Close
ކުއްލި ޚަބަރު

މިހާތަނަށް ބަލާއިރު ބަލި ޖެހިގެން ފެންނަ މީހުންގެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި: ޑރ. އަފްޒަލް

އަލީ ޔާމިން

1

މިހާތަނަށް ބަލާއިރު ބަލި ޖެހިގެން ފެންނަ މީހުންގެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، އެވްރެޖުކޮށް ކޮންމެ ދުވަހަކު މިހާރު ބަލި ޖެހެނީ ހަތަރު މީހުންނަށް ކަމަށާއި އެހެންކަމުން ބަލި ޖެހިގެން ފެންނަ މީހުންގެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައިކަމަށެވެ.

"މިހާތަނަށް ލިބިފައި ހުރި ކޭސެސްއާ ކޮންޓެކްޓްތަކަށް ބަލާއިރު މި ހަތަރު ދުވަހަށް ބަލާލައިފިއްޔާ، 15 އިން ފެށިގެން ބަލާލައިފިއްޔާ ގާތްގަނޑަކަށް ދުވާލަކަށް ހަތަރު ކޭސް މި ފެންނަނީ. އެވެސް އިތުރަށް ފެތުރިގެންދާ މަންޒަރުން ބަލައިފިނަމަ ދުވާލެއްގެ މައްޗަށް ފެންނަ ނަންބަރު ދުވަހެއް ދުވަހަށް އިތުރުވެގެންދާނެ. ނަމަވެސް މިހާރު މިފެންނަނީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން ބެކްލޮގެކޭ މިފެންނަނީ. އެހެންވީމަ އޭގަ މި ފެންނަނީ އެއްވަރަކަށް ސްޓެޑީކޮށް އަންނަތަން." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މާލެއިން ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި މީހާގެ ޕްރައިމަރީ ކޮންޓެކްޓުން ގިނަ ކަމަށާއި ނަމަވެސް ދެން ތިބި ކޭސްތަކުގެ ކޮންޓެކްޓުން މަދުކަމަށެވެ. އެގޮތުން އެވްރެޖުކޮށް ކޮންމެ ކޭސްއަކުން ކޮންޓެކްޓްވެފައިވަނީ 71 މީހަކަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ޕްރައިމަރީ ކޮންޓެކްޓުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވެފައިވާ ބައެއް މީހުންގެ ފަރާތުން އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

މާލެއިން މިހާތަނަށް 14 މީހުން ކޮވިޑަށް ޕޮޒިޓިވެފައިވާއިރު، ކޮވިޑާ ދެކޮޅަށް އަޅާއިފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އިހުތިރާމް ކޮށްފިނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރެވޭނެ ކަމަށްވެސް އަފްޒަލް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟