Close
ކުއްލި ޚަބަރު

ޑެލިވަރީ ކުރަން އަންނަ މީހާއާ ވެސް އެކަށީގެންވާ ގައިދުރުކަން ބަހައްޓަން އިސްކަން ދެއްވާ!: ޑރ. އަފްޒަލް

އަލީ ޔާމިން

ޑެލިވަރީ ކުރަން އަންނަ މީހާއާ ވެސް އެކަށީގެންވާ ގައިދުރުކަން ބަހައްޓަން އިސްކަން ދެއްވުމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީީ، ޑެލިވަރީ ކުރާ މީހާ އާއި ގޭގައި އުޅޭ މީހުންގެ ރައްކާތެރިކަމަށްޓަކައި ޑެލިވަރީ ކުރާ މީހުންނާ މުއާމަލާތު ކުރުމުގައި ވީހާވެސް އެކަހެރިކޮށް އެކަން ކުރެވޭތޯ ބަލަންޖެހޭ ކަމަށެވެ. އަދި ޑެލިވަރީ ކުރުމަށްފަހު ވެސް ރަނގަޅަށް ސައިބޯނި ލައިގެން ނުވަތަ ސެނެޓައިޒާ ބޭނުންކޮށްގެން އަތް ދޮވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

"ޑެލިވަރީ ކުރާ މީހުންނާ ވެސް މުއާމަލާތު ކުރުމުގައި ވީހާ ވެސް އެކަހެރިކޮށް އެކަން ކުރެވޭތޯ ބަލާށޭ، ވާހަކައަކީ ގެއަށް އައިސް ވަންނައިރު އެމީހާއާ ދުރުމިނެއް ބަހަށްޓާށޭ. އެއީ ޑެލިވާ ކުރާ މީހާވެސް ރައްކާތެރިކަމަށްޓަކައި އަދި ގޭގެ މީހުންގެ ވެސް ރައްކާތެރިކަމަށްޓަކައި،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިދުވަސްވަރު އެންމެން ގޭގައި ތިބޭއިރު އަމިއްލަ ސާފުތާހިރުކަމާއި ގޭތެރޭގެ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަން ފާހަގަކުރައްވާ ޑޮކްޓަރު އިތުރަށް ވިދާޅުވީ ހަފްތާއަކު ދެފަހަރު ނަމަވެސް މުޅި ގެ އެއްކޮށް ފޮޅާ ސާފުކޮށްލުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެން ފެށުމުން ސަރުކާރުން ވަނީ އެކަން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކުރަން ނިންމައިފައެވެ. ނަމަވެސް މި ހާލަތުގައި ގޭގައި ތިބޭ މީހުންނަށް ފިހާރަތަކުންނާއި ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުމަށް ހާއްސަ ހުއްދައެއް ދަނީ ދޫކުރަމުންނެވެ. އެގޮތުން އެފަދަ 2،000 އަށްވުރެ ގިނަ ހުއްދަ ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.