މާލެ ސަރަހައްދަށް ލޮކްޑައުންގެ ހާލަތު އިއުލާންކޮފައި އޮތްނަމަވެސް މާދަމާ އާއި ހޯމަ ދުވަހު ބޭންކުތައް ހުޅުވާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު މާލެއިން ކޮވިޑް ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.
އެމްއެމްއޭ އިން ބުނީ، ކުރިއަށް އޮތް ދެ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:30 އެމްއެމްއޭ އާއި ބޭންކުތައް ހުޅުވިނަމަވެސް ދޭނީ އެންމެ ޒަރޫރީ ހިދުމަތްތައް ކަމަށެވެ. އެގޮތުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޓީޓީ ރިކުއެސްޓްތަކާއި ޕޭ ރޯލް ރިކުއެސްޓްތަކާއި އާރުޓީޖީއެސް ޓްރާންސްފާގެ ހިދުމަތްތަކުގެ އިތުރުން އޯވަސީސް މަނީ ޓްރާންސްފާގެ ހިދުމަތްތަކެވެ.
އެމްއެމްއޭ އިން ބުނީ، ބޭންކުތަކަށް ދިއުމުގެ ބަދަލުގައި ބޭންކުތަކުން ހަމަޖައްސައިދީފައިވާ އޮންލައިންގެ ހިދުމަތްތައް ބޭނުންކޮށްގެން ހިދުމަތަށް އެދުމަށް އެދޭ ކަމަށެވެ.
އިއްޔެ އިން ފެށިގެން މާލެ ސަރަހައްދަށް ލޮކްޑައުންގެ ހާލަތު އިއުލާން ކޮށްފައިވާއިރު އެކަމާ ގުޅިގެން މިމަހުގެ ނިޔަލަށް ސަރުކާރު ވެސް ބަންދުކުރަން ވަނީ ނިންމައިފައެވެ.