Close
ކުއްލި ޚަބަރު

ލޮކްޑައުންގެ ދުވަސްވަރު ރައްޔިތުން ފުރިހަމަ އެއްބާރުލުން ދީފި ނަމަ ބަލި ޖެހޭ އަދަދު ދަށް ކުރެވޭނެ: ޑރ. އަފްޒަލް

އަލީ ޔާމިން

ލޮކްޑައުންގެ ދުވަސްވަރު ރައްޔިތުން ފުރިހަމަ އެއްބާރުލުން ދީފި ނަމަ ބަލި ޖެހޭ އަދަދު ދަށް ކުރެވޭނެ ކަމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީީ، ލޮކްޑައުންގެ ދުވަސްވަރުގައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބައިފިނަމަ ބަލިޖެހޭ އަދަދު ދަށް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ ބަލި ޖެހިފައި ތިބި މީހުންގެ ކޮންޓެކްޓުން އެނގުމުގެ ފުރުސަތު އޮވެ، ބަލި ޖެހިފައިވާ އެންމެންނަށް ފަރުވާދެވުމުގެ ފުރުސަތު އޮތުމުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި ކަރަންޓީނުގެ މުއްދަތުގެ ތެރޭގައި ތިބޭފުޅުން އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވައިފިނަމަ އަދި އަޅުގަނޑުމެން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށްފިނަމަ އަޅުގަނޑުމެންގެ މި ނަންބަރުތައް ކަރަންޓީންގެ ދުވަސްތައް އިތުރަށްދާ ވަރަކަށް ފެންނަލެއް މަދުވާނެ ކަމަށް،" އަފްޒަލް ވިދާޅުވިއެވެ.

މި ދުވަސްވަރު ބައެއް ކަހަލަގެ ހިދުމަތްތައް ދިނުމުގައި ލަސްތަކެއް އުޅެދާނެކަން ފާހަގަކުރައްވާ ޑޮކްޓަރު އިތުރަށް ވިދާޅުވީ، އެންމެހާ ރައްޔިތުން ވެސް މިދުވަސްވަރު ކެތްތެރިކަން އިސްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކޮވިޑް 19 އަށް މާލެއިން 15 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. ނަމަވެސް މާލެއިން ކޮވިޑް ޖެހިފައިވާ ފުރަތަމަ މީހާ މިދިޔަ ބުދަ ދުވަހު ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ މާލެ ސަރަހައްދު ލޮކްޑައުން ކުރަން ފަށައިފައެވެ. އަދި މިހާރު ލޮކްޑައުންގެ މުއްދަތު ވަނީ 14 ދުވަހަށް އިތުރުކޮށްފައެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި މިހާރު ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދާ ރޭޓަށްބަލާނަމަ ކުރިއަށް އޮތް 15 ނުވަތަ 21 ދުވަހުގެ ތެރޭގައި ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވާނެއެވެ. އަދި އެފަދަ ހާލަތެއްގައި އެންމެންނަށް ފަރުވާދެވޭނެ ވަސީލަތްތައް ރާއްޖޭގައި ނެތް ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.