބުރުޒު އެދިވަޑައިގަންނަވަނީ ކަލާ ޝަހެންޝާހުގެ ފާރަވެރީންގެ ލަޝްކަރަށް އަނބުރާ ފޮނުވުމަށެވެ. ކަލާ މީގެފަހުން މަސައްކަތްކުރައްވަނީ މަދާއިނުގައެވެ. އޭނާގެ ނާއިބެއްގެ ޙައިޘިއްޔަތުންނެވެ. އޭނާ ލިޔުއްވައިފައިވާ ގޮތުގައި އަލަށް ލައްވާ ސިފައިން ތަމްރީނުކުރެއްވުމަށްޓަކައި އޭނާވަނީ ޒިންމާދާރު ހުސިޔާރު އޮފިސަރަކަށް ބޭނުންފުޅުވެފައެވެ. ކަލާގެ ނަސީބުފުޅު ރަނގަޅުކަމުން އެމަގާމަށް އަހުލުވެރިކަމުގައި އޭނާ ދެކެވަޑައިގަންނަވަނީ ކަލާއެވެ."
ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ހީކޮށްގެންހުރީ ހަނގުރާމަ ނުނިމެނީސް އަޅުގަނޑު އަނބުރާ ނުގެންދަވާނެ ކަމުގައެވެ."
ޖާބާން ވިދާޅުވިއެވެ. "އަޅުގަނޑު ދެނެހުރީމެވެ. ކޮމާންޑަރ އިން ޗީފް ކަލާ ލަޝްކަރުގައި ހިމެނުއްވީވެސް ފުރޭބުރުޒުގެ އެދިވަޑައިގެންނެވުމަކަށެވެ. ނަމަވެސް އޭނާ މިހާރު ދެކެވަޑައިގަންނަވަނީ މަދާއިނުގައި ކަލާގެ ބޭނުން މާބޮޑުކަމުގައެވެ. ކޮމާންޑަރ އިން ޗީފް އަޅުގަނޑަށް އަންގަވައިފައިވަނީ ވަގުތުން ކަލާ ލަޝްކަރުން ވަކިކޮށްފައި މަދާއިނަށް ފޮނުވުމަށެވެ. ކަލާ ވަޑައިގަންނަވާތީ އަޅުގަނޑު ހިތާމަކުރަމެވެ. ނަމަވެސް ކަލާއަށް އެންމެ ރަނގަޅުވާނީ އެގޮތެވެ. ފުރޭބުރުޒު އެ މަޤްޞަދެއްގައި ކަލާ ހަނގުރާމައިގެ މައިދާނަށް ފޮނުއްވި މަޤްޞަދު މިހާރު ޙާޞިލުވެއްޖެއެވެ. ކަލާ ވަނީ ކަލާއަކީ ރަނގަޅު ސިފައިންގެ މީހެއްކަމާއި ކިތަންމެބޮޑު މަސްއޫލިއްޔަތެއްވެސް ކަލާއާ ޙަވާލުކުރެވިދާނެކަން ސާބިތުކޮށްދެއްވައިފައެވެ. މިހާރަކު މަދާއިނުގެ އެއްވެސް މީހަކަށް ފުރޭބުރުޒު ކަލާއަށް މަގާމުގެ ކުރިއެރުން ދެއްވީ އެއްވެސްކަހަލަ ޒާތީ ގުޅުމަކާ ހުރެއެކޭ ނުބުނެވޭނެއެވެ. އަޅުގަނޑަށް ހީވާގޮތުގައި މަދާއިނުގެ ޙާލަތު މިހާރަކު މާރަނގަޅެއް ނޫނެވެ. އެހެންނޫންނަމަ ކޮމާންޑަރ އިން ޗީފް މިހާގިނަދުވަހަކު މަދާއިނުގައި މަޑެއް ނުކުރެއްވީހެވެ. އަޅުގަނޑަށް ހީވަނީ ފުރޭބުރުޒު ކަލާ އޭނާގެ އަރިހަށް ގެންދަވަނީވެސް އެހެންވެގެންހެންނެވެ. އެހެންކަމުން ކަލާ ހަމަ މިއަދު ފުރާވަޑައިގަންނަވާށެވެ." ޒަރުބަޚުތު ޖާބާނާ ސަލާމްކޮށްލައްވައިފައި އާދުމާން ގޮވައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
ޒަރުބަޚުތު ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާގެ ފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ. އޭނާގެ އަސް ތައްޔާރުކުރުމަށާއި ނާސްތާ ފަރީއްކޮޅު ގެންނަން ނޯކަރަށް އަމުރުކުރައްވައިފިއެވެ. އެއަށްފަހު އާދުމާން އޭނާގެ އަރިހުގައި ބައިންދަވައިފައި ސުވާލުކުރެއްވިއެވެ. "މަދާއިނުގައި ހިނގަނީ ކޮންކަމެއްތޯއެވެ؟ ކޮމާންޑަރ އިން ޗީފް މަދާއިނުގައި ކުރައްވަނީ ކީއްތޯއެވެ. މުސްލިމުން އިމްޣީޝިޔާ ހިފައިފިއެވެ. މިހާރު ހީރަތާ ދިމާޔަށް ކުރިއަރަމުން ދަނީއެވެ. ޖާބާނަށް ކުރިޔަށް ވަޑައިގެންނެވުމުގެ އަމުރު ލިބިވަޑައިގަންނަވާނީ ކޮންއިރަކު ކަމެއްވެސް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ޝަހެންޝާހު އާލާސްކަންފުޅާ އުޅުއްވާ ވާހަކަޔަކީ ތެދެއްތޯއެވެ؟"
އާދުމާން ޖަވާބު ދެއްވިއެވެ. "ޝަހެންޝާހު އުޅުއްވަނީ ވަރަށްބޮޑަށް އާލާސްކަންފުޅާއެވެ. ކޮމާންޑަރ އިން ޗީފް އެތާނގައި މަޑުކުރެއްވީ އެހެންވެގެންނެވެ."
"އެކަމަކު އޭނާއަށް ހީރަތުގެ މީހުން އެމީހުންގެ އެކަނި ހާލަކަށް ދޫކޮށެއް ނުލެއްވޭނެއެވެ."
އާދުމާން ޖަވާބު ދެއްވިއެވެ. "އޭނާގެ އަރިހުގައި މިވަގުތު ހީރަތަށްވުރެ މުހިންމީ މަދާއިން ކަމުގައި ވެދާނެއެވެ."
"އެކަމަކު މަދާއިނުގައި ހުންނަވައިގެންވެސް އޭނާއަށް ޖަބާނަށް ކުރިޔަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވިދާނެއެވެ."
"އެކަމަކު މިހާރު ކަންހުރިގޮތުން މަދާއިނުގެ ކައިރީގައި ލަޝްކަރާއިގެން ހުންނެވުން މާމުހިންމުކަމުގައި އޭނާ ދެކެވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ."
ޒަރުބަޚުތު އިރުކޮޅަކު ވިސްނައިވަޑައިގަތުމަށްފަހު ވިދާޅުވިއެވެ. "އާދުމާނެވެ. ކަލާއަކީ އަޅުގަނޑުގެ ރަޙުމަތްތެރިޔަކީމުއެވެ. މަދާއިނުގައި އެއްވެސްކަހަލަ އިދިކޮޅު ޙަރަކާތެއް ހިނގާކަން އެނގިވަޑައިގެންފައިވާނަމަ އެއްވެސް ވަންހަނާކުރެއްވުމެއްނެތި ކަލާއަށް އަޅުގަނޑުގެ ގާތުގައި އެވާހަކަ ވިދާޅުވެވިދާނެއެވެ."
އާމުދާން ޖަވާބުދެއްވިއެވެ. "އަޅުގަނޑަކަށް އެއްވެސްކަހަލަ އިދިކޮޅު ރޭވުމެއްގެ ޙަރަކާތެއް ހިނގާކަމެއް އެނގިފައެއްނެތެވެ. ނަމަވެސް ޝަހެންޝާހު އާލާސްކަންފުޅާ އުޅުއްވާ ވަގުތެއްގައި ލަޝްކަރު އެއްމައިދާނަކަށްފަހު އަނެއް މައިދާނެއްގައި ބަލިވަމުންދާނަމަ ރަސްކަމުގެ ކޮއިލުގެ ތެރޭގައި ކޮންމެފަދަ ކަމެއްވެސް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ."
"އެކަމަކު ބަހުމަން އެއްވެސްކަހަލަ ރޭވުމެއްގައި ބައިވެރިވެވަޑައިގެންފާނެކަމަކަށް އަޅުގަނޑުގެ ޚިޔާލަކަށްވެސް ނުގެނެވެއެވެ. އޭނާއަކީ ޙަޤީޤީ މާނައިގައި ސިފައިންގެ މީހެކެވެ."
އާދުމާން ޖަވާބު ދެއްވިއެވެ. "ތިޔަ ވިދާޅުވި ސަބަބާހުރެ ޝަހެންޝާހު އޭނާ މަދާއިނުގައި މަޑުކުރުއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނުރައްކަލެއްގެ ވަގުތުގައި އޭނާއަށް އިތުބާރުކުރެއްވިދާނެއެވެ. ކަލާއަށް އެނގިވަޑައިގަންނަވާނެއެވެ. ބައެއްފަހަރު މިފަދަ ވަގުތުތަކުގައި ރަސްކަމުގެ ތަޤްދީރު ރާވާބަޔަކީ ހުވާޖާސަރާއިންނެވެ. އަރިހުގައި ގެންގުޅުއްވާ ހެއްވާ ވާހަކަ ދަންނަވާ މީހުންނެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑަށް ޔަޤީނެވެ. ޝަހެންޝާހުގެ ފާރަވެރީންގެ ލަޝްކަރުގެ ކޮމާންޑަރުކަން ފުރޭބުރުޒުގެ އަތްޕުޅުގައި އޮތްހައިހިނދަކު ވެރިކަން ބަދަލުކުރާން އެތެރެއިން ރޭވޭ އެއްވެސް ރޭވުމެއް ކާމިޔާބެއް ނުވާނެއެވެ."
އާދުމާން ވިދާޅުވިއެވެ. "ތިޔަކަން އަޅުގަނޑަށްވެސް އެނގެއެވެ. ނަމަވެސް ....."
"ނަމަވެސް ކީކޭތޯއެވެ؟"
"ކަލާއަށް އެނގިވަޑައިގަންނަވާނެ ފަދައިން ފުރޭބުރުޒު އޭނާގެ އިމުންބޭރަށް ފިޔަވަޅެއް އަޅުއްވާކަށެއް ރުހިވަޑައެއް ނުގަންނަވާނެއެވެ. އޭނާ ތަޚުތާއި ތަޚުތުގައި އިންނަވާ ބޭފުޅަކު ޙިމާޔަތް ކުރައްވާނެއެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާ ޝަހެންޝާހު އަވަހާރަވާ ވަގުތު ތަޚުތަށް ވާދަކުރައްވާ އުމީދާރުންނާއި ދަޢުވާވެރީންގެ ކޯޅިވަޑައިގަތުމެއްގެ ތެރެޔަކަށް ވެދެވަޑައެއް ނުގަންނަވާނެއެވެ. އޭނާގެ ވަފާތެރިކަން އޮންނާނީ އެހެނިހެން އުމީދާރުން ބަލިކޮށްލައްވައި ތަޚުތުގައި އިށީނދެވަޑައިގަންނަވާ ބޭފުޅަކާ އެކުގައެވެ. ރަސްކަން ބަދަލުވަމުންދާއިރުވެސް އޭނާގެ މަގާމަށް އަސަރެއް ނުފޯރަނީ އެހެންވެގެންނެވެ. މަދާއިނުގެ ރައްޔިތުންނާއި ފުރަދާނައިން އެއްވެސް ތަފާތެއްނެތި އޭނާއަށް ޤަދަރުކުރައްވަނީ އެހެންވެގެންނެވެ."
ޒަރުބަޚުތު އޭނާގެ ބައްޕާފުޅުގެ ރަޙްމަތްތެރިޔާ އަދި އޭނާގެ މުހުސިނާ ބެހޭގޮތުން މާދިގުކޮށް ވާހަކަ ދެކެވޭކަށެއް ބޭނުންފުޅެއް ނޫނެވެ. އެހެންކަމުން ވަގުތުން މައުޟޫޢު ބަދަލުކޮށްލައްވަން ބޭނުންފުޅުވިއެވެ.
އިރުކޮޅެއްގެފަހުން އޭނާގެ ނާސްތާ ފަރީއްކޮޅު ނިންމައިލައްވައިފިއެވެ. ދަތުރުފުޅަށް ތައްޔާރުވެވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެވަގުތު ފޭލިގެކޮޅުގެ ބޭރުން ބަޔަކު ހަޅޭއްލަވާ އަޑު އިވިވަޑައިގެންފިއެވެ. ސިފައިންގެ މީހެއް މާނޭވާލަމުން އޭނާގެ ފޭލިގެކޮޅަށް ވަދެއްޖެއެވެ. އޭނާ ބުންޏެވެ. "ސާހިބާއެވެ! ފާރަވެރީން ޝައްކުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. އެކަމަކު އޭނާ ބުނަނީ މަނިކުފާނު އޭނާ ދެނެވަޑައިގަންނަވާނެ ކަމުގައެވެ."
ޒަރުބަޚުތު ކަންބޮޑުވެވަޑައިގެންނެވުމާއެކު ފޭލިގެކޮޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ފޭލިގެކޮޅާ ވަރަށް ކައިރީން އޭނާއަށް ސިފައިންގެ ބައިގަނޑެއް ފެނިވަޑައިގެންފިއެވެ. ސިފައިންގެ މީހެއް އުމުރުން ދުވަސްވެފައިހުރި މީހެއްގެ ކަރުގައި ވާޖަހައިގެން ދަމައިފައި އާދެއެވެ. އާރެއްބާރެއް ނެތުމާއި ނިކަމެތިކަމުގެ އިޙްސާސްގެ ސަބަބުން އެމީހާ ހުރީ އިސްއޮބައިލައިގެންނެވެ. އެއީ ކާއޫސެވެ. ޢާއިލާގެ މުސްކުޅި ޚާދިމުގެ ހާލު ފެނިވަޑައިގެންނެވުމުން ޒަރުބަޚުތަށް ހީފުޅުވީ ހިތްޕުޅުގައި ކުރަފަތެއް އެޅިހެންނެވެ. ޒަރުބަޚުތު ދުވެވަޑައިގެންފައި ވަޑައިގެން ސިފައިންގެ މީހާގެ މޫނުމަތީގައި ތަފާލެއް ޖައްސަވައިފައި ކާއޫސްގެ ކަރުގައި ޖަހައިފައިހުރި ވާގަނޑު މޮއްސަވައިލައްވައިފިއެވެ.
ކާއޫސް އިސްއުފުލައިލައިފައި ޒަރުބަޚުތުގެ މޫނުފުޅަށް ބަލައިލިއެވެ. އޭނާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ސިފައިންތައް ބިރުން ފަހަތަށް ޖެހިލައިފިއެވެ.
ޒަރުބަޚުތު ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "ކާއޫސެވެ! އަހަރެން ހިތާމަކުރަމެވެ."
ކާއޫސް ޖަވާބު ދިނެވެ. "އަޅުގަނޑު މިބައިމީހުންގެ ގާތުގައި ތަކުރާރުކޮށް ބުނީމެވެ. އަޅުގަނޑަކީ މަނިކުފާނުގެ ނޯކަރަކީމެވެ. އެކަމަކު މިބައިމީހުން އަޅުގަނޑު ދައްކާ ވާހަކަ އަޑުއަހާކަށެއްވެސް ބޭނުމެއް ނުވިއެވެ. އަޅުގަނޑަކީ މުސްލިމުންގެ ޖާސޫސެއްކަމަށް ހީކޮށްގެން އަޅުގަނޑު ހައްޔަރުކޮށްފިއެވެ. އަޅުގަނޑުގެ އަސްވެސް ފޭރިގެންފިއެވެ." އަހުގެ ލަގަނުގައި ހިފައިގެންހުރި ސިފައިންގެ މީހާ ކުރިޔަށް ޖެހިލައިފައި ދެންނެވިއެވެ. "ސާހިބާއެވެ! އަޅުގަނޑުމެން ހިތާމަކުރަމުއެވެ. އަޅުގަނޑުމެންނަށް އަމުރު އައިސްފައިވަނީ ޝައްކުކުރެވޭފަދަ މީހަކު މުޢަސްކަރުގެ ކައިރީން ފެނިއްޖެނަމަ ހައްޔަރުކުރުމަށެވެ."
ޒަރުބަޚުތު ގުގުރައިވަޑައިގެންފައި ވިދާޅުވިއެވެ. "ހިމޭނުން ހުންނާށެވެ!" އެއަށްފަހު ކާއޫސާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ކާއޫސެވެ. އަހަރެން މިދަނީ މުހިންމު ބޭނުމެއްގައި މަދާއިނަށެވެ. އަހަންނާއެކުގައި ދާނަންހެއްޔެވެ؟"
"ސާހިބާއެވެ! އަޅުގަނޑު މަނިކުފާނުގެ އަރިހަށް މިއައީ ބޭނުމަކުއެވެ. އިހަށް އަޅުގަނޑުގެ ވާހަކަ އަޑުއައްސަވާށެވެ. އެއަށްފަހު ބޭނުންފުޅު ތަނަކަށް ގެންދަވާށެވެ."
"ބުނެބަލާށެވެ."
ކާއޫސް އެތަނަށް ޖަމާވަމުންދިޔަ ސިފައިންނާ ދިމާޔަށް ބަލައިލައިފައި އިސްދަށަށް ޖަހައިލިއެވެ. ޒަރުބަޚުތު ކާއޫސުގެ އަތުގައި ހިއްޕަވައި ވިދާޅުވިއެވެ. "އަހަންނާއެކު އަންނާށެވެ!"
ޒަރުބަޚުތު އޭނާގެ ފޭލިގެކޮޅާ ދިމާޔަށް ވަޑައިގެންފިއެވެ. އާދުމާން ބޭރުގައި ކުޅިބައްލަވާން ހުންނަވައިފައި އެއްފަރާތަކަށް އަރައިވަޑައިގެންފިއެވެ. ޒަރުބަޚުތު އޭނާއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ."
"ކަލާ މިތާނގައި މަޑުކުރައްވާށެވެ. އަޅުގަނޑު ހަމަ މިހާރު އެބައަންނަމެވެ."
ޒަރުބަޚުތު ފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ. އޭނާ އިރުކޮޅެއްވަންދެން ކާއޫސާ ދިމާޔަށް ބައްލަވާން ހިމޭނުން ހުންނެވިއެވެ. އިރުކޮޅެއް ކޮށްލައްވައިފައި ވިދާޅުވިއެވެ. "ކާއޫސެވެ! ކަލޭ ތިޔައީ ދުޝްމިނުން އަހަރެމެންގެ ގެ އަންދައިލައި ދަނޑުފަނގުތަކާއި ބަގީޗާތައް ނޮޅައިލި ޚަބަރާއިގެން ހެއްޔެވެ؟ އެހެންކަމުގައިވާނަމަ އެވާހަކަ ދައްކާކަށެއް އެހެންމީހުނާ އެކަހެރިވުމުގެ ބޭނުމެއްނެތެވެ. އަހަރެމެންގެ އަވަށާބެހޭ އެއްވެސް ވާހަކަޔަކީ މިހާރު އަހަންނަށް ބަރުދާސްތު ނުކުރެވޭފަދަ ވާހަކަޔަކަށެއް ނުވާނެއެވެ."
"އަޅުގަނޑު ދަންނަވާން މިއައީ މަނިކުފާނުގެ ގެކޮޅު ސަލާމަތުން ހުރިވާހަކައެވެ. މަނިކުފާނުގެ ހުރިހައި ދަނޑުފަނގަކާއި ބަގީޗާތައް ރައްކާތެރިކަމުގައި ހުރިވާހަކައެވެ."
"ކަލޭ ތިޔައައީ އެތަނުން ފިލައިގެންހެއްޔެވެ؟"
"ނޫނެކެވެ. މަނިކުފާނުގެ އަރިހަށް އަޅުގަނޑު ފޮނުއްވީ حسّان އެވެ. އަޅުގަނޑު ދިޔައީ ސީދާ މަދާއިނަށް ދާންވެގެންނެވެ. މަނިކުފާނު ފަހަރެއްގައި ލަޝްކަރާއެކުގައި ހުންނަވައިފާނެކަމަށް ހީވެގެން މިދިމާޔަށް އައީއެވެ."
"ކަލޭ ތިޔައައީ حسّان ގެ ޤާސިދަކަށް ވެގެންހެއްޔެވެ؟"
"އާދޭހެވެ. އަޅުގަނޑު މިއައީ حسّان ގެ ފަރާތްޕުޅުން މަނިކުފާނުގެ އަރިހުގައި ދެންނެވުމަށްޓަކައެވެ. މަނިކުފާނު އެނބުރިވަޑައިގެންފިނަމަ މަނިކުފާނުގެ ފުރާނަފުޅާއި ޢިއްޒަތާއި ޙުރުމަތާއި ހުރިހާ މުދަލެއް ޙިމާޔަތްކުރެއްވުމަކީ އޭނާގެ ޒިންމާއެކެވެ. އޭނާ ވަނީވެސް މުސްލިމުންގެ ކޮމާންޑަރ އިން ޗީފްގެ އަރިހުން އެކަމުގެ ލިޔުމެއްވެސް ހޯއްދަވައިފައެވެ. މަނިކުފާނު އަމަންއަމާންކަން ޤާއިމުކުރުމުގައި މުސްލިމުންނަށް އެއްބާރުލެއްވުން ދެއްވާނަމަ، މަނިކުފާނުގެ އަވަށުން ފެށިގެން ވަލަޖާއާއި މަޒާރާ ހަމަޔަށް މުސްލިމުން ފަތަޙަކޮށްފައިވާހައިތަނެއްގެ އިދާރީ ހިންގުމުގެ ހުރިހައިކަމެއް މަނިކުފާނާ ޙަވާލުކުރެވޭނެއެވެ. حسّان މީގެކުރީންވަނީ މަނިކުފާނުގެ ބައްޕާފުޅުގެ ނަންފުޅުގައިވެސް މިފަދަ ފަތްކޮޅެއް ހޯއްދަވައިފައެވެ. حسّان ވަޑައިގަތީ ތިޔަބޭފުޅުންގެ އިޙްސާންތެރިކަމުގެ ބަދަލުދެއްވަން ވެގެންނެވެ. ނަމަވެސް މަނިކުފާނު އޭނާއަކީ ދުޝްމިނެއްކަމުގައި ހިއްތަވައި އޭނާއަށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދެއްވީމުއެވެ. މުސްލިމުންގެ ލަޝްކަރުގެ އިސްކޮމާންޑަރެއްވެސް މިދޭތެރެޔަކުން އަޅުގަނޑުމެންގެ އަވަށްތަކުގައި ބުރުޖެއްސެވިއެވެ. ހިސާބުގަނޑުގެ ހުރިހައި ޢަރަބި އަމީރުންވެސްވަނީ މަނިކުފާނު އަނބުރައިގެނުވަން އޭނާގެ އަރިހުން އެދިފައެވެ. ހުރުމުޒާއި އޭނާގެ މުވައްޒަފުން ޢަރަބި ދަނޑުވެރީންނަށް އަނިޔާކުރެއްވި ދުވަސްވަރު އެބައިމީހުންނަށް ޙިމާޔަތްދެއްވީ މަނިކުފާނުގެ ބައްޕާފުޅު ކަމުގައި ދެންނެވުމުން އޭނާ ވަރަށް އުފާކުރެއްވިއެވެ."
(ނުނިމޭ)