Close
ކުއްލި ޚަބަރު

މިއަދު ޕޮޒިޓިވް ވި އެކަކީ ދެދަރީން ގޮވައިގެން ކަރަންޓީނުގައި ހުރި މާބަނޑު އަންހެނެއް، އެއްދަރިވެސް ޕޮޒިޓިވް

2

މިއަދު ކޮވިޑަށް ޕޮޒިޓިވް ވި ފަސް މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅަކު ހިމެނޭކަން "ވަން" އަށް ކަށަވަރުވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ޕޮޒިޓިވް ވި މާބަނޑު އަންހެނާގެ ފިރިމީހާ ވަނީ އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭނާ މިހާރު ހުރީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގަ އެވެ.

ފިރިމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން އަންހެން މީހާ ގެންގޮސް ބަހައްޓާފައި ހުރީ ކަރަންޓީނު ފެސިލިޓީއެއްގަ އެވެ. ކުޑަ ދެ ދަރީންވެސް އޭނާއާ އެކު ކަރަންޓީނަށް ގެންގޮސް އެއްތަނެއްގައި ބައިތިއްބާފައި ތިއްބެވެ.

މިއަދު މި އަންހެން މީހާ ޕޮޒިޓިވް ވެފައިވާ އިރު، އޭނާގެ ކުޑަ ދެކުދީންގެ ސާމްޕަލް ވެސް ވަނީ ނަގައިފަ އެވެ. އޭގެތެރެއިން ޕޮޒިޓިވް ވީ އެއް ކުއްޖެކެވެ.

އެންމެ ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕޮޒިޓިވް ވި މާބަނޑު މީހާއާއި އޭނާގެ ކުޑަ ދަރިފުޅު ފަރުކޮޅުފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެމީހުން ފަރުކޮޅުފުށީގައި ބައިތިއްބާނީ ކުޑަކުއްޖާގެ ބައްޕަ އަދި އަންހެން މީހާގެ ފިރިމީހާއާ އެއްތަނެއްގަ އެވެ.

ޕޮޒިޓިވް ވި މާބަނޑު މީހާއާއި އެކު ގެންދިޔަ ދެ ދަރީންގެ ތެރެއިން ނެގެޓިވް ވި ކުއްޖާ އިތުރު ޓެސްޓު ހެދުމަށް ބަހައްޓާނީ ކަރަންޓީނުގަ އެވެ. އޭނާ ކަރަންޓީނުގައި ދެން ބަހައްޓާނީ ހަމަ އެރަށުގައި ކަރަންޓީނުގައި ހުރި މި ކުއްޖާގެ ބޮޑުދައިތައެއްގެ ކައިރީގައި ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ބަންގްލަދޭޝް ފިރިހެނަކު ވެސް މިއަދު މާލޭން ވަނީ ފެނިފަ އެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ ދިވެހި އަންހެނަކާ އެވެ.

ރާއްޖޭގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 34 އަށް އަރާފައިވާ އިރު، މިބަލި ޖެހިފައިވާ 14 މީހަކު މާލެއިން ވެސް ވަނީ ފެނިފަ އެވެ. މި 14 މީހުން ވަނީ ތިން ކުރިޔަކަށް ބެހިފަ އެވެ. މާލޭން ކޮވިޑު ފެނުނުތާ މިއަދަށް މީ ތިން ވަނަ ދުވަހެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟